ޕީޕީއެމް

ޕީޕީއެމް، ރައީސް ޔާމީނާ ހަވާލުކުރަން ކުރި ހުކުމް އިސްތިއުނާފުކުރަނީ

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)، އެ ޕާޓީގެ މުސްތަޝާރާ ހަވާލު ކުރުމަށް ސިވިލް ކޯޓުން މިއަދު ކުރި އަމުރު އިސްތިއުނާފުކުރުމަށް ނިންމައިފި އެވެ. ޕީޕީއެމްގެ މުސްތަޝާރަކީ ރައީސް އަބްދުﷲ ޔާމީނެވެ.

ޕީޕީއެމްގެ ހިންގުން ކަށަވަރުކުރުމަށްޓަކައި ޕީޕީއެމްގެ ކައުންސިލުން ޕީޕީއެމްގެ ހިންގުމާމެދު އެހެން ގޮތަކަށް ކަނޑައަޅަންދެން ޕީޕީއެމްގެ ހިންގުން ޕީޕީއެމްގެ މުސްތަޝާރާ ހަވާލުކުރުމަށް މިއަދު ކުރި އަމުރު އިސްތިއުނާފު ކުރުމަށް ނިންމާފައިވާ ކަމަށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަނބަލުން އަދި ޕާޓީ ކައުންސިލްގެ މެންބަރު ޔުމްނާ މައުމޫން މިއަދު ވަނީ ވިދާޅުވެފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމާއި ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު ސިވިލް ކޯޓަށް ވެއްދި މައްސަލާގެ ހުކުމުގައި ބުނެފައިވަނީ، ޕީޕީއެމްއަކީ ޕީޕީއެމްގެ ކައުންސިލުން ކަނޑައަޅާ ސިޔާސަތުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ހިންގަންޖެހޭ ޕާޓީއަކަށްވިޔަސް ޕީޕީއެމްގެ ކައުންސިލުން ކަނޑައަޅާފައިވާ ސިޔާސަތުން ބޭރުން ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އަމަލުކުރަމުންދާ ކަމަށެވެ.

ހުކުމުގައި ވަނީ ޕީޕީއެމްގެ މަގުސަދުތައް ހާސިލު ކުރުމަށްޓަކައި ޕާޓީގެ ރައީސް ޕާޓީގެ ކައުންސިލްގެ ބޭރުން ލަފަޔާއި މަޝްވަރާ ހޯއްދެވުމަށްޓަކައި އެކުލަވާލާފައި އޮންނަ މަޝްވަރާ މަޖިލީހެއް އޮންނަން ވާނެ ކަމަށެވެ. އަދި އައްޔަންކުރެވޭ މަޖިލީހަކީ ޕާޓީގެ ކައުންސިލްގެ ރުހުމާއެކު އޮންނަންޖެހޭ މަޖިލީހެއްކަން ޕީޕީއެމްގެ އަސާސީ ގައިދުގެ 39 ވަނަ މާއްދާގެ (ށ) އިން އެނގެން އޮންނަ ކަމަށާއި އަސާސީ ގަވައިދުގައިވާ ގޮތުގެ މައްޗަށް ނޫން ގޮތެއްގައި ޕީޕީއެމްގެ ރައީސް އެކުލަވާލާ ކޮންމެ މަޖިލީހަކީ ބާތިލް މަޖިލީހެއް ކަމަށެވެ.

މަދަނީ މައްސަލަތައް ބެލުމުގައި އަމަލުކުރަން ޖެހޭ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން ސިވިލް ކޯޓުން އަންގާފައިވާ އެންގެވުންތަކަށާއި ސިވިލް ކޯޓުގެ އަމުރަށް ޕީޕީއެމްގެ ރައީސް އިޖާބަދީފައިނުވާ ކަމަށް ވެސް ހުކުމުގައި ވަނީ ބުނެފަ އެވެ. މީގެ ކުރިން ސިވިލް ކޯޓުން ވަނީ، ކައުންސިލު ބައްދަލުވުންތަކާއި ކޮމެޓީތައް ހިންގުން ހުއްޓާލުމަށް ރައީސް މައުމޫން އެންގެވި އެންގެވުމަށް އަމަލުކުރުން މަޑުޖައްސާލުމަށް ވަގުތީ އަމުރެއް ނެރެފަ އެވެ.