ހަބަރު

"ސަރުކާރު ހިންގަން އިދިކޮޅާއި މިނިވަން މެމްބަރުންގެ އަޑު މުހިންމު"

އެންމެ އެކަށީގެންވާ ގޮތަށް ސަރުކާރު ޖަވާބުދާރީ ކުރުވަން އިދިކޮޅު ޕާޓީތަކާއި މިނިވަން މެމްބަރުންގެ އަޑު ރައްޔިތުން މަޖިލީހުގެ ތަޅުމުގައި ކެނޑުނަދީގެން ނުވާނެ ކަމަށް ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމުގައި މިރޭ އަފީފް ވިދާޅުވީ އަންނަ މަޖިލީހުގައި ސަރުކާރު ކޯލިޝަނުގައި ހިމެނޭ މައި ޕާޓީއަށް 65 ގޮނޑިއާއެކު ތަނަވަސް އަގުލަބިއްޔަތެއް ލިބިފައިވާއިރު، ސަރުކާރު ޖަވާބުދާރީ ކުރުމަށާއި، ސަރުކާރުން ކުރާ ކަންކަމަށް ފާޑުކިއަން މަޖިލީހުގެ މައިނޯރިޓީގެ އަޑު ވަރަށް މުހިންމު ކަމަށެވެ.

"މަޖިލީހުގެ ތަޅުމަށް ހުށަހެޅޭ ބިލްތަކާއި މައްސަލަތަކަށް މައިނޯރިޓީގެ އަޑު ވަރަށް މުހިންމު. މިހާރު އިދިކޮޅު މެމްބަރުންގެ ގޮތުގައި މިތިބީ ފަސް ވަރަކަށް މެމްބަރުން. ދެން މިތިބީ ހަތް ވަރަކަށް މިނިވަން މެމްބަރުން. އެއީ މަޖިލީހުގެ މައިނޯރިޓީއަކީ. އެބޭފުޅުންގެ އަޑު މަޖިލީހުގެ ތަޅުމުގައި ކެނޑުނަދީގެން ނުވާނެ،" މަޖިލީހުގެ ރައީސްކަމަށް އެމްޑީޕީގެ ފަރާތުން ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ފަސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަފީފް ތަފްސީލު ކޮށްދެއްވި އެވެ.

އަފީފް އިތުރަށް ވިދާޅުވި ގޮތުގައި، މަޖިލީހުގެ ހިންގާ ގަވައިދު އިސްލާހުކޮށްގެން ނަމަވެސް، އިދިކޮޅު މެމްބަރުންނަށާއި މިނިވަން މެމްބަރުންނަށް ބަހުސް މަރުހަލާގައި ލިބޭ ވަގުތު އިތުރުކުރަންޖެހޭ ކަމަށެވެ.

"މި ދެންނެވި މައިނޯރިޓީގެ އަޑު އިވެންޖެހޭ. ސަރުކާރުން ހުށަހަޅާ ކަންކަމަށް ހަމައެކަނި ސަރުކާރަށް ތާއީދުކުރާ ބަޔަކު ވާހަކަދައްކައިގެން ކަމަކުނުދާނެ. އަޅުގަނޑުމެން އެބަ ވިސްނަންޖެހޭ ހާއްސަކޮށް ސަރުކާރުން ހުށަހަޅާ ބިލްތަކަށް އިސްލާހު އަންނާނީ ކޮން ފަރާތަކުންތޯ. އެ ބިލްތަކަށް ފާޑުކިޔާނީ ނޫނީ ސުވާލު އުފައްދާނީ މައިނޯރިޓީން،" ސަރުކާރުން ފަށާފައިވާ އިސްލާހީ މަސައްކަތް އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދިއުމަށް އިދިކޮޅުގެ އަޑު މުހިންމުވާ ސަބަބު ފާހަގަކުރައްވަމުން އަފީފް ވިދާޅުވި އެވެ.

މަޖިލީހުގެ ރައީސްކަމަށް އިންތިހާބުވެއްޖެނަމަ، މަޖިލީހުގެ ބައެއް ކޮމިޓީތަކުން އިދިކޮޅު ފަރާތްތަކަށް ވީހާވެސް ބޮޑަށް ފުރުސަތު ދެއްވަން މަސައްކަތް ކުރައްވާނެކަމަށް ވެސް ނަޝީދު ސަރުކާރުގައި ހޯމް މިނިސްޓަރުގެ މަގާމު އަދާ ކުރެއްވި އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު މަޖިލީހުގައި 20 އަހަރު ހޭދަ ކުރެއްވި އަފީފް ވިދާޅުވި އެވެ.

"މިސާލަކަށް ދަންނަވަންޏާ ބައެއް ގައުމުތަކުގައި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ ފަދަ ކޮމިޓީތަކުގެ އަގުލަބިއްޔަތު އެބަދޭ އިދިކޮޅު ޕާޓީތަކަށް. އަޅުގަނޑުމެންވެސް އެބަޖެހޭ އެ މަސައްކަތް ފަށައިގަންނަން. އެންމެ ކުޑަމިނުން މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ މުގައްރިރުކަން އިދިކޮޅަށް ދިނުން،" އަފީފް އިތުރަށް ވިދާޅުވި އެވެ.

ނަމަވެސް، މާޒީގައި ކަންކަން ހިނގާފައިވާ ގޮތަށް ބަލާއިރު، އިދިކޮޅު ފަރާތްތަކުން ގެންގުޅެނީ ސަރުކާރަށް ޖެއްސުން ކުރުމުގެ އުސޫލެއް ކަމަށާއި، އިދިކޮޅު ފަރާތްތަކުން މިހާރަށްވުރެ ބޮޑަށް ޒިންމާދާރުވާންޖެހޭ ކަމަށް އަފީފް އިލްތިމާސްކުރެއްވި އެވެ.

"އަޅުގަނޑުމެން މެމްބަރުން ކުރަނީ ވަކި ސަރުކާރެއް ނޫނީ ޕާޓީއެއްގެ މަސައްކަތެއް ނޫން. އަޅުގަނޑުމެން ކުރަނީ ރައްޔިތުންގެ މަސައްކަތް. އެހެންވީމަ ހުރިހާ މެމްބަރުންވެސް އެބަޖެހޭ ޒިންމާދާރުކަމާއެކު އެ މީހުންގެ މަސްއޫލިއްޔަތުތައް އަދާކުރަން،" އަފީފް ވިދާޅުވި އެވެ.