ކުޅިވަރު

ޓީމަށް އެނބުރި އަންނަން ކޮސްޓާއަށް ޗެލްސީން އަންގައިފި

Aug 15, 2017

ޗެލްސީގެ ކޯޗް އެންޓޯނިއޯ ކޮންޓޭގެ އާ ޕްލޭންގައި، ނުހިމެނޭ ކަމަށް އަންގާފައިވާ، ސްޓައިކާ ޑިއޭގޯ ކޯސްޓާ، ޗެލްސީގެ ޓީމަށް، އެނބުރި އައިސް، ޓީމުގެ ފަރިތަކުރުންތަކަށް ނިކުތުމަށް، ޗެލްސީން ކޮސްޓާއަށް އަންގައިފި އެވެ.

ކޮސްޓާ، އިއްޔަ ވަނީ، ޗެލްސީން އޭނާއާ މެދު އަމަލު ކުރީ ކުށްވެރިޔެއް ހެން ކަމަށް ބުނެ، އޭނާގެ އުފަން ގައުމު ބްރެޒިލްގައި ހުރެ އިންޓަވިއުއެއް ދީފަ އެވެ. އިންޓަވިއުގައި ކޮސްޓާ ވަނީ، ޗެލްސީގެ ބައެއް ކަންކަމަށް ފާޑު ކިޔާފަ އެވެ.

"އެމީހުން ބޭނުންވީ އަހަރެން އެތާންގައި ހުންނަން ރިޒާވް ޓީމާއެކު ޕްރެކްޓިސް ކުރަން ހުންނަން،" ޑެއިލީ މެއިލްއަށް ދިން އިންޓަވިއުގައި ކޮސްޓާ ބުނެފައި ވެއެވެ. "ސީނިއާ ޓީމުގެ ޑްރެސިން ރޫމަށް ވަނުމުގެ ހުއްދައްވެސް އަހަންނަށް ނުދޭ، އެހެން ކުޅުންތެރިންނާ އަހަންނަކާ ގުޅުމެއް ނުބޭއްވޭ، އަހަންނަކީ ކުށްވެރިއެއް ނޫން، އަހަރެން ކޮށްދިން ކަންތައްތަކާ ބަލާފައި، އަހަންނާ މެދުކަންތައް ކުރީ އިންސާފަކުން ނޫން، އަހަރެން މިތާކު ގޯހެއް ނުހަދަން."

އިންޓަވަިއުއާ ގުޅިގެން، ކޮސްޓާ އަށް ޗެލްސީން ވަނީ، އަލުން ޓީމަށް ގުޅުމަށް އަންގާފަ އެވެ. އެގޮތުން ހަތަރު ޝަރުތެއް ކޮސްޓާގެ މައްޗަށް ޗެލްސީން ކޮށްފައި ވެއެވެ. އެންމެ ފުރަތަމަ ޝަރުތަކީ، ކުލަބަށް ކޮސްޓާ އެނބުރި އައުމެވެ. ދެ ވަނަ ޝަރުތަކީ ޕްރެކްޓިހަށް އޭނާ ރިޕޯޓް ކުރުމެވެ. ތިން ވަނަ ޝަރުތަކީ މެޗަށް ފިޓް ވުމެވެ. ހަތަރު ވަނަ ސަރުތަކީ އެންމެ ހައިރާން ކުރުވަނިވި ޝަރުތެވެ. އޭނާ އެކަމަކުން ބާކީ ކޮށްފައިވާ ސީނިއާ ޓީމުގައި ހިމެނުމަށް އޭނާ ތައްޔާރު ވުމެވެ.

ކޮސްޓާގެ އުންމީދަކީ، އޭނާގެ ކުރީގެ ކުލަބު، އެތުލެޓިކޯ މެޑްރިޑަށް އެނބުރި ދިއުމެވެ. އެ ކުަލަބާއެކު، އޭނާ ވަނީ 2014 ވަނަ އަހަރުގެ ސްޕެނިޝް ލީގް ކާމިޔާބު ކޮށްފަ އެވެ. އެތުލެޓިކޯއިން ވެސް އޮތީ ކޮސްޓާގެ ޓްރާންސްފާގެ ކަންކަމުގައި ޗެލްސީން ޖަވާބެއް ލިބެންދެން މަޑު ކޮށްގެނެވެ. މިދިޔަ ސީޒަންގެ، ޕްރިމިއާ ލީގް ޗެލްސީއަށް ހޯދައިދިނުމުގައި ކޮސްޓާ ވަނީ 20 ލަނޑު ޖަހާފަ އެވެ.