ޓެކްނޯލޮޖީ

ނޯޓް 7 ބާޒާރުން ނަގަން 5.4 ބިލިއަން ޑޮލަރުގެ ހޭދައެއްކުރަނީ

Oct 15, 2016
1

ބެޓެރީ އޯވާހީޓް ވުމުގެ ސަބަބުން ފޯނުތައް ގޮވާ މައްސަލަ ހައްލު ނުކުރެވި ސެމްސަންގްގެ އެންމެ ފަހުގެ ސްމާޓްފޯނު، ގެލެކްސީ ނޯޓް 7 ބާޒާރުން ނަގައި އޭގެ ޕްރޮޑަކްޝަން އެއްކޮށް ހުއްޓާލަން ޖެހުމަކީ 5.4 ބިލިއަން ޑޮލަރުގެ ގެއްލުމެއް އެކަމަށް ހޭދަކުރަން ޖެހޭނެ ކަމެއް ކަމަށް ސެމްސަންގުން ބުނެފި އެވެ.

މި ގެއްލުމަކާ އެ ކުންފުނި ކުރިމަތިލާން ޖެހިފައިވާއިރު ނޯޓް 7 އިން އަހަރުގެ ތިން ވަނަ ކްއާޓަރުގައި ލަފާކުރި ފައިދާ ވެސް އެ ކުންފުނިން ވަނީ ތިރިއަށް ޖައްސައިފަ އެވެ.

ނޯޓް 7 ގޮވުމުގެ މައްސަލަ ފެންމަތިވެ ފޯނުތައް އަނބުރާ ސެމްސަންގުގެ ބެލުމުގެ ދަށަށް ގެންދަން ފެށީ މިދިޔަ މަހު އެވެ. އެއަށް ފަހު މައްސަލަ ހައްލުކޮށްފައިވާ ކަމަށް ބުނެ އަލުން ޝިޕްކުރަން ފެށި ފޯނުތައް ވެސް ގޮވަން ފެށުމުން ސެމްސަންގުން ވަނީ އެންމެފަހުން މި ފޯނު އުފެއްދުން ހުއްޓާލައި ބާޒާރުން އޭގެ ހުރިހާ އާލާތެއް ނެގުމަށް ނިންމައިފަ އެވެ.

މި ފޯނުގެ ސަބަބުން ވިޔަފާރީގެ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހުނަސް ސެމްސަންގް އިލެކްޓްރޯނިކްސް އަށް ތިން ވަނަ ކުއާޓަރުގެ އޮޕަރޭޓިން ޕްރޮފިޓްގެ ގޮތުގައި ގާތްގަނޑަކަށް ހަ ބިލިއަން ޑޮލަރު ލިބޭނެ ކަމަށް ވަނީ ލަފާކުރެވިފަ އެވެ.

ސެމްސަންގުން ބުނެފައި ވަނީ އެމީހުންގެ ސްމާޓްފޯނުގެ ވިޔަފާރި މި އަހަރު ދެން ހަމައަކަށް އެޅުވުމަށް ޕްރޮމޯޝަން ވަރުގަދަކުރަން ހަމަޖެހިފައި ވަނީ ގެލެކްސީ އެސް7 އާއި އެސް7 އެޑްޖުގެ ފޯނުތަކުގެ ކަމަށެވެ. ނޯޓް 7 ގޮވުމުގެ މައްސަލަ ދިމާވެ ސެމްސަންގަށް ސްމާޓްފޯނުގެ ބާޒާރުގައި މުސީބާތެއް ކުރިމަތިވިއިރު 2.5 މިލިއަނަށް ވުރެ ގިނަ ފޯނު އެމީހުން އެ ސިލްސިލާގައި ވިއްކާލާފައިވެ އެވެ.

ނަމަވެސް ފޯނުތައް ގޮވަން ފެށުމާ ގުޅިގެން އެ ހުރިހާ އަދަދެއް ވަނީ އަނބުރާ ގެންގޮސްފަ އެވެ. -- ބީބީސީ