ރައީސް އަބްދުﷲ ޔާމީން ވަރަށް ބޮޑަށް ޖަޒުބާތުގައި ވާހަކަފުޅު ދައްކަވާ ކުރިން ނޭނގޭ އާ ވާހަކަތަކެއް ފެންމަތި ކުރައްވައިފި އެވެ. ރައީސް އެ ވާހަކަތައް ކިޔައިދެއްވީ ވެސް އެއީ ހާމަކުރަން ދަތި ވާހަކަތަކެއް ކަމަށް ވިދާޅުވުމަށްފަހު އެވެ. ނަމަވެސް އެމަނިކުފާނު ވާހަކަފުޅު ދައްކަވަމުން ގޮސް، އެ ވަގުތު ހުންނެވި ޖަޒުބާތުގައި އެ ހުރިހާ ވާހަކަތަކެއް ވަނީ ހިއްސާކުރައްވާފަ އެވެ.
"އަޅުގަނޑު މިއޮތްހާ ދުވަހު މި ވާހަކަ ދައްކަން އުނދަގޫ ވެގެން ދިޔައީ އަޅުގަނޑަކީ ދައުލަތް ހިންގަން ހުރި މީހާވީމަ، މި ވާހަކަ ދައްކަން ފަސޭހައެއް ނޫން، އެހެންނަމަވެސް މިއަދު ހިތަށް އެރީ މި ވާހަކަތައް ދައްކާނަމޭ. މި ހިސާބަށް ކަންކަން އައިމާ،" ސިއްރުތައް ވިދާޅުވާން ފެއްޓިވީ މިހެން ވިދާޅުވުމަށްފަހު އެވެ.
ރައީސް ޔާމީން ވަނީ މީގެކުރިން އެމަނިކުފާނުގެ ފުރަތަމަ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްއާ ގުޅޭ ގޮތުން ހިއްސާ ނުކުރައްވާ ވާހަކައެއް ވިދާޅުވެ، ނާޒިމަށް ބޮޑު ތުހުމަތެއް ކުރައްވާފަ އެވެ. ރައީސް ނާޒިމަށް ކުރެއްވީ ތުހުމަތަކީ ބޭރުގެ ބަޔެއް ނުފޫޒުގަދަ ގައުމުތަކަކާ ގުޅިގެން ރާއްޖޭގައި ވެރިކަމެއް ގާއިމުކުރަން އުޅުނު ކަމުގެ ތުހުމަތެވެ. ރިޔާސީ އިންތިހާބު އެތައް ފަހަރަކު ބާއްވަން ޖެހި، ރައީސްއަކު އިންތިހާބުކުރާ ތާރީހަށް ރައީސްއަކު އިންތިހާބުވާ ގޮތް ނުވުމުން ވަރަށް ނުރައްކާތެރި އެއްބަސްވުމެއްގައި ސޮއިކުރަން އޭރުގެ ސިޔާސީ ލީޑަރުން މަސައްކަތް ކުރެއްވި ކަމަށް ރައީސް ވިދާޅުވި އެވެ. އެ އެގްރިމަންޓް އެކުލަވާލުމުގައި އިސްކޮށް އުޅުއްވީ ނާޒިމް ކަމަށް ރައީސް ތުހުމަތު ކުރެއްވި އެވެ.
"ވަރަށް ނުރައްކާތެރި އެގްރިމެންޓެއްގައި ސޮއިކުރެވުނު، ޓޮއިކާ ކިޔާ އެގްރިމެންޓެއް، ސިޔާސީ ޕާޓީތަކުގެ ވެރިން އެ އެގްރިމެންޓްގަ ސޮއިކުރައްވާ އޮތީ، އެ އެގްރިމެންޓްގަ ބުނާ ވާހަކައަކީ 11 ނޮވެމްބަރު ވަނަ ދުވަހު ރާއްޖޭގައި ސޮއިކުރާނެ ރައީސްއަކު ނެތް ހިނދެއް އަތުވެއްޖެނަމަ އެއީ އެ ހިނދަށް އެމީހުން އުއްމީދުކުރަމުން ދިޔައީ، 60 ދުވަހުގެ މުއްދަތެއް ދީ އިންތިހާބެއް ބާއްވައި ދެން ހުރި ކަންކަން ކުރުމަށް އޭރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސްއާ ވެރިކަން ހަވާލުކުރަން ޖެހޭނެއޭ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، އޭރުގެ މަޖިލީހުގެ ރައީސް ވެރިކަން ކުރައްވާ މުއްދަތުގައި އޭރުގެ ޑިފެންސް މިނިސްޓަރާއި ޕޮލިސް ކޮމިޝަނަރު މަގާމުގައި ދެމި ތިބޭނެ ކަމަށް ވެސް އެގްރިމެންޓްގައި ބުނެފައިވާ ކަމަށެވެ. އޭރުގެ ޑިފެންސް މިނިސްޓަރަކީ ނާޒިމެވެ. އަދި ކޮމިޝަނަރަކީ އަބްދުﷲ ރިޔާޒެވެ.
