ޓެކްނޯލޮޖީ

ނޯޓް 7 ގޮވުމަށް ފަހު ޖަވާބުނުލިބުނު ސުވާލުތައް

Oct 15, 2016
2

އަހަރުގެ އެންމެ މޮޅު ސްމާޓްފޯނުގެ ގޮތުގައި ގިނަ ބަޔަކު ލޭބަލްކުރި ސެމްސަންގުގެ ގެލެކްސީ ނޯޓް 7 ގޮވައި، އަނދައި އަޅިއަށްވެ، އެ ވާހަކައެއް ނިމުނީ އެވެ. ނޯޓް 7 އަށް ސަންދޯއް ޖަހައި ވަޅުލުމުގެ މަސައްކަތް ސެމްސަންގުން އެ ވަނީ ފަށައިފަ އެވެ. -- ބެޓެރީ އޯވާހީޓްވުމުގެ މައްސަލަ އަށް ހައްލެއް ނުހޯދުނީމަ އެވެ.

މިއީ ހަގީގަތުގައި ސެމްސަންގަށް ލިބުނު ފިލާވަޅެއް ނޫނެވެ. ސްމާޓްފޯނު އުފައްދާ އެހެން ކުންފުނިތަކުން ވެސް އިބްރަތް ހާސިލުކުރާނެ ކަމެކެވެ. ވަކިން ހާއްސަކޮށް ބެޓެރީ ފޯނުން ނުނެއްޓޭ ގޮތަށް ސްމާޓްފޯނުތައް މިފަހުން ފަރުމާކޮށްފައިވާ ކުންފުނިތަކަށް ލިބުނު އިންޒާރެކެވެ.

މޯބައިލް ފޯނުގެ ބެޓެރީ މިގޮތަށް ހޫނުވުމުގެ އެހެން ބޮޑު މައްސަލައެއް 2007 ވަނަ އަހަރު ވެސް ފެންމަތިވި އެވެ. އެއީ ނޮކިއާ އަށެވެ. އެފަހަރު އެ ކުންފުނިން 46 މިލިއަން ބެޓެރީ ބަދަލުކޮށްދިނެވެ. އެ މައްސަލަ އެފަހަރު އެހާ ފަސޭހައިން ހައްލުކުރެވުނީ ބެޓެރީތައް ވަކިން ނެގޭގޮތަށް ފޯނުތައް ޑިޒައިންކޮށްފައިވުމުންނެވެ.

އެކަމަކު މިފަހަރު އެ ފުރުސަތެއް ނެތެވެ. ސެމްސަންގުން އެންމެފަހުން ނެރެފައިވާ އިންޒާރަކީ މިއީ އެވެ.

"ފޯނު ބޭނުންކުރުން ހުއްޓާލާ. ޑާޓާގެ ބެކަޕެއް ނެގުމަށް ފަހު ފޯނު ނިއްވާލާ."

އެއަށް ފަހު ނޯޓް 7ގެ ސަންދޯކުގައި ޖެހީ އެންމެ ފަހު މޮހަރެވެ.

ފޯނު ގޮވާ މައްސަލަ ހައްލުނުވެ ސެމްސަންގުން ނޯޓް 7 އުފެއްދުން ހުއްޓާލައި ބާޒާރުން މި ފޯނެއް ނަގައި ބަދަލުގައި ފައިސާ ދޭން އެއްބަސްވެފައިވާއިރު ބަދަލުގައި ކުރީގެ މޮޑެލްތައް ބޭނުންވާ މީހުންނަށް އެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފަ އެވެ. އެކަމަކު އަދިވެސް މި މައްސަލައެއްގައި ޖަވާބު ނުލިބޭ ސުވާލުތައް ވަރަށް ވެސް ގިނަ އެވެ.

