ހަބަރު

ޕީޕީއެމްގެ މައްސަލައަށް އަދާލަތާއި އެމްޑީޕީއަށް ތަދައްހުލް ނުވެވުނު

ޕީޕީއެމްގެ ހިންގުން ވަގުތީ ގޮތުން އެ ޕާޓީގެ މުސްތަޝާރު، ރައީސް އަބްދުﷲ ޔާމީންއަށް ލިބޭ ގޮތަށް ސިވިލް ކޯޓުން ކުރި ހުކުމްގެ އިސްތިއުނާފްގެ މައްސަލައިގެ ތެރެއަށް ވަނުމަށް އެމްޑީޕީ އާއި އަދާލަތު ޕާޓީން ކުރި މަސައްކަތް ނާކާމިޔާބު ވެއްޖެ އެވެ.

ޕީޕީއެމްއާ ގުޅޭ މައްސަލާގައި ތެރެއަށް ވަނުމަށް އެމްޑީޕީ އާއި އަދާލަތު ޕާޓީން މިއަދު ހައިކޯޓުގައި އެދުނު ނަމަވެސް އެ މައްސަލައަށް ވަނުމުގެ އެއްވެސް ހައިސިއްޔަތެއް އެ ދެ ޕާޓީގައި ނެތް ކަމަށް ބުނެ ހައިކޯޓުން ވަނީ ބުނެފަ އެވެ. އެމްޑީޕީ އާއި އަދާލަތު ޕާޓީން މައްސަލާގެ ތެރެއަށް ވަނުމަށް މަސައްކަތްކުރީ އެ މައްސަލައަކީ ސިޔާސީ ޕާޓީތަކުގެ މަސްލަހަތު ހިމެނޭ މައްސަލައަކަށްވާތީ އެވެ.

ޕީޕީއެމްގެ ހިންގުން އެ ޕާޓީގެ މުސްތަޝާރަށް ހަވާލު ކުރުމަށް އަމުރުކޮށް ސިވިލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވަނީ އެ ޕާޓީގެ އަމިއްލަ މެންބަރެއް ކަމަށްވާ އައްބާސް ވާފިރެވެ. އައްބާސް އެ މައްސަލަ ކޯޓަށް ވެއްދީ، އެ މައްސަލަ އިސްތިއުނާފު ކުރެއްވުމަށް މައުމޫން ތައްޔާރުވެވަޑައިގަންނަވަނިކޮށެވެ.

މި މައްސަލާގައި ދައުވާ ރައްދުވަނީ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމާއި ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދަށެވެ. އެއީ ސިވިލް ކޯޓަށް ޕީޕީއެމްއާ ގުޅޭ މައްސަލަ ވެއްދި ދެ މެންބަރުންނެވެ.

އިސްތިއުނާފުކުރި އައްބާސް ފާހަގަކޮށްފައިވަނީ އެންމެ ދެ ނުކުތާ އެވެ. އެއީ، ސިވިލް ކޯޓު ހުކުމްގައި މައުމޫން ގާނޫނު އަސާސީއާ ހިލާފު ކަމެއް ކޮށްފައިވާ ކަމަށް ބުނެފައިވީ ނަމަވެސް އެއީ ގާނޫނު އަސާސީގެ ކޮން މާއްދާއެއް ކަމެއް ބުނެފައިނުވާ ކަމަށެވެ. އަދި، އަސާސީ ގަވައިދާ ހިލާފަށް މައުމޫން އަމަލުކުރައްވާފައިވާ ކަމަށް ބުނެފައިވާއިރު އެއީ އަސާސީ ގަވައިދުގެ ކޮން މާއްދާއެއް ކަމެއް ވެސް ހުކުމުގައި ބަޔާންކޮށްފައިނުވާ ކަމަށެވެ.