ހަބަރު

އަދީބުގެ ފައިސާއިިން ހޮވުނު މެންބަރުން އިސްތިއުފާދެއްވާ: ރައީސް

  • ދޫވެއްސަށް ވަދެފައި ވަނީ ހަލާލު ފައިސާ ނޫންކަން އެނގޭ
  • އަމިއްލަ އަބުރު ރައްކަލަށް ވެސް އެ ފައިސާ ރިކަވާކުރަން ޖެހޭ
  • ގިނަ މެންބަރުން ހޮވުނީ އަދީބު ފައިސާ ހަރަދުކޮށްގެން

ކުރީގައި ވަރަށް އަރިސް އަހުމަދު އަދީބު ގެންގުޅުއްވީ ހަލާލު ނޫން ފައިސާކަން މިހާރު އެނގިވަޑައިގަންނަވާ ކަމަށާއި އެހެންކަމުން އެމަނިކުފާނުގެ ގެކޮޅު ދޫވެއްސަށް ވެއްދި ފައިސާ ވެސް ވާނީ ހަލާލު ނޫން ފައިސާއަށް ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ. ރައީސް ވިދާޅުވީ، އަދީބުގެ ފައިސާގައި ހިފައި އެ ފައިސާއިން ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ކާމިޔާބުކުރި މެންބަރުން ވަރަށް ގިނަ ކަމަށެވެ.

"ރުމާލު 2"ގެ ނަމުގައި މާލޭ ހިޔާގެ ހުސް ބިމުގައި ޕީޕީއެމްގެ ޖަގަހައެއް ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމީން ވިދާޅުވީ، އަދީބުގެ ފައިސާ ވަނީ ހަމައެކަނި އެމަނިކުފާނުގެ ގެކޮޅަށް އެކަނި ނޫން ކަމަށެވެ. ގިނަ މެންބަރުންތަކެއް ވަނީ މަޖިލީހުގެ މެންބަރު ކަމަށް ވަޑައިގަތުމަށް އަދީބުގެ އެހީ ހޯދައި އަދީބުގެ ފައިސާ ބޭނުންކޮށްފައި ކަމަށެވެ. ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ފައިސާ ބޭނުންކޮށްގެން ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމަށް އިންތިހާބުވެވަޑައިގަތް ހުރިހާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިސްތިއުފާދީ، އަމިއްލަ މަސައްކަތްތަކުން އަލުން އިންތިހާބުވެގެން ވަޑައިގަތުމަށް ވެސް ރައީސް ގޮވާލެއްވި އެވެ.

"މި ފައިސާއިން ހަރަދުކުރެވިފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ކޮންކޮން މެންބަރުންނެއް އިންތިހާބުކުރަންތޯ އެބަ ބަލަންޖެހޭ، ފައިސާ ވަދެފައިވަނީ ފޮށިފޮށީގައި ހަމައެކަނި ދޫވެސްއަކަށް ނޫން، ރައްޔިތުންގެ މަޖިލީހަށް އޭރު ކޮންމެހެން ވެސް ހޮވަން އަޅުގަނޑުމެން ބޭނުންވި ބޭފުޅުންނަށް ހަރަދުކޮށްފަ ހުންނާނީ އަހުމަދު އަދީބު، އެހެންވީމަ އަޅުގަނޑުމެންގެ ގެއަށް ވަތް ފައިސާ ޝައްކެއް ނެތް ގޮތުގައި ހަލާލެއް ނޫން، މި ދެންނެވި މެންބަރުން ވެސް މިކަން ގަބޫލު ކުރެވޭނަމަ އަވަހަށް މަގާމުން ދުރަށް ވަޑައިގަންނަވާ،" ރައީސް ވިދާޅުވި އެވެ.

