ހަބަރު

ތަޅާ ފޮޅާނީ ފަހުން، ތަރައްގީގައި ބައިވެރިވާން ލީޑަރުން އާދޭ: ރައީސް

ގައުމުގައި ހުރި މައްސަލަތައް ހައްލު ކުރުމަށާއި ގައުމަށް ތަރައްގީ ގެނައުމަށް ގުޅިގެން މަސައްކަތް ކުރައްވަމުން ގެންދަވާ އިދިކޮޅު ހަތަރު ލީޑަރުންނަށް ރައީސް އަބްދުﷲ ޔާމީން ދައުވަތު ދެއްވައިފި އެވެ.

ހުޅުމާލޭގައި އާ ޕާކަކާއި އިޖުތިމާއީ މަރުކަޒެއް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، މި ސަރުކާރުގެ އަމާޒަކީ ރައްޔިތުންނަށް ދުޅަހެޔޮ މުޖުތަމައުއެއް ގާއިމުކޮށްދީ، ޒުވާނުންނަށް ވަޒީފާގެ ގިނަ ފުރުސަތުތަކެއް ފަހިކޮށްދިނުން ކަމަށެވެ. ކޮންކްރީޓް ތަރައްގީގެ އިތުރުން މި ސަރުކާރުގެ އަމާޒު އޮތީ އިޖުތިމާއީ ގޮތުން ގައުމު ތަރައްގީކުރުމަށް ކަމަށެވެ. މިކަމުގައި އެމަނިކުފާނާއެކު ބައިވެރިވުމަށް އިދިކޮޅު ލީޑަރުންނަށް ދަންނަވާ ކަމަށެވެ.

"ހަމަ ގައިމު ވެސް ހެޔޮ އެދޭ ލީޑަރަކު ދިވެހި ޒުވާނުންނަށް ވަޒީފާ ލިބުމަކަށް ހުރަހެއް ނާޅޭނެ، އެހެންވީމަ އެ 94،000 ވަޒީފާ އުފައްދައިދިނުމަށް، އެ އެހެންމީހުންނަށް ނުކުރެވުނު ކަމެއް އަޅުގަނޑުމެން މިކުރަނީ، އެކަން ކުރަން އަޅުގަނޑަށް ވަގުތު ކޮޅެއް ދޭންވީނުންތޯ، ދެން ކުރީގަ ނުކުރެވިފަ ހުރި ގިނަ ކަންތައްތަކެއް ކުރުމަށް އަޅުގަނޑު މި މަސައްކަތް ކުރަނީ، އެކަންކަން ކޮށްލުމުގެ ފުރުސަތު އަޅުގަނޑަށް ދޭންވީންނުންތޯ؟،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، އިސްލާމް ދީނާއި ގާނޫނާ ހިލާފު ކަންތައްތަކެއް އެމަނިކުފާނު ކުރައްވައިގެން އިދިކޮޅު ފަރާތްތަކުން އެއްވެ އަޑުއެފުލާކަށް ނުޖެހޭނެ ކަމަށެވެ. އެ ފުރުސަތެއް ނުލިބޭނެ ކަމަށާއި އެއީ އެމަނިކުފާނުގެ ސަރުކާރުން ވެސް ގަބޫލުކުރާ ކަންތައްތަކެއް ނޫން ކަމަށެވެ. ރައީސް ވިދާޅުވީ، މި ސަރުކާރުގެ އަމާޒަކީ ދިވެހި ރައްޔިތުންނަށް ހިތްހަމަޖެހިލައިގެން ނޭވާލައި ދިރިއުޅޭވޭނެ ގޮތް ހަދައިދިނުން ކަމަށެވެ.

"އަޅުގަނޑުމެން އަބަދު އުޅެންވީމަ ޖެހިފަ މިހުރި ބޮޑެތި ކަންތައްތަކާއެކުއެއް ނޫން، އަޅުގަނޑުމެންގެ އާ ޖީލަކަށް ނޭވާ މިލަނީ، ނޭވާލާން ބޭނުން ވަނީ އުއްމީދީ ތަހުޒީބީ މުޖުތަމައުއަކަށް، އެކަން އަޅުގަނޑުމެންނަށް ހާސިލުކުރެވޭނީ ރަހުމުކުޑަ އަމަލުތައް ހުއްޓުވައިގެން، އެހެންވީމަ އެކަންކަން ކުރައްވަންވީނުންތޯ އަޅުގަނޑާއެކީ؟" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ދިވެހި ރައްޔިތުންގެ ކުރިއެރުމަށް ކުރާ ކަންތަކުގައި "އަހަރެންގެ ހިއްސާއެއް ވެސް ތީގަ ވާނެ" ކަމަށް އިދިކޮޅު ލީޑަރުން ވިދާޅުވުން ކީއްތޯ ކަމަށެވެ. އެއީ ހަމައެކަނި ރައީސް ޔާމީންގެ ކަމެއް ނޫން ކަމަށް އިދިކޮޅު ލީޑަރުން ވިދާޅުވާންވީ ނޫންތޯ ކަމަށް ރައީސް ވިދާޅުވި އެވެ.

