ޖުމްހޫރީ ޕާޓީ

ޕީޕީއެމްއާއެކު ކޯލިޝަނެއް ނަހަދަން، މިތިބީ ސަރުކާރުގަ: ގާސިމް

ސަރުކާރާ އިދިކޮޅު ޕާޓީ ޕޮރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއެކު ކޯލިޝަން ނުހަދާ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.

މިރޭ ޖޭޕީގެ ޖަގަހަ ކަމަށްވާ ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގާސިމް ވިދާޅުވީ، ޕީޕީއެމްގެ ތާއިދާއެކު މަޖިލިސް އިންތިހާބުގައި ވާދަކުރަން ނިންމި ނަމަވެސް ހަތަރު ޕާޓީ ގުޅިގެން އުފައްދާފައިވާ ސަރުކާރު ކޯލިޝަންއިން ޖޭޕީ ބޭރުވެފައި ނުވާ ކަމަށެވެ.

"އަޅުގަނޑުމެން ކުރަން މިއުޅޭ ކަމަކީ އެއްގޮތަކަށްވެސް ޕީޕީއެމާ ކޯލިޝަނެއް ހަދައިގެނެއް ނޫން މިއުޅެނީ،" ގާސިމް ވިދާޅުވި އެވެ.

އިދިކޮޅު ޕީޕީއެމް އާއެކު ވެފައިވާ އެއްބަސްވުމަކީ ލިޔެ ކިޔުމަކުން ވެފައިވާ އެއްބަސްވުމެއް ނޫން ކަމަށްވެސް ގާސިމް ވިދާޅުވި އެވެ. ގާސިމް ވިދާޅުވީ ޕީޕީއެމް އާއެކު ވެވުނީ މެމްބަރުންގެ މެދުގައި އަނގަ ބަހުން ވެވުނު އެއްބަސްވުމެއް ކަމަށެވެ.

"މެމްބަރުންގެ މެދުގައި ދެކެވުނު ވާހަކަތަކުގެ ނަތިއްޖާއެއްގެ ގޮތުން މި ޕާޓީތަކުގެ ވެރިންނާ ހަމައަށް އާދެވުނީ، އާދެވުނީމަ އަޅުގަނޑުމެން ވާހަކަ ދައްކައިގެން ވެވުނު އެއްބަސްވުމެއް ރައީސް ޔާމީން ޖަލަށް ވަޑައިގަތުމުގެ ކުރިން، މިކަން އޮތި އެއްބަސްވެ ނިމިފަ މިއަދު އެވާހަކަ އިއުލާންކޮށް އެބޭފުޅުން އަޅުގަނޑުމެންނަށް ތާއިދުކުރަން ނިންމީމަ އަޅުގަނޑުމެން ވެސް ޖެހޭ އެއްބަސްވި އެއްބަސްވުމާ ކުރިއަށް ދާން،" ގާސިމް ވިދާޅުވި އެވެ.

ޖޭޕީއިން އިދިކޮޅު ޕާޓީ ޕީޕީއެމްއާއެކު ކޯލިޝަން ހަދާފައިވާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ގެންދަވަނީ ޖޭޕީއަށާއި ގާސިމް އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ. މިއަދު ހަވީރު ޕީޕީއެމް އާއި ޕީއެންސީ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ލ. ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުރަހީމް އަބްދުﷲ ވިދާޅުވެފަ ވަނީ ޖޭޕީ އިދިކޮޅު ފަރާތްތަކަށް ގުޅެން ނިންމާފައިވާ ކަމަށެވެ. އަދި އިދިކޮޅާ ގުޅޭނީ ސަރުކާރު ކޯލިޝަނުން ބޭރުވުމަށް ފަހުގައި ކަމަށެވެ.

ގާސިމް މިރޭ ވިދާޅުވީ، މަޖިލިސް ގޮޑިތަށް ބެހުމާ ގުޅޭގޮތުން ހެދިފައިވާ އެއްބަސްވުމާ ހިލާފުވެ އެމްޑިޕީއިން 87 ދާއިރާއަކަށް ވާދަކުރަން ނިންމައި ޖޭޕީ މަގުމަތި ކޮށްފައިވާ ކަމަށެވެ. އެހިސާބުން ފެށިގެން ޖޭޕީ އޮތީ ޖޭޕީގެ ފަރާތުން މަޖިލިސް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ތާއިދުކުރާ ފަރާތްތަކާ ގުޅޭ ގޮތަށް ނިންމާފައި ކަމަށެވެ. އެގޮތުން ޖޭޕީގެ ކެންޑިޑޭޓުންނަށް ތާއިދު ކުރަން ނިންމީ ޕީޕީއެމްއިން ކަމަށެވެ.

ގާސިމް ވިދާޅުވީ، އެމްޑިޕީއިން 87 ދާއިރާއަކަށް ވާދަކުރަން ނިންމުމުން، އެކަން އެގޮތަށް ނުކޮށް ކޯލިޝަންގައި ހިމެނޭ ހަތަރު ޕާޓީ ގުޅިގެން ހެދިފައިވާ އެއްބަސްވުމުގައިވާ ގޮތަށް އަމަލުކުރަން އެދުނު ކަމަށެވެ. އެހެންނަމަވެސް އެމްޑިޕީއިން ވަނީ ހެދިފައިވާ އެއްބަސްވުމާ ހިލާފުވެފައި ކަމަށެވެ.

އެ އެއްބަސްވުމުގައިވާ ގޮތުން ގުޅިފައިވާ ޕާޓީތަކުގެ ސަރުކާރެއްގައި އިއްތިހާދުގެ ބައިވެރިން ހިއްސާވާ ހަމައަކީ އެމްޑީޕީއަށް 40 ޕަސަންޓު، ޖުމްހޫރީ ޕާޓީއަށް 25 ޕަސަންޓު، އަދާލަތު ޕާޓީއަށް 15 ޕަސަންޓު އަދި ރައީސް މައުމޫން އަބްދުލް ގައްޔޫމްއަށް 20 ޕަސަންޓެވެ.