ހަބަރު

ރިލްވާން މަންމަގެ ސީދާ ތުހުމަތުތަކެއް ރައީސް ޔާމީނަށް

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުނުތާ ތިން އަހަރުފުރުނު ދުވަހު އޭނާގެ މަންމަ އައިމިނަތު އީސާގެ ސީދާ ތުހުމަތުތަކެއް ރައީސް އަބްދުﷲ ޔާމީނަށް ކޮށްފި އެވެ. ރިލްވާންގެ ގެއްލުވާލުމުގެ ފަހަތުގައި މި ސަރުކާރާއި ރައީސް ޔާމީންގެ އަތެއްވާ ކަމަށް ބުނެ މީގެކުރިން ނުސީދާ ތުހުމަތުތަކެއް ކޮށްފައިވީ ނަމަވެސް މިއަދު ރިލްވާންގެ މަންމަ ވަނީ ސީދާ ތުހުމަތު ރައީސް ޔާމީނަށް ކޮށްފަ އެވެ.

ރިލްވާންއަށް ވީގޮތް ހޯދުމަށް މިއަދު ހަވީރު ކުރިއަށް ގެންދިޔަ ހިނގާލުމަށް ފުލުހުން ހުރަސްއަޅައި ޕެޕާސްޕްރޭ ޖަހައި ހުއްޓުވާފައިވަނިކޮށް މީޑިއާއާ ބައްދަލުކޮށް އައިމިނަތު އީސާ ބުނީ، ރައީސް އަބްދުﷲ ޔާމީނާއި އެމަނިކުފާނުގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމަށް ބައްދަލުކުރައްވަން ވަރަށް މަސައްކަތް ކުރެވިއްޖެ ކަމަށެވެ. ނަމަވެސް އަބަދުވެސް ކޮންމެވެސް ބަހަނާއެއް ދައްކަވައި، ބައްދަލުކުރުމަށް ދެކޮޅު ހަދާ ކަމަށެވެ.

"ބައްދަލުކުރަން މަސައްކަތް ކުރަން، ޔާމީނާ ބައްދަލުކުރަން ވެސް އެދުނިން، އެދުނީމަ ބުނީ މިއުޅެނީ ހައްޖަށް ދާށޭ، މި އުޅެނީ އުމުރާއަށް ދާށޭ، މި އުޅެނީ ސިންގަޕޫރަށް ދާށޭ، ދެކަނބަލުން ވެސް އަޅުގަނޑުމެންނާ ބައްދަލެއް ނުކުރި، ދެން ހުއްޓާލާފަ މިތިބީ، އެމީހުން ބައްދަލެއް ނުކުރާނެ، އޭނާ [ރައީސް ޔާމީން] ކޮށްގެން އުޅޭ ކަމެއް ވިއްޔާމި، އޭނާ ކޮށްގެން އުޅޭ ކަމެއް މި، އަޅުގަނޑު ބިރެއް ނުގަނޭ މިހެން ބުނާކަށް، އަޅުގަނޑަށް ހެޔޮ މަރާލިޔަސް،" ރިލްވާންގެ މަންމަ އަސަރާއެކު ބުންޏެވެ.

ރިލްވާން ގެއްލުވާލުމުގައި މި ސަރުކާރުގެ އަތެއް ހާއްސަކޮށް ރައީސް ޔާމީންގެ އަތެެއްވާ ކަމަށް ބުނެ ވަރަށް ސީދާ ތުހުމަތުތަކެއް ރައީސް ޔާމީނަށް ރިލްވާންގެ މަންމަ މިއަދު ކޮށްފައިވާއިރު އެކަމާ ގުޅޭ ގޮތުން ރައީސް އޮފީހުގެ ބަހެއް ހޯދުމަށް އެކި ގޮތްގޮތުން މަސައްކަތް ކުރި ނަމަވެސް އެފަރާތުގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.

ރިލްވާންގެ މަންމަ ބުނީ، ރިލްވާން ފިލައިގެން ނުދާނެކަން އެއީ އޭނާއަށް ޔަގީންވާ ކަމެއް ކަމަށާއި އޭނާ ގެންދިޔައީ ހަމަ މި ސަރުކާރުން ކަމަށެވެ. ރިލްވާންއަށް ސަރުކާރުން ހެދީ ކިހިނެއްތޯ ބުނެދޭން މަންމަ އެދުނެވެ.

"ބުނެދޭށޭ އޭނާއަށް ހެދި ގޮތް، މަރާލީހޭ؟ ފޮރުވާފަ ދުނިޔޭގައި ބެހެއްޓީހޭ ކަލޭމެން؟، ކިހިނެއްހޭ ހެދީ، އޭނާ ކޮބައި ހެއްޔެވެ؟ ރިލްވާން ކޮބައި ހެއްޔެވެ؟ އޭނާ ވަގަށް ހަމަ ނެގީ، މި ސަރުކާރުންނޭ ނެގީ، މި ސަރުކާރުގެ އަތެކޭ ވަނީ، މިހެން ދައްތައަށް ބުނެވޭނީ، މި ނޫން އެއްޗެއް ދައްތައަކަށް ނުބެނެވޭނެ،" ރިލްވާންގެ މަންމަ ބުންޏެވެ.

މިއަދުގެ ހިނގާލުން ކުރިއަށް ގެންދަނީ ގާނޫނާ ހިލާފަށް ކަމަށް ބުނެ ފުލުހުން ވަނީ އެ ހިނގާލުން ރޫޅާލާފަ އެވެ. އެ ހިނގާލުން ރޫޅާލީ، ބާރުގެ ބޭނުންކޮށްގެންނެވެ. ހިނގާލުމުގެ ބައިވެރިންގެ މޫނަށް ޕެޕާ ސްޕްރޭ ޖަހައި، ގެންގުޅު ބޯޑުތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ނުވަ މީހަކު ހައްޔަރުކޮށްފައިވާތީ ރިލްވާންގެ މަންމަ ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

"މިއަދު ވެސް އެމީހުން [ފުލުހުން] ޕެޕާ ސްޕްރޭ ޖެހީ ދައްތަގެ ލޮލަށް، ދައްތަމެން މިތާ މަޑުމަޑުން އައިސްތިބާ، ގެންގުޅުނު ހުރިހާ އެއްޗެއް ވެސް ގެންގޮސްފި، ދެން ކީކޭ ބުނާނީ، މިވަރު ބޮޑެއް ނޫންތަ އަޅެ، އަޅުގަނޑުމެންނަށް މިކަންތައްތައް ބަލާދޭށޭ އަބަދުވެސް މި ބުނަނީ މި މީހުން ކައިރީގަ، އެހެން ނަހަދާށޭ،" ރިލްވާން މަންމަ ބުންޏެވެ.