ހަބަރު

"މިއުޅެނީ މައުމޫން ބޭރުކުރާކަށް ނޫން، ޕާޓީ އިސްލާހުކުރަން"

Oct 13, 2016
2
  • ޕާޓީގެ ކައުންސިލް ހުއްޓުވާލައިގެން މަސައްކަތެއް ނުކުރެވޭނެ
  • މައްސަލަ ހައްލު ކުރަން ކުރާނީ މަޝްވަރާ
  • އުންމީދަކީ މައުމޫން އާއި ޔާމީންއާ އެކު ކުރިއަށް ދިޔުން

ޕީޕީއެމް މިހާރު ހިންގަމުން ދަނީ ގަވާއިދާ ހިލާފަށް ކަމަށާއި ޕީޕީއެމް އެގޮތަށް ހިންގަން ފުރުސަތެއް ނުދޭނެ ކަމަށް ޕީޕީއެމްގެ ކައުންސިލްގެ ގިނަ މެންބަރުންނާއި ޕީޕީއެމްގެ ޕީޖީ ގްރޫޕުން މިއަދު ބުނެފި އެވެ. އަދި އެބޭފުޅުން ވިދާޅުވަނީ ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އެ ޕާޓީގެ ރައީސްކަމުން ބޭރު ކުރުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށެވެ.

ޕީޕީއެމްގެ ކައުންސިލްގެ ބައެއް މެންބަރުންނާއި ޕީޖީ ގްރޫޕްގެ މެންބަރުން މިއަދު ދަރުބާރުގޭގައި ބޭއްވި ހާއްސަ ޕްރެންސް ކޮންފަރެންސެއްގައި އެ ޕާޓީގައި މިވަގުތަށް ހުރި ހަމަ އެކަނި ނައިބު ރައީސް، އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ޕީޕީއެމް އަކީ ވަކި އެންމެ ބޭފުޅެއްގެ އެއްޗެއް ނޫން ކަމަށާއި އެއީ ޕާޓީގެ އެންމެހާ މެންބަރުންގެ ހައްގުތައް ހިމެނޭ ކަމެއް ކަމަށެވެ. އެހެން ނަމަވެސް ޕާޓީ މިހާރު ހިނގަމުން ދަނީ އަސާސީ ގަވާއިދާ ހިލާފަށް ކަމަށާއި ޕާޓީގެ ކައުންސިލް ބައްދަލުވުން މަހަކު ދެފަހަރު ބާއްވަން ޖެހޭ އިރު ކައުންސިލް ބައްދަލުވުމެއް ވެސް ނުބާއްވާ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ޕާޓީގެ ކައުންސިލް ބާއްވަން ނުޖެހޭ ހާލަތެއް ނޯންނާނެ ކަމަށާއި ޕާޓީގެ އެންމެ އިސް ގުނަވަނަކީ ކައުންސިލް ކަމަށެވެ.

ކައުންސިލް ބައްދަލުވުމެއް އަނެއްކާ ވެސް ބާއްވައި ދިނުމަށް ޕީޕީއެމްގެ ޕީޖީ އިން އެދުމުން ވެސް އެކަމަށް މައުމޫން ޖަވާބު ނުދެއްވާ ކަމަށް، އަބްދުއްރަހީމް ފާހަގަ ކުރެއްވި އެވެ. އަދި ޕާޓީގެ ތެރޭގައި ޖެހިފައި ހުރި މައްސަލަތައް ހައްލު ކުރަން މަޝްވަރާއަށް އެދުމުން ވެސް މައުމޫންގެ އެހީ ތެރިކަމެއް އަދި މިހާތަނަށް ނުލިބޭ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ކުރަން އުޅޭ މަސައްކަތްތަކަކީ މައުމުން އާ ދެކޮޅު މަސައްކަތެއް ނޫން ކަމަށާއި މައުމޫންއަށް ފުރިހަމަ އިހުތިރާމް އަދާ ކުރާ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.

