ހަބަރު

އެމްއެމްޕީއާރްސީގެ ހިޔާނާތުން ބޮޑު ގެއްލުމެއް ނުވޭ: ރައީސް

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތެރެއިން ގެއްލުނު ފައިސާގެ އަދަދު ބޮޑުވި ނަމަވެސް އޭގެ ސަބަބުން ދައުލަތަށް މާބޮޑު ގެއްލުމެއްވެފައިނުވާ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްއަށް އަލަށް މެންބަރުންތަކެއް ގުޅުމަށް މިއަދު ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، އެމްއެމްޕީއާރްސީގެ ތެރެއިން ގެއްލުނު ފައިސާގެ އަދަދު ބޮޑުވި ނަމަވެސް އެ ފައިސާތައް ދައުލަތަށް އަނބުރާ ހޯދޭނެ ފައިސާ ކަމަށެވެ. އެ ހިޔާނާތުގެ ސަބަބުން ދައުލަތަށާއި ދިވެހި ޝަހުސަށް ބޮޑުތި ގެއްލުންވެފައިނުވާ ކަމަށެވެ.

ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ހުށަހެޅި ރިޝްވަތުގެ ބޮޑެތި މުއާމަލާތްތައް ހިނގައި، މަޖިލީހުގެ ތެރެއަށް ފައިސާގެ ނުފޫޒުވަނުމަކީ އެމްއެމްޕީއާރްސީ ހިޔާނާތަށްވުރެ ގެއްލުން ބޮޑު ނުފޫޒެއް ކަމަށް ރައީސް ވިދާޅުވި އެވެ.

"މަޖިލީހުގެ ތެރޭއަށް ވަތް ފައިސާގެ ނުފޫޒުގެ ވާހަކަ މި ދައްކަނީ އެންމެ ބޮޑު ކޮރަޕްޝަންގެ ގޮތުގަ، ފައިސާގެ އަދަދުގެ ގޮތުން އެމްއެމްޕީއާރްސީގެ ހިޔާނާތް ބޮޑުވެދާނެ، އެކަމަކު މުޅި ދިވެހި ރައްޔިތުންނަށާއި ދިވެހި ސައިކީއަށް ދިވެހި ޝަހުސަށް މި ލިބުނު ގެއްލުމަށް ބަލާ ކަމަށްވާނަމަ މަޖިލިސް ތެރެއަށް މިވަތް ފައިސާގެ ނުފޫޒަކީ އެއަށްވުރެ މާ ނުބައި ނުފޫޒެއް،" ރައީސް ވިދާޅުވި އެވެ.

"އެމްއެމްޕީއާރްސީގެ ވާހަކަ، އަދަދުގެ ގޮތުން ބޮޑު، އެކަމަކު މުޅި ދައުލަތަށް އައި ލޮޅުމަށް ބަލާ ކަމަށްވާނަމަ ކުޑަ، ވަރަށް ކުޑަ، ދެން އެ ފައިސާއަކީ ﷲގެ އިރާދަފުޅުން އަޅުގަނޑުމެންނަށް އަނބުރާ ހޯދޭނެ ވެސް ފައިސާ، އަދި އެ ފައިސާގެ ސަބަބުން އަޅުގަނޑު މި ދަންނަވާފަދަ ބޮޑެތި ގެއްލުންތަކެއް ނާދޭ،"

ކަންކަން އެންމެފަހުން ނިންމަން ތިބޭ ރައިސުލްޖުމްހޫރިއްޔާ އާއި ފަނޑިޔާރު ގެތަކާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ރިޝްވަތު ހިފައި ރިޝްވަތު ދޭ ބަޔަކަށްވާނަމަ ރައްޔިތުން އުޅޭނީ ވަރަށް ހާލުގަ ކަމަށެވެ. އެހެންކަމުން މަޖިލިސް ތެރޭގައި ހިނގި ރިޝްވަތުގެ އަމަލުތަކަކީ ގޯސް ކަމެއްކަން ރައްޔިތުން ގަބޫލުކުރަން ޖެހޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

މަޖިލީހުގައި ރިޝްވަތާއި ފައިސާގެ ނުފޫޒު އޮތް ކަމަށް ރައީސް ވިދާޅުވާއިރު މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލައާ ގުޅިގެން މެންބަރުންނަށް ރިޝްވަތު ހުށަހަޅަން މަސައްކަތް ކުރެއްވި ކަމުގެ ތުހުމަތުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ދައުވާކޮށް ޝަރީއަތް ދަނީ ހިންގަމުންނެވެ. އަދި ހަމަ އެ ތުހުމަތުގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން، ދިއްގަރު ދާއިރާ މެންބަރު އަހުމަދު ފާރިސް މައުމޫން ވަނީ ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.