އުމަރު ނަސީރު

ރިލްވާން މައްސަލަ ނުބަލަން ޔާމީން ނާންގަވާ: އުމަރު

ވަގަށް ނަގައި މަރާލި، އަހުމަދު ރިލްވާން އަބްދުﷲ ވީނުވީއެއް ނޭނގި ގެއްލިފައިވާ މައްސަލަ ނުބަލަން ކުރީގެ ރަައީސް އަބްދުﷲ ޔާމީން އޭރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރަށް އެންގެވި ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތައް އުމަރު ދޮގު ކުރައްވައިފި އެވެ.

ރިލްވާންގެ މައްސަލަ ނުބަލަން ރައީސް ޔާމީން އުމަރު ނަސީރަށް އެންގެވި ކަަމަށް ބުނެ ބައެއް އޮންލައިން ނޫސްތަކުން ފަތުރަމުންދާ ހަބަރާ ގުޅިގެން އުމަރު އަވަސް އަށް ވިދާޅުވީ އެއީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ. ރިލްވާންގެ މައްސަލަ ނުބަލަން ނުވަތަ ހުއްޓާލުމަށްވެސް ރައީސް ޔާމީން އޭނާގެ ގާތުގައި ދުވަހަކުވެސް ވިދާޅުވެފައިނުވާ ކަމަށް އުމަރު ވިދާޅުވިއެވެ.

"މިއީ ކަނޑައެޅިގެން 'އޯވާވެލްމް' ގެ މާނަ އޮޅޭ ގޮތަށް ފަތުރަމުންދާ ވާހަކަތަކެއް،" ރިލްވާން ގެއްލުނުއިރު މިނިސްޓަރު ކަމުގައި ހުންނެވި އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ ރިލްވާންގެ މައްސަލާގައި އޭރުގައި ވެސް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. ރިލްވާންގެ މައްސަލަ މިހާރު ތަހުގީގު ކުރަމުންދާ ކޮމިޝަނަށް ވެސް ހޯދިފައިވަނީ އޭރުގެ ހޯދުންތައް އެކަނި ކަމަށް މީގެ ކުރިން ވެސް އުމަރު ވިދާޅުވެފައިވެ އެވެ.

"ރިލްވާންގެ މައްސަލާގައި ކުރެވެން ހުރި ހުރިހާ ކަމެއް ވަނީ އޭރު ވެސް ކޮށްފަ، ނަމަވެސް [މި ސަރުކާރުން] ދޮގާއި އޮޅުވާލުން އެއީ ސިޔާސީ ހަތިޔާރަކަށް ހެދުމުން އިތުބާރު ގެއްލުން ނޫން ކަމެއް ނުވި،" އުމަރު ވިދާޅުވި އެވެ.

ރިލްވާން އަބްދުﷲ ވީނުވީއެއް ނޭނގި ގެއްލިފައިވާ މައްސަލާގައި ސުވާލުކުރުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އިއްޔެ މަރު ކޮމިޝަނަށް ހާޒިރުކޮށްފައިވެއެވެ. ނަމަވެސް އެމަނިކުފާނު ވަނީ ކޮމިޝަންގެ ތަހުގީގުގައި ހަނު ހުންނަވާފައެވެ.

އަވަސްއާ ވާހަކަދައްކަވަމުން ޑރ. ޖަމީލް ވިދާޅުވީ ރިޔާސީ ކޮމިޝަންގެ ހާލަތާމެދު ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އަދި ކޮމިޝަނުން މިއަދު އަމަލުކުރި ގޮތާމެދުވެސް ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

