ރައީސް މައުމޫން އަބްދުލްގައްޔޫމް

މައުމޫންގެ މިސްރު ދަތުރުފުޅު ކެންސަލްކޮށްފި

ޕީޕީއެމް ތެރޭގައި މިދުވަސް ވަރު އޮތް ކޯޅުމުގެ ސަބަބުން އެ ޕާޓީގެ ރައީސް މައުމޫން އަބްދުލަ ގައްޔޫމް މިސްރަށް ފުރާވަޑައިގަތުމަށް އޮތް ދަތުރުފުޅު ކެންސަލް ކޮށްފި އެވެ. މައުމޫން މިސްރަށް ވަޑައިގަތުމަށް ރާވާފައި ވަނީ އެ ގައުމުގެ ގްރޭންޑް މުފްތީ ޑރ. ޝައުގީ އައްލާމް ދެއްވި ދައުވަތަކަށެވެ.

ނަމަވެސް ޕީޕީއެމްގެ ޑެޕިއުޓީ ސެކެޓަރީ ޖެނަރަލް އަބްދުލް އަލީމް މިއަދު ވިދާޅުވީ މިފަދަ ދަނޑިވަޅެ މިސްރަށް ފުރާވަޑައި ނުގަންނަވަން ރައީސް މައުމޫން ނިންމަވާފައިވާ ކަމަށެވެ.

"ޕީޕީއެމް އަސާސީ ގަވައިދާއި އާންމު މެންބަރުންގެ ހައްގުގައި މަސައްކަތް ކުރެއްވުމަށް ޓަކައި ރައީސް މައުމޫން މިސްރަށް ކުރަން އޮތް ދަތުރު ކެންސަލް ކުރައްވާ މާލޭގައި ހުންނެވުމަށް ނިންމަވައިފި،" އަލީމް ވިދާޅުވި އެވެ.

އަލީމް މިހެން ވިދާޅުވެފައިވާ އިރު ޕީޕީއެމް ތެރޭގައި ހުރި މައްސަލަތައް ހައްލު ކުރުމަށް އެ ޕާޓީގެ ޕީޖީ ގްރޫޕުން ވަނީ މައުމޫންއަށާއި ރައީސް ޔާމިން ބައްދަލު ކުރެއްވުމަށް ދައުވަތު އަރުވާ ސިޓީއެއް ފޮނުވާފައެވެ. މިހާތަނަށް އެ ދައުވަތު ގަބޫލު ކުރައްވާފައި ވަނީ ހަމައެކަނި ރައީސް ޔާމީނެވެ. ޕީޕީއެމް ޕީޖީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސެން މަނިކު ވިދާޅުވެފައި ވަނީ ފުރަތަމަ އިސްކަން ދޭނީ މަޝްވަރާކޮށްގެން އެ ޕާޓީ ތެރޭގައި ހުރި މައްސަލަތައް ހައްލު ކުރުމަށް ކަމަށެވެ.