ކުޅިވަރު

ގައުމީ ޓީމުން އިމްރާނު ރިޓަޔާކޮށްފި

ގައުމީ ފުޓްބޯޅަ ތީމުގެ ގޯލްކީޕަރު އިމްރާނު މުހައްމަދު، ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި އެވެ. އިމްރާން ވަނީ ގައުމީ ޓީމަށް 17 އަހަރު ކުޅެދީފަ އެވެ.

ގައުމީ ޓީމަށް ކުޅުން ހުއްޓާލުމަށްފަހު އިމްރާން ބުނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލުމަކީ އޭނާގެ ފުޓްބޯޅައިގެ ހަޔާތުގައި ނިންމި އެންމެ އުނދަގޫ ނިންމުން ކަމަށާއި މިއީ ގައުމީ ޓީމަށް ކުޅުން ހުއްޓާލުން އެންމެ އުނދަގޫ ވަގުތު ކަމަށެވެ.

"އަހަރެން ހަގީގަތުގައިވެސް ގަބޫލު ކުރަނީ ގައުމީ ޓީމާ ދުރަށް ދިއުމަށް މިއީ އެންމެ ރަނގަޅު ވަގުތުކަން. އަދި ޒުވާން ކީޕަރުންނާމެދު އަހަރެންގެ ފުރިހަމަ އިތުބާރު އެބައޮތް. އަހަރެން ވަރަށް ބޮޑަށް ގަބޫލު ކުރަން އެ ކީޕަރުންނަށް ރަނގަޅު ޕާފޯމަންސެއް ދެއްކޭނެކަން" އދ. މަހިބަދޫ އަށް އުފަން އިމްރާން ބުންޏެވެ.

"އަހަރެން ގަބޫލު ކުރަނީ ދިވެހި ފުޓްބޯޅަ ފަހުރުވެރިވުން ހައްގު ކަމެއް ފުޓްބޯޅައިން އަހަންނަށް ކޮށްދެވިއްޖެ ކަމަށް،"

އިމްރާން އެންމެ ފުރަތަމަ ގައުމީ ޓީމަށް މެޗެއް ކުޅެފައިވަނީ 2000 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހު މެލޭޝިއާ ދެކޮޅަށެވެ.
އެންމެ ފަހުން ލާއޯސްއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު، އޭނާ ގައުމީ ޓީމުން ރިޓަޔާ ކުރީ އޭޝިއަން ކަޕް ކޮލިފައިން އިން ރާއްޖެއަށް ޖާގަ ހޯދައިދިނުމަށްފަހުއެވެ.

އޭނާ ބުނީ ކުލަބުތަކަށް ކުޅުމުގައި ދެމިހުންނާނެ ކަމަށާއި އަދި ގައުމީ ޓީމަށް އޭނާގެ އެހީތެރިކަން ބޭނުންވެއްޖެނަމަ، އެހީތެރިކަން ފޯރުކޮށް ދިނުމުގައި ދެމިހުންނާނެ ކަމަށެވެ.