ޖަމީލް ވިދާޅުވީ ކޮމިޝަންގެ ތަހުގީގަށް ހާޒިރުވެވަޑައިގަތުމުން ރައީސް ޔާމީނާއެކު ހުންނެވޭނީ ދެ ވަކީލުންނަށް ކަަމަށް އަންގާފައިވާ ކަމަށާ އެއީ ކޮން ގާނޫނެއްގެ ދަށުން ނިންމި ނިންމުމެއްތޯ ސުވާލު ކުރުމުން އެ ސުވާލަށް ޖަވާބެއް ނުދެއްވުނު ކަމަށެވެ. ޖަމީލް ވިދާޅުވީ ޖިނާއީ އިޖުރާއާތުގެ ގާނޫނުގެ ވަކީލުންނަށް ތިބެވޭނެ އަދަދު ކަނޑައެޅިދާނެ ކަމަށާ ނަމަވެސް އެކަމަށް ހަަދަން ޖެހޭ ގަވާއިދު އޮތީ ކޮމިޝަނުން ނުހަދާ ކަމަށެވެ.

"އަޅުގަނޑުމެން އެ ސުވާލު ކުރުމުން ސުވާލަށް ޖަވާބު ނުދީ ވިދާޅުވަނީ އެއީ ތިމަންނާމެންގެ އަމިއްލަ ނިންމުމެކޭ ދެ ވަކީލުންނަށް ތިބެވޭނެ ކަމަށް ނިންމުމަކީ. އެކަން އެހެން ނުކުރެވޭނެ ކަމަށް ވިދާޅުވުމުން ދެން ވިދާޅުވީ ތިން ވަކީލުންނަށް ތިބެވޭނެ ކަމަށް. އަޅުގަނޑު ދެންނެވިން ގަވާއިދު ނުހަދާ އެފަދަ އެއްވެސް ނިންމުމެއް ނުނިންމޭނެ ކަމަށް. މިހާ ދެރަވަރު ހާލަތެއްގައި އެ ކޮމިޝަނަށް އޮތީ،" ކުރީން ޖަސްޓިސް މިނިސްޓަރު ކަމާއި އިސް ގާޒީކަން ކުރެއްވި ކުޅަދާނަ ވަކީލު ވިދާޅުވިއެވެ.

ރިލްވާންގެ އާއިލާއިން ވެސް މައްސަލައަށް އިންސާފު ލިބުން ލަސްވަމުންދާތީ ކަންބޮޑުވުން ފާޅުކޮށް ބުނެފައި ވަނީ މި ސަރުކާރުން ވެރިކަމަށް އައިސްފައި ވަނީ ރިލްވާންއާއި މަރާލާފައިވާ ބްލޮގަރު ޔާމީން ރަޝީދުގެ ނަން ބޭނުންކޮށްގެން ކަމަށެވެ. މި ސަރުކާރަށް ވޯޓު ދިނުމަށް އާއިލާއިން ވެސް އެތައް މަސައްކަތެއް ކުރި ކަމަށެވެ.

މީގެކުރިން ވެސް ރިލްވާން ރަހީނު ކުރި ކަމުގެ ދައުވާ ދެ މީހެއްގެ މައްޗަށް އުފުލި އެވެ. ނަމަވެސް އެ ދެ މީހުންގެ މައްޗަށް ކުރިމިނަލް ކޯޓުން ކުށް ސާބިތެއް ނުވި އެވެ. އެ މައްސަލަ މިހާތަނަށް ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައެއް ވެސް ނުވެ އެވެ.

ގެއްލުވާލާފައިވާ މީހުނާއި މަރާލާފައިވާ މީހުންގެ މައްސަލަތަކަށް އިންސާފު ހޯދައިދިނުމަކީ ރައީސް ސޯލިހްގެ ރިޔާސީ ވައުދުފުޅެކެވެ. ނަމަވެސް މި މައްސަލަތަކުގެ ތަހުގީގު ފުރިހަމަކޮށް އިންސާފު ހޯދައިދިނުމުގައި ލަސްވަމުންދާތީ މި ސަރުކާރަށާއި އެ ކަމަށް އެކުލާވަލި ކޮމިޝަނަށް ފާޑުކިއުންތައް ދަނީ އިތުރުވަމުންނެވެ.