ބޭރު ކުޅިވަރު

އޮތީ އުނދަގޫ މަރުހަލާއެއް، ލިވަޕޫލުން ސަމާލުވާން ޖެހޭ: ކްލޮޕް

Aug 15, 2017

ޔޫއެފްއާ ޗެމްޕިއަންސް ލީގްގެ ޕްލޭއޮފް މެޗުގައި، މިރޭ ޖަރުމަންގެ ހޮފެންހަމްއާ ދެކޮޅަށް ކުޅޭ މެޗަކީ، ޗެމްޕިއަންސް ލީގުން ޖާގަ ހޯދުމުގެ ދަތުރުގައި، އެންމެ އުނދަގޫ މަރުހަލާ ކަމަށާއި، ލިވަޕޫލުން މިރޭގެ މެޗަށް ސަމާލުވެ ތިބެންޖެހޭ ކަމަށް، އެ ޓީމުގެ ކޯޗް، ޔާގަން ކްލޮޕް ބުނެފި އެވެ.

މިދިޔަ، ސީޒަންގައި، ލިވަޕޫލް ނިންމާލީ، ހަތަރު ވަނައިގަ އެވެ. މިއީ ފާއިތުވެ ދިޔަ އަށް ސީޒަންގެ ތެރެއިން، ލިވަޕޫލް ޗެމްޕިއަންސް ލީގްގައި ވާދަ ކުރަން ފުރުސަަތު ލިބިގެންދާނެ ދެ ވަނަ ސީޒަނެވެ.

ކޮލޮޕް ބުނީ، މިދިޔަ ސީޒަންގެ ޕްރިމިއާ ލީގްގައި، އެ ޓީމުން ކުރި މަސައްކަތަކީ، ޗެމްޕިއަންސް ލީގުން ޖާގަ ހޯދުމުގެ މަސައްކަތް ކަމަށާއި، ޕްލޭ އޮފްގެ ދެ ލެގް މެޗަކީ، އެ ދަތުރުގެ އެންމެ މުހިންމު ދެ މެޗު ކަމަށެވެ. މިރޭގެ މެޗަށް ނިކުންނައިރު، ލިވަޕޫލްގެ ފިލިޕޭ ކުޓީނިއޯ އާއި އެޑަމް ލަލާނާ އާއި ޑެނިއަލް ސްޓްރިޖަށް މިރޭގެ މެޗުގައި ނުކުޅެވޭނެ އެވެ. ނަމަވެސް، ކްލޮޕް ބުނީ، މިރޭގެ މެޗަށް ލިވަޕޫލު އޮތީ ރަނގަޅު ހާލަތެއްގައި ކަމަށެވެ.

"މިއީ އެންމެ އުނދަގޫ ކޮލިފިކޭޝަން ބުރު އިންގްލެންޑް މި ކުޅެނީ ޖަރުމަންއާ، އަދި (އަހަރެން) މި ނިކުންނަނީ ޖަރުމަނާ ދެކޮޅަށް،" ޖަރުމަނަށް ނިސްބަތްވާ ކްލޮޕް ބުންޏެވެ. "އަހަރެމެން ދެ ޓީމު [ލިވަޕޫލް އާއި ހޮފެންހަމް] ވެސް، މިދިޔަ ސީޒަންގައި ލީގް ނިންމާލީ ތާވަލުގެ ހަތަރު ވަނައިގައި، ދެ ލީގަކީ ވެސް އުނދަގޫ ދެ ލީގް، ނަމަވެސް އެކަމަކީ މެޗުގެ ޕްރެޝާ އިތުރު ކޮށްދޭނެ ކަމެއް ނޫން، އަހަރެމެން ބޭނުންވަނީ ޗެމްޕިއަންސް ލީގްގެ ގުރޫޕް ސްޓޭޖުން ޖާގަ ހޯދަން، މިދިޔަ ސީޒަންގައި އަހަރެމެން ޓާގެޓްކޮށް މަސައްކަތް ކުރީ އެކަމަށް، މިހާރު އަހަރެމެންގެ ކުރިމަތީގައި މިއޮތީ އެކަމަށް ދެ ހަރުފަތް ގިރާ ކުރުން، ނަމަވެސް އެއީ އެންމެ އުނދަގޫ ދެ ހަރުފަތް."

