ކުޅިވަރު

ޗެލްސީން އަހަންނާމެދު ކަންތައް ކުރީ ކުށްވެރިޔެއްހެން: ކޮސްޓާ

Aug 14, 2017

ޗެލްސީން އޭނާއާ މެދު އަމަލު ކުރީ ކުށްވެރިޔެއް ހެން ކަމަށް، މިދިޔަ ސީޒަންގައި އެ ޓީމުގެ ސެންޓަ ސްޓައިކަރަކަށް ކުޅުނު، ޑިއޭގޯ ކޯސްޓާ ތުހުމަތު ކޮށްފި އެވެ. ކޮސްޓާ ބުނީ، އޭނާ ޗެލްސީއަށް ދާން ބޭނުން ނޫން ކަމަށެވެ.

އޮފް ސީޒަން ތެރޭގައި، ޗެލްސީގެ ކޯޗް އެންޓޯނިއޯ ކޮންޓޭ ވަނީ، ކޮސްޓާ އަށް މެސެޖް ކޮށް، މި ސީޒަންގައި، ޗެލްސީގެ ޕްލޭންގައި، ކޮސްޓާ ނުހިމެނޭނެ ކަމަށް ބުނެފަ އެވެ.

"އެމީހުން ބޭނުންވީ އަހަރެން އެތާންގައި ހުންނަން ރިޒާވް ޓީމާއެކު ޕްރެކްޓިސް ކުރަން ހުންނަން،" ޑެއިލީ މެއިލްއަށް ދިން އިންޓަވިއުގައި ކޮސްޓާ ބުންޏެވެ. "ސީނިއާ ޓީމުގެ ޑްރެސިން ރޫމަށް ވަނުމުގެ ހުއްދައްވެސް އަހަންނަށް ނުދޭ، އެހެން ކުޅުންތެރިންނާ އަހަންނަކާ ގުޅުމެއް ނުބޭއްވޭ، އަހަންނަކީ ކުށްވެރިއެއް ނޫން، އަހަރެން ކޮށްދިން ކަންތައްތަކާ ބަލާފައި، އަހަންނާ މެދުކަންތައް ކުރީ އިންސާފަކުން ނޫން، އަހަރެން މިތާކު ގޯހެއް ނުހަދަން."

ކޮސްޓޯ ބުނީ އޭނާ، ޗެލްސީ ދޫކޮށްލަން ބޭނުން ނުވާ ކަމަށާއި، އަދި އޭނާ ޗެލްސީގައި ހުރީ އުފަލުން ކަމަށެވެ. ނަމަވެސް ޓީމުގެ ކޯޗް ކުޅުންތެރިޔަކު ބޭނުން ނުވާކަމަށް ވާނަމަ، އެ ކުޅުންތެރިޔަކު ޓީމުން ދާން ޖެހޭނެ ކަމަށެވެ. އެހެންވެ މިވަގުތު އޭނާ ހުރީ ޗެލްސީން އޭނާ ދޫކޮށްލާނެ ކަމުގެ އުންމިދުގައި ކަމަށް، މިދިޔަ ސީޒަންގެ ޕްރިމިއާ ލީގްގައި ޗެލްސީއަށް 20 ލަނޑު ޖަހައިދިން ކޮސްޓާ ބުންޏެވެ.

އޭނާ ބުނީ، ޗެލްސީއިން އޭނާ އަށް އާ އެއްބަސްވުމެއް ދޭން ވަރަށް ކައިރިއަށް ދިޔަ ކަމަށެވެ. ނަމަވެސް އެ ދެމެދަށް ކޮންޓޭ ހުރަސް އެޅީ ކަމަށް، ކޮސްޓާ ތުހުމަތު ކުރި އެވެ.

"އަހަރެން އުޅުނީ އެއްބަސްވުން އާ ކުރުމާ ވަރަށް ގާތުގައި، އަދި ފަހުން އެ މީހުން އެކަން މަޑުޖައްސާލި،" ކޮސްޓާ28 ބުންޏެވެ. "އަހަރެން ތުހުމަތު ކުރަން އެކަމުގެ ފަހަތުގައި ކޯޗް [ކޮންޓޭ] ގެ އަތެއް ވާކަމަށް، އޭނާގެ ހުރޭ އޭނާގެ އަމިއްލަ ހިޔާލުތަކެއް އަދި އެކަމަކީ ބަދަލު ކުރާނެ ކަންކަމެއް ނޫން، އޭނާ އަކީ މޮޅު ކޯޗެއް އަހަރެން އޭނާ އަށް އެގޮތުން އިހްތިރާމު ކުރަން، އޭނާ ވަނީ ވަރަށް ފުރިހަމަ މަސައްކަތެއް ކޮށްފަ، އަހަންނަށް އެކަންތައް ފެނޭ، އެކަމަކު އާދައިގެ މީހެއްގެ ގޮތުން އޭނާ ރަނގަޅެއް ނޫން، އޭނާ އަކީ އޭނާގެ ކުޅުންތެރިންނާ އެހާ ރަނގަޅު ގުޅުމެއް ބާއްވާ ކޯޗެއް ނޫން، އޭނާ ވަރަށް ދުރު، އެހެން މީހުންނަށް އޭނާގެ ހެޔޮ ނުފޫޒު ފޯރުވަން އޭނާ މަސައްކަތް ނުކުރޭ."

ކޮސްޓާގެ އުންމީދަކީ، އޭނާގެ ކުރީގެ ކުލަބު، އެތުލެޓިކޯ މެޑްރިޑަށް އެނބުރި ދިއުމެވެ. އެ ކުަލަބާއެކު، އޭނާ ވަނީ 2014 ވަނަ އަހަރުގެ ސްޕެނިޝް ލީގް ކާމިޔާބު ކޮށްފަ އެވެ. ނަމަވެސް ކޮސްޓާ ބުނީ ޗެލްސީން އެކަމަށްވެސް ހުރަސް އަޅާ ކަމަށާއި އެ ކުލަބުން މަސައްކަތް ކުރަނީ، ބޮޑު އަގުގައި އޭނާ ޗައިނާގެ ކުލަބަކަށް ވިއްކާލުމަށް ކަމަށެވެ. ނަމަވެސް އޭނާ ބޭނުން ވަނީ ޗެލްސީގެ ޑިރެކްޓަރުންގެ ބޯޑުން އެކަން ހައްލު ކޮށްދީ، އެތުލެޓިކޯ އަށް އެނބުރި ގޮސް، ފިޓްވެ، އަންނަ އަހަރު ވޯލްޑް ކަޕްގައި ސްޕެއިންގެ ގައުމީ ޓީމުން ޖާގަ ހޯދުމެވެ.

މިދިޔަ ޖަނަވަރީ މަހު، ކޮސްޓާއާ، ޗެލްސީގެ ކޯޗް ކޮންޓޭއާ ދެމެދު މައްސަލަތަކެއް ޖެހުނެވެ. އެއީ އޭރު ޗައިނާގެ ކުލަބަކުން، އައި ހުށަހެޅުމަކަށް، ސީޒަންގެ މެދުތެރެއިން، ކޮސްޓާ ދާން މަސައްކަތް ކުރުމުން ނެވެ. ބެލެވޭ ގޮތުގައި ކޮންޓޭގެ ޕްލޭނުން ކޮސްޓާ އެކަހަރި ކުރީ އެކަމަށް ބަލާފަ އެވެ.