ޓެކްނޯލޮޖީ

ގެލެކްސީ އެސް 8 ގެ ރަސްމީ ކުރެހުން ލީކުވެއްޖެ

ސަމްސަންގެ ކުރިއަށް ނެރެން އޮތް ފޯނު، ގެލެކްސީ އެސް 8 ގެ ރަސްމީ ކުރެހުމެއް ލީކް ވެއްޖެ އެވެ.

މިދިޔަ އަންގާރަ ދުހު ލީކު ކޮށްލާފައިވާ މި ފޯނުގެ ކުރެހުން ބޭރުކޮށްލާފައި ވަނީ މީގެ ކުރިންވެސް އެތައް ފޯނެއް ރަސްމީކޮށް މާކެޓަށް ނެރުމުގެ ކުރިން ލީކު ކޮށްފައިވާ އިވަން ބްލާސް އެވެ. އަދި އޭގެ އެއް ދުވަސް ފަހުން ޗައިނާގެ އިންޓަނެޓް ފޯރަމް އެއްގައި ގެލެކްސީ އެސް 8 އާއެކު ނެރެން ހަމަޖެހިފައިވާ އެއަށް ވުރެ ކުޑަ މޮޑެލް އެއްގެ ފޯނެއްގެ ފޮޓޯ އެއްވެސް ވަނީ އާންމުވެފަ އެވެ.

މި ފޯނުގައިވެސް އެތަކެއް ތަފާތު އާ ފީޗާސް ތަކެއް މި ކުންފުނިން ތައާރަފް ކޮއްފައި ވާކަން މި ލީކުވި ކުރެހުމުން އެނގެއެވެ. އެގޮތުން މަދު ފޯނުތަކަކުން ފެންނަ ސްކްރީން ހޯމް ބަޓަން މި ފޯނުގައި ބޭނުންކޮށްފައި ވެއެވެ. ގެލެކްސީ އެސް ސީރީސް ގެ އެންމެ ފަހުގެ ފޯނު ގައި ވާފަދަ ކާވްޑް ޑިސްޕްލޭ އެއް މި ފޯނުގައި ވެސް އެ ކުންފުނިން ބޭނުން ކޮށްފައި ވެއެވެ. މީގެ އިތުރުން މި ފޯނުގެ ވޮލިއުމް ބަޓަން ގެ ދަށުގައިވާ އިތުރު ބަޓަނަކީ މިކުންފުނީގެ އާ ވާޗުއަލް އެހީތެރިޔާ "ބިކްސްބީ" އާ ގުޅުންހުރި ބަޓަން އެއް ކަމަށް ލީކު ކުރި ފަރާތުން މައުލޫމާތު ދީފައި ވެއެވެ.

އެގޮތުން ނޯޓް ސީރީސް ގެ އެންމެ ފަހުން ނިކުން ނޯޓް 7 ގެ ބެޓެރި ހޫނު ގަދަ ވެގެން ގޮވުމުގެ މައްސަލައާ ގުޅިގެން، އަލައް ނެރޭ ފޯނުތަކުގެ ބެޓެރި ޓެސްޓު ކުރުމުގެ ގޮތް ބަދަލު ކުރެވި، ނޯޓް 7 ގައި ކުރިމަތިވި ބެޓެރީގެ މައްސަލަ ކުރިމަތި ނުވާނޭ ކަމަށް ސަމްސަންގް އިންވަނީ އިއުލާންކޮށްފަ އެވެ.

މިމަހު 29 ގައި ނިއުޔޯކުގައި މިފޯނު ދައްކާލުމަށް ހަމަޖެހިފައި ވާއިރު މިފޯނު ބައިނަލްއަގުވާމީ މާކެޓަށް ނެރުމަށް ހަމަޖެހިފައި ވަނީ އަންނަ އޭޕްރީ މަހުގެ 21 ވަނަދުވަހު އެވެ.