"އެ ފުރުސަތު އަޅުގަނޑު މި ދެނީ ނޫންތޯ، އެހެންވީމަ ހުޅުމާލެ ބިނާކުރުމުގައި ވެސް އަޅުގަނޑު އިދިކޮޅު ލީޑަރުންނަށް މި ދަންނަވަނީ ހަމަ މިކަމުގަ ދިވެހި ރައްޔިތުންނަށް ލިބިގެންދާ ހިތްހަމަޖެހުމާއި މޫނަށް އެ ފޭދިގެންދާ ހިނިތުންވުން ގެނެސްދިނުމުގައި އަޅުގަނޑާ ބައިވެރިވާން، އަދި ވޯޓު ފޮއްޓާ ހަމައަށް ވަޑައިގެންނެވުމަށް އިންތިޒާރު ކުރައްވާތި، އަޅުގަނޑާއެކު ބައިވެރިވާންވީންނުންތޯ، އޭގެ ފަހުން 2018 ތަންކޮޅެއް ކައިރީވީމަ އަޅުގަނޑުމެން ހިނގާ ހިޔާލު ތަފާތުވެ ތަޅާ ފޮޅެން، މިހާރު ހިނގާ ހިދުމަތުގަ ތިބެން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، އަބަދު ދައްކަން ޖެހެނީ ދައުލަތުގެ ހަޒާނާ ބަހާ ގޮތުގެ ވާހަކަ ނޫން ކަމަށެވެ. އަބަދު ދައްކަންވީ އެއް ރައީސަކަށްވުރެ ގިނަ ރައީސުން ތިބޭ ވާހަކައެއް ވެސް ނޫން ކަމަށެވެ. ރައީސްކަމަށް ވަޑައިގަތުމުގެ އުއްމީދުގައި ވެސް މަސައްކަތް ކުރައްވަންވީ ރައީސްއާއެކު މިހާރު ގައުމުގައި ހުރި މައްސަލަތައް ހައްލުކުރުމަށް ކަމަށެވެ. ވެރިކަމުގެ އުއްމީދުތަކުގައި ކުލަ ޖެހޭނީ ވެސް އޭރުން ކަމަށެވެ.

"އުއްމީދުގެ ކުލަ ޖެހޭނީ ގާނޫނުން ބޭރުން ހަވާސާގައި މަސައްކަތް ކުރައްވައިގެނެއް ނޫން، އެ އުއްމީދުގެ ކުލަ ޖެހޭނީ ދައުލަތުގެ މުއައްސަސާތަކަށް ގަދަ ބާރުން ވަދެގަނެގެން ގަދަކަމުން މަސައްކަތް ކުރަން އުޅެގެނެއް ނޫން، ދިވެހި ދައުލަތުގެ ގާނޫނީ ހުކޫމާތް ހިނގާނެ، އަޅުގަނޑުމެން ހިނގާ ކެރިގެން ކަންކަން ކުރަން، އެ ކަންކަން ކުރާއިރު އަޅުގަނޑުމެން އެއްބަސްވަންވީނުންތޯ ރިޝްވަތާއި ފަސާދައިގައި އުޅޭ މީހުން ގާނޫނުން ޒިންމާދާރުކުރުމަށް އަޅުގަނޑުމެން އެއްބަސްވާންވީނޫންތޯ؟،" ރައީސް ވިދާޅުވި އެވެ.

"މިއަދު ވެސް އަޅުގަނޑު ދަންނަވާލަން ތިޔަ ހަތަރު ލީޑަރުން ފުރަތަމަ މިއަށް އާއެކޭ ވިދާޅުވޭ، މިއަށް ފުރަތަމަ އާއެކޭ ވިދާޅުވެފަ މީގެ ކުރިން ހިނގާފަ ހުރި މިކަހަލަ މައްސަލަތައް ހައްލުކުރަން ތިމަންނަމެން ވެސް މިތީބީ މޭޒު ދޮށަށް އަންނާށޭ ވިދާޅުވެ ދެއްވާ، އެކަންކަން ހައްލު ކޮށްދެއްވާ، މިފަހުން ހިނގާދިޔަ ރިޝްވަތުގެ މައްސަލަތައް ވެސް އަޅުގަނޑުމެންނާއެކު ހައްލުކުރަން އުޅުއްވާ، އޭރަށް އެމްއެމްޕީއާރްސީގެ މައްސަލަ ހައްލުވާ ގޮތަށް ދެން ހުރި މައްސަލަތައް ވެސް ހައްލުވާނެ،"