އޭނާ ބުނީ، ޖަރުމަން ފުޓްބޯޅަ ނޭންގޭ މީހަކަށް، ހޮފެންހަމްގެ ފެންވަރު ނޭންގިދާނެ ކަމަށާއި ގިނަ މީހުންނަށް ޖަރުމަން ފުޓްބޯޅައާ ބެހޭގޮތުން އެނގެނީ ދެ ޓީމު ކަމަށެވެ. އެއީ ބަޔާން މިޔުނިކާއި ބްރޫޝިއާ ޑޯޓަމުންޑެވެ. ކްލޮޕް ބުނީ، ހޮފެންހަމްއާ ދެކޮޅަށް ކުޅެން، އުނދަގޫވާނެ ކަމަށާއި ބުނީ ޗެމްޕިއަންސް ލީގްގައި އަބަދުވެސް ކުރިމަތި ލާނީ އުނދަގޫ މެޗުތަކާ ކަމަށެވެ. އަދި އެކަން، ޕޮސެޓިވް ކޮށް ނަގަން ޖެހޭ ކަމަށެވެ.

ކްލޮޕް ބުނީ، ލިވަޕޫލް އޯނާޝިޕް އޮންނަ ފެންވޭ ސްޕޯޓްސް ގުރޫޕުން، (އެފްއެސްޖީ) ލިވަޕޫލްގެ ކުޓީނިއޯ، މި އަހަރު އެއްވެސް ޓީމަކަށް ނުވިއްކާނެ ކަމަށެވެ. ބާސެލޯނާއިން، ވަނީ ކުޓީނިއޯ ގަންނަން 100 މިލިއަން ޔޫރޯ ހުށަހާޅާފަ އެވެ. ވަޓްފޯޑްއާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން، ކްލޮޕް ބުނީ، ކުޓީނިއޯ މެދު ގޮތް ނިންމާނީ، އޭނާގެ "ބޮސް" ކަމަށެވެ. ބޮސް ކަމަށް އޭނާ އިޝާރާތް ކުރީ އެފްއެސްޖީ ގުރޫޕަށެވެ.

"އަހަރެން އެހެން ބުނީ އެކަމާ ބެހޭގޮތުން، އަހަރެން ވާހަކަ ދައްކަން ބޭނުން ނުވާތީކީ ނޫން، އެއީ އަހަރެންގެ ޖަވާބު އަހަރެން ބަދަލު ކުރަން ބޭނުން ނުވާތީ،" ކުރިން ދެއްކި ވާހަކަތައް ކްލޮޕް ތަފުސީލު ކޮށްދިނެވެ. "އެމީހުން [އެފްއެސްޖީ] ބުނާނެ ނަމަ ބާސެލޯނާއިން އެމީހުން ބޭނުންވާ ކުޅުންތެރިޔަކަށް ބިޑް ކުރެވިދާނެޔޭ އެހެންވީއިރު އެންމެ ރަނގަޅު، ނަމަވެސް އަހަރެމެން ބޭނުމެއް ނުވޭ އެކަމެއް."

އޭނާ ބުނީ ލިވަޕޫލުން ކުޅުންތެރިޔަކު ވިއްކާލައިގެން ގިނަ އަދަދުން ފައިސާ ހޯދަން ބޭނުން ނުވާ ކަމަށާއި ނަމަވެސް ބޭނުންވަނީ ޓީމަށް އިންވެސްޓް ކޮށް ޓީމެއް ބިނާ ކުރަން ކަމަށެވެ.

ޖަރުމަންގެ ރިހެން ނެކޭ އެރީނާގައި، ހޮފެންހަމް އާއި ލިވަޕޫލް ކުޅޭ މެޗު ފަށާނީ ރާއްޖޭގަޑިން މިރޭ 11:45 ގަ އެވެ.