ނޯޓް 7 އަމިއްލަ އަށް ގޮވަން މެދުވެރިވި ސަބަބަކީ ކޮބާ؟

އެންމެ މަޝްހޫރު ސަބަބަކީ، ބެޓެރީ އޯވާހީޓްވާ މައްސަލަ އެވެ. ނަމަވެސް މިއީ ފޯނަށް ދިމާވެގެން އުޅޭ އަސްލު މައްސަލައެއް ނޫނެވެ. އެކަމަކު ސެމްސަންގުން އެންމެ ފުރަތަމަ އަނބުރާ ގެންދިޔަ ފޯނުތައް ދިރާސާކުރުމަށް ފަހު ބުނެފައި ވަނީ މިހެންނެވެ. ފޯނުތައް ގޮވަނީ ބެޓެރީ އަށް ދިމާވެފައިވާ މައްސަލަކުން ކަމަށެވެ.

ލީކުވެފައިވާ ރިޕޯޓްތައް ބުނާ ގޮތުން ހަގީގީ މައްސަލައަކީ ނޯޓް 7 އަށް ސެމްސަންގުން އުފެއްދި ބެޓެރީ ސައިޒުން ތަންކޮޅެއް ބޮޑުވުމެވެ. އެއަށް ފަހު މި ބެޓެރީތައް ފޯނަށް ފިޓްކޮށްފައި ވަނީ ގަދަކަމުންނެވެ. ބެޓެރީތައް ގޮވުމަށް މެދުވެރިވެފައިވާ ހަގީގީ ސަބަބަކީ މިއީ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އެކަމަކު މި ފޯނަށް ދިމާވި މައްސަލައިގެ އަރަތް ދެން ވެސް ނިމުނީކީއެއް ނޫނެވެ. ސެމްސަންގުން ބެޓެރީތައް ބަދަލުކޮށްފައި ފޮނުވި ފޯނުތައް ވެސް ގޮވަން ފެށީ އެވެ. އެއަށް ފަހު ދިމާވެގެން އުޅޭ މައްސަލައިގެ ހަގީގަތް ހޯދުމަށް ސެމްސަންގުގެ ތަޖުރިބާކާރުން މަސައްކަތްކޮށްގެން މިހާތަނަކަށް ނޯޓް 7ގެ އެއްވެސް ފޯނެއް ގޮވާފައެއް ނުވެ އެވެ.

އެހެންވީމަ ފޯނުތައް ގޮވަން މެދުވެރިވި އަސްލު ސަބަބު އަދިވެސް ނޭނގެ އެވެ.

ނޯޓް 7ގެ ކިތައް ފޯނު ގޮވައިފިތަ؟

އޭގެ ރަސްމީ އަދަދެއް ވެސް ނޭނގެ އެވެ. އަދި މި ފޯނެއް އުފެއްދުން މިދިޔަ އަންގާރަ ދުވަހު ރަސްމީކޮށް ހުއްޓާލުމާ ހަމަ އަށް ބާޒާރަށް ނެރެފައިވާ ނޯޓް 7ގެ ހިސާބެއް ވެސް އެނގޭކަށް ނެތެވެ.

ފޯނުތައް ގޮވަން ފެށުމުން 2.5 މިލިއަން ނޯޓް 7 އަނބުރާ ގެންގޮސް އޭގެ ބަދަލު ދިނުމަށް ސެމްސަންގުން ސެޕްޓެމްބަރު މަހު ނިންމި އެވެ. އެއަށް ފަހު ބުނެފައި ވަނީ ދެކުނު ކޮރެއާ އާއި އެމެރިކާގައި ވިއްކި ނޯޓް 7ގެ 60 ޕަސެންޓަށް ބަދަލު ދީފައިވާ ކަމަށެވެ. މި ދެ ގައުމަކީ ނޯޓް 7ގެ އެންމެ ބޮޑު ދެ ބާޒާރެވެ.

ޖުމްލަކޮށް ހުރިހާ ހިސާބުތަކަށް ބަލާއިރު ސެމްސަންގުން ވަނީ ގާތްގަނޑަކަށް ހަތަރު މިލިއަނެއްހާ ނޯޓް 7 އުފައްދައިފަ އެވެ. ފޯނުތައް ގޮވުމުގެ މައްސަލަ ދިމާނުވި ނަމަ ސެމްސަންގުން އަހަރުގެ މިހާ ހިސާބަށް ހަ މިލިއަން ނޯޓް 7 ބާޒާރަށް ނެރޭނެ ކަމަށް އޮތީ ލަފާކުރެވިފަ އެވެ.

