އޭއެފްސީ ކަޕް

އީގަލްސްއަށް އެންމެ ހާއްސަ ދުވަސް

ކުލަބު އީގަލްސްއަށް 32 ވަނަ އަހަރު ފުރުން އެ ކުލަބުން ޖޫންގައި ފާހަގަ ކުރާނެ އެވެ. ގަރުނެއްގެ ތިން ބައިކުޅަ އެއްބައި އީގަލްސްގެ ހަޔާތުން ފާއިތުވެދިޔަސް ފުޓްބޯޅައިިގައި މާ ބޮޑު ކާމިޔާބެއް ނެތެވެ. ޕްރެޒިޑެންޓް ކަޕް އަދި މި ސީޒަންގައި ހޯދި ޗެރިޓީ ޝީލްޑް ފިޔަވައި ރާއްޖޭގެ އެންމެ މަތީ ޑިވިޝަންގައި އެ ޓީމަށް އިތުރު ތަށިތަކެއް ލިބިފައެއް ނުވެ އެވެ. އެހެން ނަމަވެސް މިވަގުތު ރާއްޖޭގައި ފުޓްބޯޅައިގައި އިސް ސަފުގައި ނަގާ ކިޔަން ތިބި އެންމެ އިސް ކުލަބުތަކުގެ ތެރޭގައި އީގަލްސް ހިމެނޭނެ އެވެ.

އިސް ސަފަށް އީގަލްސް ގެންގޮސްލައި ދިނީ، ޔޫތު ފުޓްބޯޅައިގައި އެ ޓީމުން ހޯދި ކާމިޔާބު ތަކެވެ. ޔޫތު ފުޓްބޯޅައިގައި އެންމެ ކާމިޔާބު ކުލަބަކީ އީގަލްސް އެވެ. އީގަލްސްގެ އެ ކާމިޔާބުގައި، ކުލަބުގެ މިހާރުގެ ކެޕްޓަން ހުސައިން ޝިފާއު ޔޫސުފް (ކުރޯ) ނަން ހިމެނޭނެ އެވެ.

އަނެއް ސަބަބަކީ، އޭއެފްސީ ކަޕްގެ ސްޓޭޖަށް އީގަލްސްގެ ހަޔާތުގައި ފުރަތަމަ ފަހަރަށް ވާސިލު ވެވުމެވެ. އެ މުބާރާތުގެ ޕްރިލިމިނަރީ ސްޓޭޖުގައި، މިއަދު ހަވީރު އެ ޓީމުން ނުކުންނާނީ ބޫޓާންގެ ތިމްޕޫ ސިޓީއާ ދެކޮޅަށެވެ.

"ދެން އީގަލްސްގެ އެންމެ ހާއްސަ އެއް ދުވަހަށް ވާނެ މާދަން [މިއަދު] ދެއްތޯ،" ތިމްޕޫ އާ ދެކޮޅަށް ކުޅޭ މެޗު ކްރޯ އިއްޔަ ސިފަ ކުރި ގޮތަކީ މިއެވެ. "އެއީ އަލަށް އޭއެފްސީ ކަޕް މެޗަކަށް ނުކުންނަ އިރުގައި ދެން ވަރަށް ހާއްސަ ދުވަހަކަށް ވާނީ ތާރީހްގައި."

ޓީމަށް އިތުރުވި ބިދޭސީ ކުޅުންތެރިންނާއެކު، އީގަލްސްގެ ޓީމަށް އިތުބާރު ވަނީ ބޮޑުވެފަ އެވެ. ކްރޯ ބުނީ، ބިދޭސީ ކުޅުންތެރިން އީގަލްސްގެ ގޭމަށް ހޭނުނުލެ އަވަސް ކަމުން ބޮޑު ހިތްހަމަޖެހުމެއް ލިބިފައިވާ ކަމަށެވެ. ލީގްގައި އީގަލްސް އެންމެ ފަހުން ކުޅުނު ދެ މެޗުގައިވެސް ބިދޭސީ ކުޅުންތެރިންގެ ފަރާތުން އެކަން ފެނިގެން ދިޔަ ކަމަށް އޭނާ ބުންޏެވެ.

ބޫޓާންގެ ފުޓްބޯޅައިގައި އެ ގައުމުގެ ކުލަބަކުންވެސް އަދި ގައުމީ ޓީމަކުންވެސް ރާއްޖެއަތުން މޮޅު ވެވުނީ އެންމެ ފަހަރަކު އެވެ. ޑިސެމްބަރު 2019 ގައި ނޭާލްގެ ސައުތު އޭޝިއަން ގޭމްސްގައި ބޫޓާންގެ 23 އަހަރުން ދަށުގެ ޓީމުން ވަނީ ރާއްޖެ 23 އަހަރުން ދަށުގެ ޓީމު ބަލި ކޮށްފަ އެވެ. އެ ޓީމަށް ކުޅުނު ހަ ކުޅުންތެރިން ތިމްޕޫ ޓީމުގައި ތިބުމަކީ އީގަލްސް އާ ދެކޮޅަށް ކުޅޭއިރު ތިމްޕޫއަށް ބޮޑު އިތުބާަރެކެވެ.