"މި އެގްރިމެންޓަކީ ބޭރުގެ ނުފޫޒާއެކު ތައްޔާރުކުރެވިފައި އޮތް އެގްރިމެންޓެއް، އަޅުގަނޑަކަށް ހިއެއް ނުވޭ އޭރުގެ ރައީސް ޑރ. ވަހީދަށް މިކަން އެނގިވަޑައިގަންނަވާނެހެނެއް، މި އެގްރިމެންޓްގަ ދިވެހި ދައުލަތުގެ ފަރާތުން އޭރު މި އެގްރިމެންޓް އެންމެ ވަރުގަދައަށް ކޮއްޕައި ސީލް ޖަހަން މި މަސައްކަތުގައި އުޅުއްވީ އޭރު ހުންނެވި ޑިފެންސް މިނިސްޓަރު ނާޒިމް، މިއޮތީ އަޅުގަނޑުމެންގެ އިސްތިގުލާލާއި އަމިއްލަ ވެރިކަން ދޫކޮށްލެވިފައި،" ރައީސް ވިދާޅުވި އެވެ.
ނާޒިމްގެ ވާހަކަތަކުގެ އިތުރުން ދެން ހާމަކުރި ތަފްސީލަކީ ރައީސް ޔާމީން އެދިވަޑައިގަންނަވައިގެން ފުލުހުން ތަހުގީގުކުރަމުންދާ މައްސަލައަކާ ގުޅޭ މައުލޫމާތެވެ. ރައީސް ވިދާޅުވީ، އަފްރާޝީމްގެ މަރާ ގުޅިގެން އިތުރު ތަހުގީގެއް ފަށާފައިވާ ކަމަށާއި އެ މައްސަލަ ތަހުގީގުކުރަން ފަށާފައިވަނީ އެމަނިކުފާނަށް ލިބިވަޑައިގަތް މައުލޫމާތަކާ ގުޅިގެން އެމަނިކުފާނު އެދިވަޑައިގަންނަވައިގެން ކަމަށެވެ.
"އަފްރާޝީމްގެ މަރުގެ މައްސަލާގައި އަޅުގަނޑަށް ލިބިގެން މިއުޅޭ މައުލޫމާތަކީ، މި މައުލޫމާތައް ހެކި ދޭ ނުވަތަ ދަލީލުކޮށްދޭ ކަންތައްތައް ވެސް އެބަހުރި، ދިވެހި ދައުލަތުގެ އޭރުގެ އިސް ބޭފުޅަކު ވަރަށް އިސް ބޭފުޅަކު ހުމާމު ޖަލުގަ ހުއްޓަ ގާތިލް ކަމަށް ބުނެވޭ މީހާ ޖަލުގަ ހުއްޓާ ޖަލުން ބޭރަށް ނެރެގެން އޭނާއާ ބައްދަލުކޮށްފި، އޭނާއާ ބައްދަލުކުރި ކަމުގެ މައުލޫމާތު އެ ރިސޯޓްގެ އެވަގުތު ތިބި މާފުށީ ޖަލުގެ ދެ ގާޑުން ހެކި ބަސް ދީފި، ސްޓޭޓްމެންޓެއް އެބަ އޮތް ނަންގަވާފަ މިހާރު ޕޮލިސްގަ، އަޅުގަނޑު ބޭނުންވެގެން އެ ސްޓޭޓްމެންޓް ނެންގެވީ ވެސް އެކަން ހިނގިކަން އަޅުގަނޑަށް އެނގިގެން،" ރައީސް ވިދާޅުވި އެވެ.
އެއީ ކޮން ބޭފުޅެއް ކަމަށް ރައީސް ވިދާޅުނުވި ނަމަވެސް އެނގިފައިވާ ގޮތުގައި އެއީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބެވެ. ރައީސް ވިދާޅުވީ، އެ ތަހުގީގު ނިމުމުން ހުމާމް މަރާލުމަށް އެންމެ ބޮޑަށް ބޭނުންވާ މީހުންނާއި އެކަމާ ގުޅޭ ގިނަ މައުލޫމާތުތަކެއް ލިބިގެންދާނެ ކަމަށެވެ. ހުމާމް އަދީބާ ބައްދަލު ކުރެއްވި ވާހަކައަކީ، މީގެ ދުވަސްތަކެއް ކުރިން ދިވެހި ފުލުހުންގެ އިންޓެލިޖެންސަށް ލިބިފައިވާ ސިއްރު މައުލޫމާތަކަށް ބިނާކޮށް އެމަނިކުފާނު ދެއްކެވި ވާހަކަ ފުޅެއް ކަމަށް ބެލެވެ އެވެ.