ފޯނުތައް އަނބުރާ ހޯދަން ސެމްސަންގުން ހަރުކަށި ފިޔަވަޅުތަކެއް

ސެމްސަންގުން ބުނެފައި ވަނީ ބާޒާރަށް ނެރުނު ނޯޓް 7ގެ ހުރިހާ ފޯނެއް އަނބުރާ ގެންދާނެ ކަމަށާއި އެކަމަށް ކުރެވެން ހުރި ހުރިހާ ކަމެއް ވެސް އެ ކުންފުނިން ކުރާނެ ކަމަށެވެ.

ފޯނުތައް އަނބުރާ ހަވާލުކުރުމަށް އެދި ފޯނުތަކުގެ ވެރިފަރާތްތަކަށް ސެމްސަންގުން ދަނީ އީމެއިލް ވެސް ކުރަމުންނެވެ. އަދި ފޯނުތައް ދޭން ދެކޮޅުހަދާ ފަރާތްތަކުގެ ފޯނުތަކުގެ ސިސްޓަމްތައް "ލޮކް" ކުރުމުގެ ވިސްނުން ވެސް ގެންގުޅޭ ކަމަށް ބުނެވެ އެވެ.

މިހައި ހިސާބުން އުފެދޭ ސުވާލަކީ، މިހުރިހާ ފޯނުތަކެއް އަނބުރާ ހޯދުމަށް ސެމްސަންގުން އެއަށް ކުރަން އުޅެނީ ކީއްތޯއާ މެދު ކުރެވޭ ސުވާލެވެ. އާ ފޯނުތަކުގައި މި ފޯނުތަކުގެ ބައިތައް ބޭނުންކުރާނީތޯ އެވެ؟ ސެމްސަންގުން އެއްވެސް ޖަވާބެއް ނުދެ އެވެ.

ނަމަވެސް ތިމާވެށީގެ ހިމާޔަތުގައި މަސައްކަތްކުރާ މީހުން ބުނަނީ ސެމްސަންގުން އަމަލުކުރަމުން ދަނީ ޒިންމާދާރު ގޮތަކަށް ކަމަށެވެ. ފޯނުތައް އަތުލައިގެން ރީސައިކަލްކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށެވެ.

ބެޓެރީތައް ނެއްޓޭ ގޮތަށް ސެމްސަންގުން ބަދަލެއް ގެނެސްފާނެތަ؟

ސެމްސަންގުން އެމީހުންގެ ސްމާޓްފޯނުތަކުގެ ބެޓެރީތައް ނައްޓައިގެން ގެންގުޅެވޭ ގޮތަށް ނުވަތަ ނަގައިގެން ބަދަލުކޮށްލެވޭ ގޮތަށް އޮތް އޮތުން ނިމުމަކަށް ގެނައީ ވާދަވެރި އެޕަލްގެ އައިފޯނާ އެކު ރޭހަށް ނުކުތުމަށެވެ. މި ރޭހަކަށް ނުކުތުމުގެ ކުރިން ގެލެކްސީ ސީރީޒްގެ އެހެން ފޯނުތަކުގެ ބެޓެރީ އަތަށް ނެގެ އެވެ.

ބަދަލު ގެނައީ އެސް6 އަދި ނޯޓް 5ގެ ފޯނުތަކާ އެކުގަ އެވެ.

ކޮންމެއަކަސް މި ބަދަލުގައި ސެމްސަންގުން ޔޫޓާނެއް ނަގައިފާނެ ކަމުގެ އަލާމާތްތަކެއް ދަނީ ފެންނަމުންނެވެ. އެކަމަކު ކުރިއަށް ހުރި ޑިޒައިންތަކާ ބެހޭ ގޮތުން އެމީހުން ވަކި އެއްޗެއް އަދި ނުބުނެ އެވެ.