މާޗް 2018 ބުޓާންގެ ސީނިއާ ޓީމުގެ މައްޗަށް 7-0 ގެ ބޮޑު މޮޅު ހޯދި ރާއްޖޭގެ ޓީމުގައި ހިމެނުނު ކްރޯ ބުނީ، ތިމްޕޫ ޓީމުން ކޮންމެ ގޮތަކަށް ދެކުނަސް، އީގަލްސް ޓީމު ކުޅުންތެރިންގެ މެދުގައި މިއަދުގެ މެޗަށް ތަފާތު ރޫހެއް އުފެދިފައިވާ ކަމަށެވެ.

އެ ރޫހުގައި ނުކުމެ ތިމްޕޫ ބަލިކޮށް ޕްރިލިމިނަރީ ސްޓޭޖުގެ ދެ ވަނަ ބުރަށް ދިއުމަށް އީގަލްސްގެ އުންމީދު މަތިވެފައިވާ ކަމަށް ޓީމުގެ ފޯވަޑް މުހައްމަދު ނާއިމްވެސް ފާހަގަ ކުރި އެވެ. އޭނާ ބުނީ މެޗަށް އީގަލްސް ވަރަށް ރަނގަޅަށް ތައްޔާރުވެފައިވާ ކަމަށެވެ. "އަޅުގަނޑުމެން މިތިބީ މި މެޗުން މޮޅުވެ އަނެއް ބުރަށް ދާން، އެއީ އީގަލްސްގެ ނަމުގައި ކުޅުނަސް ހަގީގަތުގައި މި ތަމްސީލު ކުރަނީ ގައުމު."

އީގަލްސް އާއި ތިމްޕޫ މިއަދު ހަވީރު ގޮލޮޅު ދަނޑުގައި ކުޅޭ މެޗު ފަށަނީ ހަވީރު 4:00 ގަ އެވެ. މެޗުން މޮޅުވާ ޓީމެއް ދަތުރު ކުރާނީ ޕްރިލިމިނަރީ މަރުހަލާގެ ދެ ވަނަ ބުރަށެވެ. އެ ބުރުގައި ވާދަ ކުރަން ޖެހޭނީ ބަންގުލަދޭޝްގެ ޑާކާ އަބަހާނީ އާ އެވެ. ޕްރިލިލިމިނަރީގެ ފުރުތަމަ ބުރުގައި މިއަދު ހަވީރު، ނޭޕާލްގެ އާަމީ ކުލަބާއި ލަންކާގެ ޕޮލިސް ކުލަބު، ނޭޕާލްގެ ކަތަމަންޑޫގައި ކުޅޭނެ އެވެ. އެ ދެ ޓީމުގެ ތެރެއިން މޮޅުވާ ޓީމެއް، ޕްރިލިމިނަރީ މަރުހަލާގެ ދެ ވަނަ ބުރުގައި ނުކުންނާނީ އިންޑިއާަގެ ގަދަ ބާރު ބެންގަލޫރު އެފްސީ އާ ދެކޮޅަށެވެ.

ޕްރިލިމިނަރި މަރުހަލާގެ ދެ ވަނަ ބުރު ކުޅޭނީ މި މަހު 14 ގަ އެވެ. ޕްލޭއޮފް ބުރަށް ދަތުރު ކުރާނީ، ޕްރިލިމިނަރީ މަރުހަލާގެ ދެ ވަނަ ބުރުގެ މެޗުތަކުން މޮޅުވާ ދެ ޓީމެވެ. ޕްލޭއޮފް މެޗުން މޮޅުވާ ޓީމު ގުރޫޕް ސްޓޭޖަށް ކޮލިފައި ވާނެ އެވެ.

ގުރޫޕް ސްޓޭޖުން މިހާތަނަށް ޖާގަ ހޯދާފައި ވަނީ، ރާއްޖޭގެ މާޒިޔާ އާއި ބަންގުލަދޭޝްގެ ބޮށުންދަރާ ކިންގްސްގެ އިތުރުން އިންޑިއާގެ އޭޓިކޭ މޯހަންބަގާން އެވެ. މިފަހަރުގެ ގުރޫޕް ސްޓޭޖުގައި ކޮންމެ ޓީމެއް އަނެއް ޓީމާ ދެކޮޅަށް ކުޅޭނީ އެއް މެޗެވެ. އާންމުކޮށް އޮންނަހެން ދެ ލެގެއް ނޯންނާނެ އެވެ. ކޮވިޑް-19ގެ ސަބަބުން ހޯމް / އަވޭ އުސޫލު މަޑުޖައްސާލުމަށް ފަހު ގުރޫޕް ސްޓޭޖު ސެންޓްރަލައިޒްކޮށް ކުޅޭ ގޮތަށް އޭއެފްސީން ވަނީ ހަމަޖައްސާފަ އެވެ. ދެކުނު އޭޝިއާ ޒޯންގެ ގުރޫޕް ސްޓޭޖު އޮންނާނީ ރާއްޖޭގަ އެވެ. ގުރޫޕް ސްޓޭޖު ހޯސްޓް ކުރުމުގެ ބިޑު ރާއްޖެއިން ކާމިޔާބު ކުރީ އިންޑިއާ އާ ވާދަ ކޮށްގެންނެވެ.