އީގަލްސް

ސެމީގައި އީގަލްސްގެ އަސްލު ސްޓްރެންތެއް ނެތް: ޝާކިއްޓޭ

Oct 15, 2016

ޔޫތު ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗްގައި މިއަދު ޓީސީ ސްޕޯޓްސް ކުލަބާ ދެކޮޅަށް ނިކުންނައިރު އީގަލްސްގެ އަސްލު ސްޓްރެންތެއް ނެތް ކަމަށް އީގަލްސްގެ އެސިސިސްޓެންޓް ކޯޗް އަދި ޔޫތު ޓީމުގެ ކޯޗް އަހްމަދު ޝާކިރު (ޝާކިއްޓޭ) ބުނެފި އެވެ.

މިއަދުގެ މެޗާ ބެހޭގޮތުން އަވަސްއާ ވާހަކަ ދައްކަމުން ޝާކިއްޓޭ ބުނީ، ދިވެހި ޕްރިމިއާ ލީގްގައި މާދަމާ އީގަލްސް ކުޅެންޖެހޭ މެޗް އޮތުމުގެ ސަބަބުން ސީނިއާ ޓީމަށް ގިނަ އަދަދެއްގެ ކުޅުންތެރިން ދޫކުރަން ޖެހޭތީ، މިއަދު ކުޅޭ ސެމީ ފައިނަލްގައި އީގަލްސްގެ އަސްލު ސްޓްރެންތެއް ނެތް ކަމަށެވެ.

"އީގަލްސްގެ ސީނިއާ ޓީމުގައި 14 ކުޅުންތެރިން ހިމެނޭ ޔޫތު ޓީމުގައި، މާދަމާ ލީގްގައި ކުޅޭ މެޗަކީ ތާވަލުގެ ދެވަނަ ހޯދަން އީގަލްސްއަށް މުހިންމު މެޗެއް. އެހެންވެ އެ މެޗަށް ސީނިއާ ޓީމުގައި ހިމެނޭ ގިނަ ކުޅުންތެރިން ދޫކުރަން ޖެހޭ" ޝާކިއްޓޭ ބުންޏެވެ.

އޭނާ ބުނީ ޔޫތު ޗެމްޕިއަންޝިޕް ތާވަލު ކުރެވިފައިވާ ގޮތުން އީގަލްސް އަށް މެޗް ކުޅޭ ދުވަހު ނޫން އަނެއް ދުވަހު ދިވެހި ޕްރިމިއާ ލިގްގައިވެސް ކުޅެން ޖެހޭތީ އުނދަގޫތައް ކުރިމަތިވި ކަމަށެވެ.

"އެހުރިހާ ކަންތައްތަކާއެކު ވެސް އުންމިދު ކުރަނީ އިތުރު ސެމީ ފައިނަލެއް ނުކުޅެ ފައިނަލަށް ދެވޭތޯ، ކުޅުންތެރިން ދޫކޮށްލަން ޖެހުން ފިޔަވައި އިތުރު ޕްރެޝަރެއް ނެތް" ޝާކިއްޓޭ ބުންޏެވެ.

އީގަލްސް ސެމީ ފައިނަލަށް ދިޔައީ ތާވަލުގެ ދެ ވަނަ ޓީމުގެ ގޮތުގައެވެ. މިއަދު ހަވީރު އެއް ވަނަ އަށް ދިޔަ ޓީސީ އާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވާ ތީމެއް ފައިނަލްގެ ޖާގަ ލިބޭއިރު، ބަލިވާ ޓީމެއް ޖެހޭނީ ތިން ވަނަ ސެމީ ފައިނަލްގައި ކުޅޭށެވެ. ތިން ވަަނަ ސެމީ ފައިނަލުގައި އަނެއް ކޮޅުން ވާދަ ކުރާނީ މިރޭ މާޒިޔާ އާއި ވެލެންސިއާ ކުޅޭ ދެ ވަނަ ސެމީ ފައިނަލުން މޮޅުވާ ޓީމެކެވެ.