ކުޅިވަރު

ބާސާއަށް ނަތީޖާ އަނބުރާ ލެވޭނެ، މާޒީއިން އެކަން ބުނެދޭ

Aug 15, 2017

ރެއާލް މެޑްރިޑް އަތުން 3-1 ން އަމިއްލަ ދަނޑުގައި ބަލިވިޔަސް، މާދަމާ ރޭ ކުޅޭ ދެ ވަނަ ލެގް މެޗުގައި ބާސެލޯނާއަށް އެ ނަތީޖާ އަނބުރާ ލެވޭނެ ކަމަށާއި، ބާސާގެ މާޒީއިން އެކަން ހާމަ ކޮށްދޭ ކަމަށް، އެ ޓީމުގެ ކޯޗް އެރުނެސްޓޯ ވަލްވެރުޑޭ ބުނެފި އެވެ.

ސްޕެއިންގެ ފުޓްބޯޅަ ސީޒަން ހުޅުވުމުގެ ގޮތުން ކުޅޭ، ސްޕަ ކަޕްގެ ދެ ވަނަ ލެގްގައި، މާދަމާ ރޭ ރެއާލްއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ވާހަކަ ދައްކަމުން، ވަލްވެރުޑޭ ބުނީ، ރެއާލް ވެސް އެތުލެޓިކޯ މެޑްރިޑްވެސް އަދި ބަޔާން މިޔުނިކްވެސް، ބާސެލޯނާއަށް ވުރެ ވަރުގަދަ ނޫން ކަމަށާއި އުނދަގޫ ނަތީޖާއެއް އޮތްނަމަވެސް އެކަން އަނބުރާ ލުމަކީ ނުވާނެ ކަމެއް ނޫން ކަމަށެވެ.

"އަހަރެމެން ނުދެކެން އިދިކޮޅު ޓީމުން އެމީހުން ކުޅޭ ސިސްޓަމްގައި މާ ސްޕީރިއާ ކަމަކަށް، ނަމަވެސް އެމީހުން އެ މެޗުގައި ވަރުގަދައީ، އެއީ ހަމަ އެންމެ މެޗެއް،" ވަލްވެރުޑޭ ބުންޏެވެ. "ފާއިތުވި އަހަރުތަކުގައި ބާސެލޯނާއިން ވަނީ މިފަދަ ނަތީޖާތައް އަނބުރާލާފަ، އެހެންވެ އަހަރެމެންނަށް (މާދަމާ ރޭ ވެސް) މޮޅުވުމާ ހަމަޔަށް ދެވޭނެ."

އޭނާ، ބުނީ ބާސާއިން ލަނޑު ޖެހުމާއެކު، ރެއާލުން އުފައްދާ ކައުންޓާ އެޓެކްވެސް ހުއްޓުވަން ޖެހޭ ކަމަށާއި، ސްޕަ ކަޕް ބާސާއަށް ކާމިޔާބު ކުރެވޭނީ އޭރުން ކަމަށެވެ.

ރެއާލްގެ މެޗަށް ފަހު، ބާސެލޯނާއިން ވަނީ، ޗައިނާގެ ސްޕަލީގްގެ ގުއަންޒޫ އެވަގްރާންޑޭއަށް ކުޅެމުން ދިޔަ ބްރެޒިލްގެ މިޑްފީލްޑާ ޕައުލީނިއޯ ގެނެސްފަ އެވެ. ބާސާއިން ޕައުލީނިއޯ، އެ ޓީމަށް ގެނައީ، އެޓީމުން ގެންނަން މަސައްކަތް ކުރި، ލިވަޕޫލްގެ ބްރެޒިލްގެ މިޑްފީލްޑާ ފިލިޕޭ ކުޓީނިއޯ އާއި ބޫރުޝިއާ ޑޯޓަމުންޑްގެ ފްރާންސްގެ އުސްމާން ޑެމެބެލޭ ގެންނަން ކުރި މަސައްކަތް، ނާކާމިޔާބު ވުމުން ނެވެ.

ވަލްވެރުޑޭ ބުނީ، ޕައުލީނިއޯ ބާސާގެ ސްކޮޑާ ގުޅުމުން، ޓީމަށް އިތުރު ކުރިއެރުން އަންނާނެ ކަމަށެވެ.

"ޕައުލީނިއޯ އަކީ ބްރެޒިލްގެ ގައުމީ ޓީމުގައި ވެސް މުހިންމު ކުޅުންތެރިޔެއް،" ވަލްވެރުޑޭ ފާހަގަ ކުރި އެވެ. "ޓެކްނިކަލް ޕޮއިންޓުން ބަލައިފިއްޔާ އޭނާ އަކީ ވަރަށް މުހިންމު ކުޅުންތެރިޔެއް، ފިޒިކަލީ ވަރުގަދަ ކުޅުންތެރިޔެއް، އޭނާ އައުމުން އަހަރެމެން އިތުރަށް ވަރުގަދަ ވެގެންދާނެ އޭނާއާ އެއްގޮތް އެހެން ކުޅުންތެރިޔެއް މި [ބާސާގެ] ސްކޮޑްގައެއް ނެތް."

ބާސާގެ ދަނޑުގައި ކުޅުނު މެޗުގައި ރޮނާލްޑޯ އަށް ރަތް ކާޑު ދެއްކުމުން، އޭނާ، އެމެޗުގެ ރެފްރީގެ ބުރަކަށީގައި ޖަހާ ކޮށްޕާލުމުން، އެކަމުގެ އަދަބެއްގެ ގޮތުން، ރޮނާލްޑޯ ފަސް މެޗަށް ސަސްޕެންޑް ކުރުމުން އެކަމާ ދެކެނީ ކޮންގޮތަކަށްތޯ ސުވާލު ކުރުމުން، ވަލްވެރުޑޭ ބުނީ އޭނާ އަށް އެކަމުގެ ކަން ހިނގާ ގޮތް ނޭންގޭ ކަމަށެވެ.

"އަހަންނަކަށް ނޭންގެ އެ އަދަބަކީ އިންސާފުވެރި އަދަބެއް ކަމެއް އަދި ނޫން ކަމެއް ވެސް، އަހަރެން އެކަމާ ބުނާނެ އެއްޗެއް ނެތް،" އެތުލެޓިކް ބިލްބާއޯއަށް ކުރިން ކޯޗް ކޮށްދިން ވަލްވެރުޑޭ ބުންޏެވެ. "އަހަންނަކަށް އޮޅުން ނުފިލާ ފިޔަވަޅު އަޅުމުގެ ކަންކަން އޮންނަ ގޮތެއް އަހަންނަކީ ގާނޫނީ ކަންކަމަށް މޮޅު މީހެއް ނޫން."

ރިއާލްގެ ދަނޑުގައި، ކުޅޭ ސްޕަ ކަޕްގެ ދެ ވަނަ ލެގް މެޗުު ފަށާނީ ރާއްޖޭ ގަޑިން މާދަމާ ރޭ ދަންވަރު 2:00 ގަ އެވެ.