"އެއްވެސް ހާލެއްގައި ނޫޅެން ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އެ މަގާމުން ބޭރު ކުރުމުގެ އަދި ޕާޓީ އިން ބޭރު ކުރުމުގެ ވިސްނުމެއް ވެސް. އަޅުގަނޑުމެން އެމަނިކުފާނަށް މި ދަންނަވަނީ ޕާޓީގެ އަސާސީ ގަވާއިދުގެ ތެރެއިން މަސައްކަތް ކުރައްވާށޭ. ޕާޓީގެ ކައުންސިލް ވެސް ބާއްވަދެއްވާށޭ. ސެކްރެޓަރީ ޖެނެރަލް ވެސް އައްޔަން ކޮށްދެއްވާށޭ. އަޅުގަނޑުމެން ނޫޅެން އެމަނިކުފާނު ބޭރު ކުރާކަށް. އަޅުގަނޑުމެން ބޭނުންވަނީ ޕަޓީގެ މުޝްތަށާރު، ރައީސް އަބްދުﷲ ޔާމީން އާއި ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އާ ދެބޭފުޅުން އެކުގައި ދާން، އަބްދުއްރަހީމް ވިދާޅުވި އެވެ.

ނިހާން ވެސް އެވާހަކަ ތަކުރާރު ކުރައްވައި ވިދާޅުވީ ޕާޓީގެ މައްސަލަތައް ހައްލު ކުރަން ޕީޕީއެމްގެ ޕީޖީ ގްރޫޕުން އެންމެ ފުރަތަމަ ވެސް އިސްކުރާނީ މަޝްވަރާ ކަމަށެވެ. އަދި މިވަގުތަށް ވެސް ކުރިއަށް ދާނީ އެމަގުން ކަަމަށް ނިހާން ވިދާޅުވި އެވެ. ޕާޓީގެ ތެރޭގައި އަސާސީ ގަވާއިދާ ހިލާފަށް އެތައް ހިނގަމުން އެބަ ދެ އެވެ. އެގޮތުން ޕާޓީގެ ސެކްރެޓަރީ ޖެނެރަލެއް ނެތުމާއި ޕާޓީގެ ކައުންސިލުން ނިންމާފައި ހުރި ނިންމުންތަކާ ދެކޮޅަށް ކަންކަން ކުރުން ފަދަ ކަންކަން ފާހަގަވާ ކަމަށް ނިހާން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ޕާޓީ މިހާރު މި އޮތް ގޮތަށް ކުރިއަށް ދިޔުމަށް ދޫކޮށްލެވެން ނެތް ކަމަށާއި ޕާޓީ އުސޫލުތަކުގެ ތެރެއަށް ރުޖޫއަކުރަން ޖެހޭ ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ ޕާޓީ ހަމަމަގަށް ގެންނަން ޖެހެނީ އިންތިހާބުތަކެއް ބޯމަތިވަމުން އައުމާއި އެގޮތުން ކައުންސިލް އިންތިހާބާއި ރިޔާސީ އިންތިހާބު ވެސް ކާމިޔާބު ކުރެވެން އަންނަނީ އެގޮތަށް ކަމަށް ވާތީ އެވެ. އަދި ރައީސް ޔާމީންއާ އެކު ރިޔާސީ އިންތިހާބު ވެސް ކާމިޔާބު ކުރެވޭނެ ކަމަށާއި ކައުންސިލް އިންތިހާބު ވެސް ކާމިޔާބު ކުރެވެން އަންނަނީ ރައީސް ޔާމީންގެ ހިދުމަތްތަކުގެ ވާހަކަ ދެއްކިގެން ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ރިޔާސީ ނިޒާމެއް އޮންނަ އިރު ސަރުކާރަކީ ޕާޓީގެ ސަރުކާރަކަށް ވާނަމަ، ސަރުކާރަށް ފާޑު ކިޔުމަކީ އުސޫލެއް ނޫން ކަމަށެވެ.