އުމަރު ނަސީރު

ރިލްވާންގެ ބައްޕަގެ ވާހަކަތަކުން އެމްޑީޕީ ބޭޒާރުވެއްޖެ: އުމަރު

ވަގަށް ނަގައި މަރާލި، އަހުމަދު ރިލްވާން އަބްދުﷲ ވީނުވީއެއް ނޭނގި ގެއްލިފައިވާ މައްސަލައިގައި އެމްޑީޕީން ހެދި ދޮގު ބޭޒާރުވެފައިވާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ. އުމަރު މިހެން ވިދާޅުވީ ރިލްވާންގެ ބައްޕަ އަބްދުﷲ މޫސާ ދެއްކި ވާހަކަތަކަކާއި ގުޅިގެންނެވެ.

އިދިކޮޅު ލީޑަރާއި އިދިކޮޅު ޕާޓީގެ ވާހަކަތަކަށް އިސްކަން ދީފައި އޮންނަ ޗެނަލް 13 އިން މިރޭ ގެނެސްދިން ޕްރަގްރާމެއްގައި ރިލްވާންގެ ބައްޕަ އަބްދުﷲ މޫސާ ވަނީ ރިލްވާންގެ މަރުގެ މައްސަލަ އެމްޑީޕީން ސިޔާސީ ހަތިޔާރަކަށް ހަދާފައިވާ ކަމަށް ބުނެފައެވެ. އަދި ރިލްވާންގެ ނަން ބޭނުންކޮށް އެމްޑީޕީން ކުރި މުޒާހާރާތަކަކީ ވެރިކަން ހޯދަން ޖެއްސި މަޅިއެއް ކަމަށް ބުނެފައިވެއެވެ. ރިލްވާން ގެއްލުވާލުމުގައި ރައީސް ޔާމީންގެ ދައުރެއް ނެތް ކަމަށާ އެމަނިކުފާނަށް އެއްވެސް ހިތްބުރަ ކަމެއް ނެތް ކަމަށް އަބްދުﷲ ބުންޏެވެ.

ރިލްވާންގެ މަރަށް ދެންވެސް އިންސާފެއް ހޯދާ ދެވޭނީ ރައީސް ޔާމީން ކަމަށް ގަބޫލުކުރާ ކަމަށާ އެމަނިކުފާނު އަލުން ވެރިކަމަށް ގެނައުމަށް ބޭނުންވާ ކަމަށް ވަނީ ބުނެފައެވެ.

އެ ވާހަކަތަކަށް އިޝާރާތް ކުރައްވާ ރިލްވާން ގެއްލުނު ދުވަސްވަރު ހޯމް މިނިސްޓަރަކަށް ހުންނެވި އުމަރު ނަސީރު ވިދާޅުވީ ރިލްވާންގެ މަރު ސިޔާސީ ހަތިޔާރަކަށް ހަދާ އެމްޑީޕީން ކުރީ ވަރަށް ދަށު ދަރަޖައިގެ ކެމްޕޭނެއް ކަމަށެވެ. ކޮންމެ ބަޔަކު ވެރިކަމުގައި ތިއްބަސް މީހުން މަރުވެ މީހުން ގެއްލޭ ކަމަށާ އެކަން ވެރިމީހާގެ ބޮލުގައި އަޅުވައިގެން ދޮގު ފެތުރުމުން ކޮންމެވެސް ދުވަހަކުން އެކަން އަބުރާ ގައިގައި ޖެހޭނެ ކަމަށް އުމަރު ވިދާޅުވިއެވެ.

"މިއަދު މިވަނީ އެމްޑީޕީ ބޭޒާރު ވެފައި. ދޮގު ބޭޒާރުވެފައި. ދޮގު ބައެއް ފަހަރު ވަގުތީ އުފަލެއް ގެނެސް ދިނަސް ދާއިމީ އުފާ ގެނެސް ދެނީ ތެދުން. ޔާމީންގެ ސަރުކާރުން އެއިރު ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރެއްވި،" އުމަރު ވިދާޅުވިއެވެ.

ރިލްވާންގެ އާއިލާއިން ވެސް މައްސަލައަށް އިންސާފު ލިބުން ލަސްވަމުންދާތީ ކަންބޮޑުވުން ފާޅުކޮށް ބުނެފައި ވަނީ މި ސަރުކާރުން ވެރިކަމަށް އައިސްފައި ވަނީ ރިލްވާންއާއި މަރާލާފައިވާ ބްލޮގަރު ޔާމީން ރަޝީދުގެ ނަން ބޭނުންކޮށްގެން ކަމަށެވެ. މި ސަރުކާރަށް ވޯޓު ދިނުމަށް އާއިލާއިން ވެސް އެތައް މަސައްކަތެއް ކުރި ކަމަށެވެ.

އާއިލާގެ ނުރުހުން ޗެލަން 13 އަށް

ރިލްވާންގެ ދައްތަ ޝެހެނާޒް އަދުނާން ވަނީ ޗެނަލް13 އިން އަމަލުކުރި ގޮތުން ނުރުހުން ފާޅުކޮށްފައެވެ. ޝެހެނާޒް ބުނީ އޭނާގެ ބައްޕައަކީ ބަލި މީހެއް ކަމަށާ ކަންކަން މިހާރު ރަނގަޅަށް ހަނދާންވެސް ނުހުންނަ ކަމަށެވެ.

އޭނާގެ ބައްޕަގެ އިންޓަވިއުއެއް ޗެނަލް 13 އިން ނެގީ އާއިލާގެ އެއްވެސް ބަޔަކަށް އެނގުމެއް ނެތި ކަމަށް ވެސް ބުންޏެވެ. އަދި އެއީ ވަކި ސިޔާސީ މަގުސަދެއްގައި ކޮށްފައިވާ ދަށު ދަރަޖައިގެ އަމަލެއް ކަމަށެވެ.

"ރިލްވާންގެ މައްސަލާގައި މި ސަރުކާރާއި ކޮމިޝަނުން މަސައްކަތްތަކެއްް ކުރަމުންދާ ކަމަށް އަދި އެ މަސައްކަތް އާއިލާއިން ބަލައިގަންނަން،" ސަރުކާރު ހިންގާ އެެމްޑީޕީގެ މެންބަރެއްގެ ގޮތުގައިވެސް ހުރި ޝެހެނާޒް ބުންޏެވެ.

މީގެކުރިން ވެސް ރިލްވާން ރަހީނު ކުރި ކަމުގެ ދައުވާ ދެ މީހެއްގެ މައްޗަށް އުފުލި އެވެ. ނަމަވެސް އެ ދެ މީހުންގެ މައްޗަށް ކުރިމިނަލް ކޯޓުން ކުށް ސާބިތެއް ނުވި އެވެ. އެ މައްސަލަ މިހާތަނަށް ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައެއް ވެސް ނުވެ އެވެ.

ގެއްލުވާލާފައިވާ މީހުނާއި މަރާލާފައިވާ މީހުންގެ މައްސަލަތަކަށް އިންސާފު ހޯދައިދިނުމަކީ ރައީސް ސޯލިހްގެ ރިޔާސީ ވައުދުފުޅެކެވެ. ނަމަވެސް މި މައްސަލަތަކުގެ ތަހުގީގު ފުރިހަމަކޮށް އިންސާފު ހޯދައިދިނުމުގައި ލަސްވަމުންދާތީ މި ސަރުކާރަށާއި އެ ކަމަށް އެކުލާވަލި ކޮމިޝަނަށް ފާޑުކިއުންތައް ދަނީ އިތުރުވަމުންނެވެ.