ކުޅިވަރު

ރޮނާލްޑޯއަށް ބޮޑު ސަސްޕެންޝަނެއް އައުން ކައިރި

Aug 14, 2017

ރޭ، ބާސެލޯނާއާ ދެކޮޅަށް ކުޅުނު، ސްޕެނިޝް ސްޕަ ކަޕްގައި، ރެއާލް މެޑްރިޑްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ރަތް ކާޑު ދެއްކުމުން، ރެފްރީ، ރިކާޑޯ ޑި ބުރުގޯސް، ބުރަކަށީގައި ޖަހައި، ކޮށްޕާލުމުން، ރޮނާލްޑޯގެ ސަސްޕެންޝަންގެ އަދަބު ބޮޑުވެދާނެ ކަމަށް ބެލެވެން ފަށައިފި އެވެ.

ބާސާއާ ދެކޮޅަށް 3-1 ން ރެއާލް މޮޅުވި މެޗުގެ، 82 ވަނަ މިނެޓްގައި ބާސާގެ ޕެނަލްޓީ އޭރިއާ ތެރެއިން އެ ޓީމުގެ ޑިފެންޑަރު ސެމިއުލް އުމިޓީ، ރޮނާލްޑޯ އަތުން ބޯޅަ ހޯދަން އުޅޭ، ޕެނަލްޓީ އޭރިއާ ތެރެއަށް ރޮނާލްޑޯ ވެއްޓުމުން، ރެފްރީ ވަނީ، ރޮނާލްޑޯ އަމިއްލައަށް ޑައިވް ކުރި ކަމަށް ބަަލއި، ދެ ވަނަ ރީނދޫ ކާޑާއެކު، ރޮނާލްޑޯ އަށް ރަތް ކާޑު ދައްކާފަ އެވެ.

ރަތް ކާޑު ދެއްކުމުން، އެކަމާ ހިތްހަމަ ނުޖެހި، ރޮނާލްޑޯ ވަނީ ރެފްރީގެ ފަހަތުން، ބުރަކަށީގައި ޖަހައި ކޮށްޕާލާފަ އެވެ. ރޮނާލްޑޯ އަށް ފުރަތަމަ ރީނދޫ ކާޑު ދެއްކީ، ރެއާލް އަށް ލީޑް ނަގައިދިން ލަނޑު ޖެހުމަށްފަހު، އުފާ ފާޅު ކުރުމުގެ ގޮތުން ޖޯޒީ ބޭލުމުން ނެވެ.

ސްޕެއިންގެ ފުޓްބޯޅަ އެސޯސިއޭޝަންގެ ގަވައިދުގެ ގައި ބުނެފައި ވަނީ، މެޗުގެ އޮފިޝަލުން ގައިގައި ޖެހި އެއްވެސް ގޮތަކަށް ކޮށްޕާލައިފިނަމަ، ހަތަރު މެޗާއި 12 މެޗާ ދެމެދުގެ މެޗުތަކުގެ އަދަދަކަށް ސަންޕެންޝަނެއް އަންނާނެ ކަމަށެވެ. މެޗުގެ ކަންހިނގާ ދިޔަ ގޮތުގެ ރިޕޯޓްގައި، ރެފްރީ ޑި ބުރުގޯސް ލިޔެފައި ވަނީ މިހެންނެވެ.

"ރަތް ކާޑު ދެއްކުމުން، ކުޅުންތެރިޔާ ވަނީ އަހަރެންގެ ގައިގައި، ކުޑަކޮށް ކޮށްޕާލާފަ އެއީ ނިންމި ނިންމުމާމެދު އޭނާ ހިތްހަމަ ނުޖެހިގެން ކުރި ކަމެއް."

ރޭގެ މެޗަށް ފަހު، ވާހަކަ ދައްކަމުން، ރެއާލް މެޑްރިޑްގެ ކެޕްޓަން ސާޖިއޯ ރާމޯސް ބުނީ، ރޮނާލްޑޯ އަށް ދެއްކި، ރަތް ކާޑުގެ މައްސަލަ، ސްޕެއިންގެ އެފްއޭގެ އިސްތިއުނާފް ކޮމިޓީ އަށް ހުށަހަޅާނެ ކަމަށެވެ. ރާމޯސް ބުނީ، އުމިޓީ ޖެހިގަތުމުން، ރޮނާލްޑޯ ވެއްޓުނީ ބެލެންސް ގެއްލިގެން ކަމަށާއި ކާޑު ދައްކަން ޖެހޭ ހާލަތެއް ނެތް ކަމަށެވެ.