ރައީސް އަބްދުﷲ ޔާމީން

ރާއްޖޭގެ ބައެއް މަޝްރޫއުތަކަށް އޭއައިއައިބީން ފައިސާ ހަމަޖައްސަން މަޝްވަރާކޮށްފި

Oct 13, 2016

ރާއްޖޭގައި ކުރިޔަށްގެންދިއުމުގެ ފުރުސަތު އޮތް ބައެއް މަޝްރޫއުތަކަށް އޭޝިއަން އިންފްރާސްޓްރަކްޗާ އިންވެސްޓްމަންޓް ބޭންކުގެ (އޭއައިއައިބީ) ގެ ފަރާތުން ފައިސާ ހަމަޖެއްސުމާއި ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނާއި އެ ބޭންކުގެ ނައިބު ރައީސް ޑރ. ޑީޖީ ޕާންޑިއަން މަޝްވަރާކުރައްވާފައެވެ.

ރައީސް އޮފީހުގައި މިއަދު ހެނދުނު ރައީސް ޔާމީނާއި ޑރ. ޕާންޑިއަން ވަނީ ބައްދަލު ކުރައްވާ މަޝްވަރާ ކުރައްވާފަ އެވެ. އޭނާއަކީ އެ ބޭންކުގެ ނައިބު ރައީސްގެ އިތުރުން ޗީފް އިންވެސްޓްމަންޓް އޮފިސާވެސް މެ އެވެ.

މި ބައްދަލުކުރެއްވުމުގައި، ޑރ. ޕާންޑިއަން ވަނީ ރާއްޖޭގައި ކުރިޔަށްގެންދިއުމުގެ ފުރުޞަތު އޮތް ބައެއް މަޝްރޫޢުތަކަށް އޭއައިއައިބީގެ ފަރާތުން ފައިސާ ހަމަޖެއްސުމާއި ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.

އެ ބޭންކަކީ އޭޝިޔާ ޕެސިފިކް ސަރަޙައްދުގެ ޢިމާރާތްކުރުމުގެ ކަންކަމުގައި މާލީގޮތުން އެހީތެރިވާ ބައިނަލްއަގުވާމީ މުޢައްސަސާއެކެވެ.
މި ބޭންކަކީ ޗައިނާ ސަރުކާރުން އިސްނަންގަވައިގެން، 57 ފައުންޑިންގ މެމްބަރުންނާއިއެކު ފެށި ބޭންކެކެވެ. ރާއްޖެއަކީ އޭއައިއައިބީގެ ހުރިހާ މެމްބަރުންގެ އަޣުލަބިއްޔަތު ލިބިގެން 23 ވަނަ ފައުންޑިން މެމްބަރުގެ ގޮތުގައި ޑިސެންބަރު 31. 2014 ގައި ކަނޑައެޅި ގައުމެވެ.