ހަބަރު

ޕީޕީއެމާއި ޖޭޕީގެ ކޯލިޝަނަށް ހަ ގޮނޑިވެސް ނުލިބޭނެ: ނަޝީދު

ޕީޕީއެމާއި ޖުމްހޫރީ ޕާޓީ ކޯލިޝަން ހަދައިގެން އަންނަ ރައްޔިތުންގެ މަޖިލީހަށް ނިކުންނެވި ނަމަވެސް އެބޭފުޅުންނަށް މަޖިލީހުގެ ހަ ގޮނޑިވެސް ނުލިބޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ހުޅުމާލެ ދާއިރާގެ ކެންޑިޑޭޓް އަލީ ނިޔާޒްގެ ކެމްޕެއިން ޖަލްސާގައި ނަޝީދު ވިދާޅުވީ، ރައީސް ސޯލިހް ނިކުންނެވީ ވައުދުތަކަކާއެކު ކަމަށާއި އެވައުދުތަކަކީ ގުޅިފައިވާ ޕާޓީތަކުން އެއްބަސް ވެފައިވާ ވައުދުތަކެއް ކަމަށެވެ. އެގޮތުން އެންމެ ބޮޑު އެއް ވައުދަކީ މަރާލެވިފައިވާ މީހުންނާއި ކޮރަޕްޝަންތައް ހޯދުމަށްވީ ވައުދުތައް ކަމަށެވެ. ނަމަވެސް ރައީސް ސޯލިހް ވެރިކަމަށް ވަޑައިގެންނެވުމުން ކޯލިޝަންގެ އެހެން ބޭފުޅުން އެކަންކަން ކުރަން ބޭނުންނުވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"ރައްޔިތުން މަޖިލީހުގެ ތަޅުމަށްވެސް މީގެން މައްސަލައެއް އަންނަ ގޮތެއް ނުވި، ވީވައުދު އެކަށް ހަނދާން ނެތިއްޖެ، ހަމައެއާއެކީގައި ކޮރަޕްޝަން ހުއްޓުވާލުމަށް ވީވައުދު، އަދި ވައްކަންތައް ހޯދުމަށްވީ ވައުދު، އެމްއެމްޕީއާރްސީގެ ފައިސާއަށްވީގޮތެއް ހޯދުމަށްވީ ވައުދުތައް ބަލާ ހޯދުމަށް ހެދި ކޮމިޝަންތަކަށް އަޅުގަނޑުމެންނަކަށް ނުފެނުނު އޭގެން މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް އައި ތަނެއް،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ، ވީ ވައުދުތަކާއި ދެކޮޅު ހަދާނަމަ އެހެން ކަންކަމާމެދުވެސް ޝައްކު އުފެދޭ ކަމަށެވެ. މިހާރު ފެންނަމުންދާ މަންޒަރުތަކުން އެމްޑީޕީއަށް މެޖޯރިޓީ ނުލިބިއްޖެނަމަ ވައުދުތައް ފުއްދިގެންދާ މަންޒަރު ނުފެންނާނެ ކަމަށެވެ.

"ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އެވަޑައިގަންނަވަނީ ކުރީގެ ރައީސް އަބުދުﷲ ޔާމީނާއެކުގައި އިއްތިހާދުވެވަޑައިގެން ދެން ރައްޔިތުންގެ މަޖިލީހަށް އެދެޕާޓީގެ މެންބަރުން ހޮއްވަވަން މަސައްކަތް ކުރެއްވުމަށް، ވަޑައިގަންނަވާ އަޅުގަނޑުމެންނަށް އިނގޭ ނުހޮވޭނެކަން، ޕީޕީއެމާއެކުގައި އިއްތިހާދަށްވެގެން ރަނގަޅު ހަ ގޮނޑި މި 87 ގޮނޑީގެ ތެރެއިން ނުނެގޭނެ،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ، ޖުމްހޫރީ ޕާޓީއިން އިދިކޮޅު ޕާޓީތަކާއެކު ކޯލިޝަން ހެދުމަކުން އެއްވެސް މައްސަލައެއްނެތް ކަމަށެވެ. އަދި އެމްޑީޕީއާއެކު މަސައްކަތް ކުރަން ބޭނުންވާ ޕާޓީތަކާއެކު މަސައްކަތް ކުރައްވާނެ ކަމަށެވެ. އެގޮތުން އަދާލަތު ޕާޓީއާއެކު މަސައްކަތްތައް ކުރެވެމުންދާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބަށް ރައީސް ސޯލިހް ވެފަައިވާ އެއްބަސްވުމާއި އެންމެ އަކުރަކުންވެސް ހިލާފް ނުވާނެ ކަމަށެވެ. ވަޒީރުންގެ މަޖިލީހުގައި ތިއްބެވި ހުރިހާ ބޭފުޅުން އެތިބިގޮތަށް ތިއްބަވާނެ ކަމަށެވެ. އެހެން މަގާމުތަކުގައި ތިއްބެވި ޕާޓީތަކުގެ ބޭފުޅުންވެސް ތިއްބަވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ، ރައްޔިތުން މަޖިލީހަށް އެއްބަސްވުމެއް ވެވެން ނެތީ، އެތަނަކީ ރައްޔިތުން ވަކި ވަކިން ބޭފުޅުން ހޮއްވަވާ ތަނެއް ކަމަށްވާތީ ކަމަށެވެ. އަދި ރައްޔިތުން ބޭނުންވާ ގޮތަށް ވޯޓު ލުމަށް ހުރަސް އަޅާކަށް އެމްޑީޕީއިން ބޭނުން ނުވާ ކަމަށާއި އެސަބަބުތަކަށްޓަކައި މަޖިލީހަށް ކޯލިޝަނުގެ ތެރެއިން ވާދަަ ކުރެވެންނެތީ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.