ސިޔާސީ ޕޯޑިއަމްއެއްގައި ރައީސް މިފަދަ ވާހަކަތަކެއް ދައްކަވާފައިވާތީ ރައީސްއަށް އިދިކޮޅު ފަރާތްތަކުން ވަރަށް ބޮޑަށް އަންނަނީ ފާޑު ވެސް ކިޔަމުން އެވެ. އަދި ރައީސްއާ އެއް އިރެއްގައި ވަރަށް ގާތްކޮށް އުޅުއްވި ދެ ބޭފުޅެއްގެ މައްޗަށް ވަރަށް ބޮޑު ތުހުމަތުތަކެއް ކުއްލިއަކަށް ރައީސް ޔާމީން ކުރެއްވި ސަބަބާ ގުޅޭ ގޮތުން ދަނީ ސުވާލު އުފައްދަމުންނެވެ.
ކާނަލް ނާޒިމަކީ ބޭރުގެ ނުފޫޒާއެކު ވަކި ވެރިކަމެއް ރާއްޖޭގައި ގާއިމުކުރައްވަން އުޅުނު މީހެއްކަން އެނގިވަޑައިގެން ހުންނަވާ ޑިފެންސް މިނިސްޓަރުގެ މާގާމު ނާޒިމަށް ދެއްވީ ކީއްވޭތޯ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު ޖެނެރަލް ރިޓަޔާޑް އިބުރާހީމް ދީދީ ވަނީ ރައީސްއާ ސުވާލު ކުރައްވާފަ އެވެ.
އަދީބާއި ހުމާމް ރިސޯޓެއްގައި ބައްދަލުކުރި ކަމަށް ރައީސް ވިދާޅުވާއިރު އޭރު ވެރިކަމުގައި ރައީސް ހުންނަވާ ޖަލުތަކުން ރައީސްއަށް ނޭނގޭ ގޮތަށް ގައިދީން ނެރެވޭ ގޮތަށް އިންތިޒާމްތައް އޮތުމުން ވެސް ދަނީ ސުވާލު އުފައްދަމުންނެވެ. ރައީސްގެ ކޮންޓްރޯލް ސަރުކާރުގައި އޮތީ ކިހާ ވަރަކަށްތޯ ވަނީ ސުވާލު އުފައްދާފަ އެވެ. އަދި އެވަރުގެ ކަމެއް ހިނގާއިރު ރައީސްއަށް ހަމަ އެނގިވަޑައިނުގަތް އޮންނާނެތޯ ވެސް ދަނީ ސުވާލު އުފައްދަމުންނެވެ.
ހުމާމްގެ އާއިލާއިން ތުހުމަތުކުރާ ގޮތުގައި ކުއްލި ގޮތަކަށް ރައީސް ޔާމީން އެ ވާހަކަފުޅު ދެއްކެވީ، އަފްރާޝީމް އަވާރަކޮށްލީ އަދީބު ފަންޑުކޮށްގެން ކަމަށް ސާބިތުކުރުމަށެވެ. އަދި އެކަން އަމަލީ ގޮތުން ކުރުވީ ހުމާމް ލައްވައި ކަމަށް ސާބިތުކުރުވުމަށް ކަމަށް އެ އާއިލާއިން ވަނީ ތުހުމަތުކޮށްފަ އެވެ.
ކޮންމެއަކަސް ފުލުހުން ތަހުގީގުކުރަމުންދާ މައްސަލައާ ގުޅިގެން ފުލުހުން ހާމަކޮށްފައިނުވާ މައުލޫމާތުތަކެއް ރައީސް މިވަނީ ހާމަކުރައްވާފަ އެވެ. ބަޔާން ނެގި މީހުންގެ މައުލޫމާތު ވެސް ހާމަކުރެއްވި އެވެ. ރައީސް އެވަގުތު ހުންނެވީ ވަރަށް ޖަޒުބާތުގަ އެވެ. އަދަޔާ ހިލާފު ފޯރިއެއްގަ އެވެ. އެ ފޯރީގައި ރައީސްއަށް މިވަނީ ދައްކަންޖެހޭ މިންވަރަށްވުރެ އިތުރަށް ވެސް ވާހަކަފުޅު ދެއްކެވިފަ އެވެ.