މަޖިލިސް އިންތިހާބު 2019

މަޖިލިސް ގޮނޑިތަކާ ބެހޭގޮތުން އެމްޑީޕީ، އަދާލަތު މަޝްވަރާ ކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ގޮޑިތަކާ ބެހޭގޮތުން އެމްޑީޕީ އިން ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީއާ މިރޭ މަޝްވަރާ ކޮށްފި އެވެ.

މި މަޝްވަރާ އާ ބެހޭގޮތުން އިތުރު މައުލޫމާތެއް އަދި އެއްވެސް ފަރާތަކުން ހާމައެއް ނުކުރެ އެވެ.

މި ބައްދަލުވުމުގައި އަދާލަތު ޕާޓީގެ ފަރާތުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ، ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު އަދި ކަސްޓަމް ސާވީސްގެ ކޮމިޝަނާ ޖެނެރަލް އަހުމަދް ނުއުމާން ވަނީ ބައިވެރިވެފަ އެވެ. އެމްޑީޕީގެ ފަރާތުން ބައިބެރިވެވަޑައިގަތީ، އެ ޕާޓީގެ ލީޑަރު ކުރީގެ ރައީސް މުހައްމަދު ނަޝީދު، އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް، އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް އަދި އެމްޑީޕީ ޓިކެޓުގައި ބ. ތުޅާދޫ ދާއިރާއަށް ވާދަކުރާ ހިސާން ހުސެއިން އެވެ.

އަދާލަތު ޕާޓީއާ އެކު މިރޭ އެމްޑީޕީއިން މަޝްވަރާ ކުރައްވާފައިވާއިރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ 36 ދާއިރާއަކަށް ވާދަކުރަން ވަނީ ނިންމާފަ އެވެ. ކޯލިޝަންގެ މައިޕާޓީ އެމްޑީޕީ އިން ވަނި ފ. ނިލަންދޫ ދާއިރާ ފިޔަވާ އެހެން ހުރިހާ ދާއިރާތަކަށް ވާދަކުރަން ނިންމާފަ އެވެ.

ކޯލިޝަންއިން މަޖިލިސް އިންތިހާބުގައި ގޮޑިތަށް ބެހުމުގައި ވެފައިވާ އެއްބަސްވުމާ އެމްޑީޕީއިން ހިލާފު ވެއްޖެ ކަމަަށް ބުނެ ޖުމްހޫރީ ޕާޓީއިން ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. ކޯލިޝަންގައި ހިމެނޭ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވެސް ވަނީ ޕާޓީ އެއް އުފައްދަން ނިންމައި އެޕާޓީގެ ޓިކެޓުގައި މަޖިލިސް އަށް ވާދަކުރުމުގެ ފުރުސަތު ހުޅުވާލަފަ އެވެ.

ކޯލިޝަނުން އެއްބަސްވެފައިވާ ގޮތާ ހިލާފަށް އެމްޑީޕީ އިން މަޖިލިސް އިންތިހާބަށް ނިކުތުމުން ކޯލިޝަންގެ ބައިވެރިންގެ މެދުގައި ވަނީ ހިޔާލު ތަފާތުވުންތައް އުފެދިފަ އެވެ. އެމްޑީޕީއިން އަދާލަތު ޕާޓީއާއެކު މަޖިލިސް ގޮޑިތަކާ ބެހޭގޮތުން ވަކިން މަޝްވަރާކޮށްފައިވާ އިރު، އަދި ޖުމްހޫރި ޕާޓީއާއެކު ވަކިން ބައްދަލުކޮށްފައެއް ނުވެ އެވެ.

ޖުމްހުރީ ޕާޓީ އިން މީގެ ކުރިން ބުނެފައިވަނީ، އެޕާޓީ އޮތީ ކޮންމެ ބަޔަކާއެކުވެސް މަޝްވަރާ ކުރަން ތައްޔާރު ކަމަށެވެ. އެމްޑީޕީ އާއި ޖުމްހޫރި ޕާޓީ އާދެމެދު ހިޔާލު ތަފާތުވުން އުފެދުނު ހިސާބުން ޕީޕީއެމް އަށް ނިސްބަތްވާ މެމްބަރުން ގެންދަވަނީ ޖުމްހޫރީ ޕާޓީއަށާއި އެ ޕާޓީގެ ލީޑަރު އަދި މަޖިލިސް ރައީސް ގާސިމް އިބްރާހީމްއަށް ވަރަށް ބޮޑަށް ތައުރިފު ކުރައްވަމުންނެވެ. އަދި ޕީޕީއެމް އޮތީ ޖުމްހޫރީ ޕާޓީއާއެކު މަޝްވަރާ ކުރަން ތައްޔާރަށް ކަމަށްވެސް މީގެ ކުރިން ވަނީ ބުނެފަ އެވެ.