ޕީޕީއެމްގެ ހިންގުން އެ ޕާޓީގެ މުސްތަޝާރަށް ހަވާލުކުރުމަށް ސިވިލް ކޯޓުން ކުރި އަމުރަކީ ސައްހަ އަމުރެއް ކަމަށް ގަބޫލު ނުކުރާ ކަމަށް ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ތާއިދުކުރާ ފެކްޝަނުން މިއަދު ބުނެފި އެވެ.
މައުމޫން ފެކްޝަނުން މިހެން ބުނެފައިވަނީ، ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނަށް މިއަދު ފޮނުއްވި ސިޓީއެއްގަ އެވެ. އެ ސިޓީއަކީ ޔާމީން ފެކްޝަނުން މައުމޫނަށް ފޮނުއްވި ސިޓީއެއްގެ ޖަވާބެވެ.
މައުމޫނަށް ޔާމީންގެ ފެކްޝަނުން އައްޔަންކުރި އެސްޖީ އަބްދުﷲ ހަލީލް ފޮނުއްވި ސިޓީގައި އެދިފައިވަނީ، ޕާޓީގެ ހަރު މުދަލާއި މެންބަރުންގެ ޑޭޓާ ބޭސް އާއި ލިޔެކިޔުންތަކާއި އަދި އެނޫން ވެސް ޕީޕީއެމް ހިންގުމާ ގުޅޭ އެންމެހާ ތަކެތި ޕާޓީގެ މުސްތަޝާރާ ހަވާލު ކުރުމަށެވެ.
މި ސިޓީގެ ޖަވާބުގައި މައުމޫން ފެކްޝަނުން އައްޔަންކޮށްފައިވާ އެސްޖީ އަބްދުލް އަލީމް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ، ސިވިލް ކޯޓުން ކޮށްފައިވާ ކޯޓު އަމުރަކީ ސައްހަ އަމުރެއް ކަމަށް މައުމޫން ބޭއްވެވި ކައުންސިލުން ގަބޫލު ނުކުރާ ކަމަށެވެ. އަދި އެ ކައުންސިލުން ދެކޭ ގޮތުގައި އެ އަމުރުގައި ވަނީ އެއްވެސް ގާނޫނީ ހައިސިއްޔަތެއް ނެތް ބާތިލް އެންގުންތަކެއް ކަމަށެވެ.
އަދި، ވިދާޅުވެފައިވަނީ އެ ކޯޓު އަމުރު އިސްތިއުނާފު ކުރުމަށް ނިންމާފައިވާ ކަމަށާއި ޝަރުއީ ހުރިހާ މަރުހަލާއެއް ނިމުމުން ނޫނީ ޔާމީންގެ ފެކްޝަނުގެ ސިޓީގައިވާ އެއްވެސް ކަމަކަށް އަމަލު ނުކުރާނެ ކަމަށެވެ.
ދެ ފެކްޝަނުން ވެސް ވަނީ ދެ ފެކްޝަނުން ބޭއްވި ކައުންސިލް ބައްދަލުވުމާ ގުޅޭ ލިޔުންތައް އިލެކްޝަން ކޮމިޝަނާ އިއްޔެ ހިއްސާކޮށްފަ އެވެ. އެ ލިޔުންތަކާ ގުޅޭ ގޮތުން މަޝްވަރާކޮށް، ސައްހަ ކައުންސިލެއް އަދި ސައްހަ ނިންމުންތައް ކަނޑައެޅުމަށް އީސީގެ މެންބަރުން ބައްދަލުވުމެއް ބާއްވަން ވަނީ ނިންމަވާފަ އެވެ.