"ހަމަ ގައިމު ވެސް މަޖިލީހުގައި ތިއްބަވާނެ އަހުމަދު އަދީބު ހޭދަކުރައްވައިގެން އިންތިހާބުވި މެންބަރުން، އެހެންވީމަ އެ ބޭފުޅުން ވެސް ރާއްޖެ ކޮރަޕްޝަނުން ސަލާމަތް ކުރަން ބޭނުންވާނަމަ އަމިއްލައަށް އެކަން ގަބޫލުކޮށް ދުރަށް ވަޑައިގެން އަމިއްލަ ފައިސާއިން ހޮވިގެން އާދޭ، އަޅުގަނޑުމެންގެ ޕާޓީން މަދަކުން ނޫން މަޖިލީހުގެ މެންބަރުން ހޮވަން ހަރަދުކުރީކީ، މީގަ ބޮޑު ހޭދައެއް ކޮށްދެއްވީ އަހުމަދު އަދީބު، އެހެންވީމަ ޑޭވަންއިން ފެށިގެން އަހުމަދު އަދީބު ގެންގުޅުއްވި ފައިސާއަކީ ހަލާލު ނޫން ހައްގު ނޫން ފައިސާ ކަމަށްވާނަމަ އަޅުގަނޑުމެން އެބަޖެހޭ ވިސްނާލަން،"

މިއީ ބައެއް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ޖަވާބު ނުދެއްވޭނެ ކަންކަން ކަމަށާއި ނަމަވެސް ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރާ ކަމަށް ވިދާޅުވެ މަސައްކަތް ކުރައްވާނަމަ އަހުމަދު އަދީބުގެ ފައިސާގައި ހިފި ކަމަށް އެއްބަސްވެ މަގާމުން ދުރަށް ވަޑައިގަންނަވަންޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ، އަހުމަދު އަދީބަކީ މަގާމުގައި ހުންނެވިއިރު އެމަނިކުފާނާ ވެސް ވަރަށް ގާތް ބޭފުޅެއް ކަމަށެެވެ. އަދީބު އެމަނިކުފާނާއި އަނބިކަނބަލުންނާމެދު ކަންތައްތައް ކުރެއްވި ގޮތާމެދު ޒާތީ އެއްވެސް ކަމެއް ނެތް ކަމަށާއި ނަމަވެސް އަދީބަށް ސަލާމަތްވެވެން އޮންނާނީ ދައުލަތަށް ދައްކަންޖެހޭ ފައިސާތައް ދެއްކުމަށްފަހު ކަމަށް ވިދާޅުވި އެވެ.

އަދީބުގެ ފައިސާތަކުން އެއްބައި އެމަނިކުފާނަށް ލިބިފައިވާ ކަމަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން ތުހުމަތަކުރާ ކަމަށާއި އެހެންކަމުން އަމިއްލަ އަބުރުފުޅު ރައްކާތެރިކުރުމަށް ވެސް އެ ފައިސާ ދައުލަތަށް ވައްދަން މަޖުބޫރުވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"އެބަ ތުހުމަތުކުރޭ އަދީބުގެ ފައިސާއިން އަޅުގަނޑަށް ބައެއް ލިބުނު ކަމަށް، އާނ! އަލްޖަޒީރާއިން ވެސް ފެނުނީ އަޅުގަނޑުގެ ގެއަށް ފޮށިތައް ވައްދާތަން، މި ނޫން އެހެން އެއްވެސް އެއްޗެއް އަލްޖަޒީރާއަށް ވެސް ނުފެނުނު، އެހެންވީމަ އަޅުގަނޑުގެ އަބުރު ސަލާމަތް ކުރުމަށްޓަކައި ވެސް މި ފައިސާ އެބަ ދައުލަތަށް ވަންނަންޖެހޭ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، އެމަނިކުފާނުގެ އަމާޒަކީ ދައުލަތަށް ވަންނަންޖެހޭ ފައިސާތައް ދައުލަތަށް ވެއްދުން ކަމަށާއި މި ފަސް އަހަރު ތެރޭގައި އެ މަސައްކަތް ބާރަށް ކުރައްވާނެ ކަމަށެވެ. ރިޔާސީ ކޮމިޝަނެއް އެކުލަވާލީ ވެސް އެ މަސައްކަތް އަވަސްކުރުމަށް ކަމަށް ވިދާޅުވި އެވެ.