އޭއެފްސީ ކަޕް

އީގަލްސްގެ މެޗަށް އަބަހާނީއަށް ނޭޕާލަށް ނުދެވުމުގެ ބިރު

އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ މަރުހަލާގެ ދެ ވަނަ ބުރުގައި، ރާއްޖޭގެ ކުލަބު އީގަލްސް އާ ދެކޮޅަށް، ބަންގުލަދޭޝްގެ ޑާކާ އަބަހާނީ ކުޅެން ހަމަޖެހިފައިވާ މެޗު ނޭޕާލަށް ބަދަލު ކުރި ނަމަވެސް. އަބަހާނީގެ ޓީމަށް ނޭޕާލަށް ދަތުރު ނުކުރެވިދާނެ ކަމުގެ ބިރު ކުރިމަތި ވެއްޖެ އެވެ.

ކުރިން އޮތް ގޮތުންނަމަ ބަންގުލަދޭޝްގައި މިއަދު ކުޅެން ހަމަޖެހިފައިވާ މެޗު، ބަނަގުލަދޭޝްގައި ނުކުޅެވުމުން، އަބާހާނީން، ނިއުޓްރަލް ވެނޫއެއްގެ ގޮތުގައި ނޭޕާލްގެ ނެޝަނަލް ސްޓޭޑިއަމް އިހްތިޔާރު ކުރުމުން އޭއެފްސީން ވަނީ، އެ މެޗު އަންނަ ބުދަ ދުވަހު ކުޅޭ ގޮތަށް ފަސް ކޮށްފަ އެވެ.

އެހެންނަމަވެސް، މިހާރު ދިމާވެގެން އުޅެނީ އެހެން މައްސަލައެކެވެ. ބަންގުލަދޭޝްގައި ކޮވިޑް-19 ގެ ނުރައްކާ އިތުރަށް ބޮޑުވާން ފެށުމުން، އިންޓަނޭޝަނަލް ފުލައިޓުތައް މިއަދު ފެށިގެން މަޑުޖައްސާލުމަށް އެ ގައުމުގެ ސަރުކާރުން ވަނީ ނިންމާފަ އެވެ. އެހެންވެ، ޑާކާގެ ޓީމަށް ނޭޕާލަށް ދަތުރު ނުކުރެވިދާނެ ކަމުގެ ބިރު ވަނީ ކުރިމަތި ވެފަ އެވެ.

"އެ މެޗު އޭޕްރީލް 21 ގައި ކުޅެންޏާ އަހަރެމެން ކިހިނެއް މި ލޮކްޑައުންގައި ނޭޕާލަށް ދަތުރު ކުރާނީ،" އަބާހަނީގެ މެނޭޖަރު ސަތިޔަ ޖިތު ރޫޕް ބަންގުލަދޭޝްގެ ބަނގަލާ ޓުރިބިއުން ނޫހަށް ދިން އިންޓަވިއުގައި ބުންޏެވެ. "އިންޓަނޭޝަނަލް ވައިގެ ދަތުރުފަތުރު މި ވަނީ މަނާ ކޮށްފައި. ނޭޕާލަށް ދަތުރުކުރުމަކީ މިހާލަތުގައި ކުރެވޭނެ ކަމެއް ނޫން. އަހަރެން ބޭނުން ވަނީ މިހާރު މިމައްސަލަ އޭއެފްސީއާ ހަމައަށް ގެންދަން. ބަލަމާ އޭއެފްސީން ނިންމާނީ ކޮންގޮތަކަށްތޯ."

ރުޕޫ ބުނީ، މެޗު ކުޅެން އެހެން ޕްރަޕޯސަލްއެއް އޭއެފްސީއަށް ރޭ އޭނާގެ ޓީމުން ހުށަހަޅާފައި ވާނެ ކަމަށެވެ. އަބަހާނީން ހުށަހަޅާފައި ވަނީ، ޕްލޭއޮފް މެޗު ކުޅޭ ދަނޑެއްގައި އަބަހާނީ އާއި އީގަލްސް މެޗު ކުޅުމަށެވެ. ޕްލޭއފްގެ ފުރަތަމަ ޖާގަ ހޯދަން ބެންގަލޫރު އެފްސީ އާއި ނޭޕާލްގެ އާމީ ކުލަބު މިއަދު އިންޑިއާގައި ކުޅޭނެ އެވެ. ޕްލޭއޮފް ތާވަލު ކޮށްފައި ވަނީ މިމަހު 28 ގައި ކުޅޭ ގޮތަށެވެ.

"އަހަރެމެން ހުށަހަނާޅާނަން ވަކި ދަނޑެއްގައި ކުޅޭކަށް، އެކަން ނިންމާނީ އޭއެފްސީން. އަހަރެމެން ހުށަހަޅަނީ އަބަހާނީ އާއި އީގަލްސް މެޗު ޕްލޭއޮފް މެޗު ކުޅޭ ދަނޑުގައި ކުޅެން. ޕްލޭއޮފް މެޗުގެ ކުރިން އަބާހަނީ އާއި އީގަލްސް މެޗު ކުޅެ ޕްލޭއޮފް މެޗަށް ދާ ޓީމު ކަނޑައެޅުން. އޭރުން ކޮވިޑްގެ މިހާލަތުގައި ގިނަ ތަންތަނަށް ދަތުރު ނުކޮށް ފަރު ޖެއްސޭނެ." ބަނަގުލަޑޭޝްގެ ޑެއިލީ ނަޔާ ދިގަންޓާ ނޫހަށް ރުޕޫ ބުނެފައި ވެއެވެ.

އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ ޒޯންގެ ގުރޫޕް ސްޓޭޖު އަންނަ މަހު އޮންނާނީ، ރާއްޖޭގަ އެވެ. އަންނަ މަހު 14 އިން 21 އަށް ކުޅޭ ގުރޫޕް ސްޓޭޖުން މިހާރުވެސް ޖާގަ ހޯދާފައި ވަނީ، ރާއްޖޭގެ ޗެމްޕިއަން މާޒިޔާ، އިންޑިއާގެ އައިލީގްގެ ޗެމްޕިއަން އޭޓިކޭ މޯހަން ބަގާން އަދި ބަނަގުލަދޭޝްގެ ޗެމްޕިއަން ބޮށުންދަރާ ކިންގްސް އެވެ. ގުރޫޕްގެ ފަހު ޖަގަ ލިބޭނީ ޕްލޭއޮފުން މޮޅުވާ ޓީމަކަށެވެ.