ސިވިލް ކޯޓުން ވަކި ގޮތަކަށް އަމަލުކުރަން އަންގާފައި ވަނިކޮށް ކުއްލި ގޮތަކަށް ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމެއް ބާއްވައި އެ ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ނިންމުންތަކެއް ނިންމަވައިފި އެވެ. މިއަދު ބޭއްވި ކައުންސިލް ބައްދަލުވުމުގައި 11 މެންބަރަކު ބައިވެރިވި އެވެ. އެއީ ކައުންސިލްގެ ކޯރަމް ހަމަވާ އަދަދެއް ނަމަވެސް އެ އަދަދު ހަމަކޮށްފައިވަނީ ކައުންސިލްގައި މަޝްވަރާނުކޮށް އައްޔަންކުރި ދެ މެންބަރުން ހިމަނައިގެންނެވެ. މިއަދު ބޭއްވި ކައުންސިލް ބައްދަލުވުމަކީ ކޯޓުން ވަކި ގޮތަކަށް ނިންމާފައި ވަނިކޮށް ބޭއްވި ބައްދަލުވުމެކެވެ.
މިއަދު ބޭއްވި ބައްދަލުވުމުގައި އެ ޕާޓީގެ ނައިބު ރައީސް އަބްދުލް ރަހީމް އަބްދުﷲ ކައުންސިލުން ވަކިކުރުމަށް ވަނީ ނިންމާފަ އެވެ. އަދި، ކައުންސިލް މެންބަރު ޒާހިދު ރަމީޒް ވެސް ވަނީ ކައުންސިލުން ވަކިކޮށްފަ އެވެ.
އެ ދެ މެންބަރުން ކައުންސިލް ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އަގްލަބިއްޔަތުން ވަކިކުރިއިރު އެ ކައުންސިލަށް އުމަރު ނަސީރާއި އަހުމަދު ސޮފްވާން އައްޔަން ކުރުމަށް ވަނީ ރުހުން ހޯދާފަ އެވެ. އަސާސީ ގަވައިދުގެ 29 ވަނަ މާއްދާގެ (ހ) ގެ 12 ގައި ބުނެފައިވަނީ ކައުންސިލަށް ޕާޓީގެ ރައީސް އައްޔަންކުރާ މެންބަރުން އައްޔަންކުރަން ޖެހޭނީ ކައުންސިލްގެ އެހެން މެންބަރުންގެ މަޝްވަރާގެ މަތިންނެވެ.
މީގެ އިތުރުން ޕާޓީގެ އިސްލާހީ އެޖެންޑާއެކު ރައީސް މައުމޫން އެކުލަވާލެއްވި މަޝްވަރާގެ މަޖިލީހަށް ވެސް ކައުންސިލުން މިއަދު ވަނީ ރުހުންދީފަ އެވެ. އެ ރުހުން ހޯދީ ވެސް އަސާސީ ގަވައިދާއި ހިލާފަށް އަދި ޕާޓީގެ ކަންކަމާ ގުޅޭ ގޮތުން ކޯޓު ހުކުމެއް އޮވެ އެ ހުކުމަށް އެހެން މަރުހަލާއަކުން ގޮތެއް ނިންމާފައި ނުވަނީހެވެ.
މައުމޫން މިއަދު ބައްދަލުވުމެއް ބާއްވާފައިވާއިރު މިއަދު ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ ޕާޓީ ހިންގުން ޕާޓީގެ މުސްތަޝާރާ ހަވާލުކޮށް 24 ގަޑި އިރުގެ ތެރޭގައި މުސްތަޝާރުގެ ރިޔާސަތުގެ ދަށުން ކައުންސިލްގެ ބައްދަލުވުމެއް ބޭއްވުމަށެވެ. އެ ބައްދަލުވުން މިރޭ 9:00 އޮންނާނެ ކަމަށް ވަނީ ބުނެފަ އެވެ.