ބޫޓާންގެ ތިމްޕޫ ސިޓީގެ މައްޗަށް 2-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، އޭއެފްސީ ކަޕްގެ ޕްރިލިމިނަރީގެ ދެ ވަނަ ބުރަށް ކުލަބު އީގަލްސް ދަތުރު ކޮށްފި އެވެ.
އޭއެފްސީ ކަޕް ޖާގަ ހޯދުމަށް ކުޅޭ ކޮލިފިކޭޝަންގެ ޕްރިލިމިނަރީގެ ދެ ވަނަ ބުރުގައި، އީގަލްސް ވާދަ ކުރާނީ ބަންގުލަދޭޝްގެ ޑާކާ އަބަހާނީ އާ ދެކޮޅަށެވެ. އެ މެޗު އަންނަ ބުދަ ދުވަހު ކުޅޭނެ އެވެ.
މިއަދުގެ ހަވީރު ގަލޮޅު ދަނޑުގައި ކުޅުނު މެޗުގައި އީގަލްސްގެ ލަނޑުތައް ކާމިޔާބު ކުރީ ހަސަން ރާއިފް އަހްމަދު (ހަންނަ) އަދި މުހައްމަދު ނާއިމް އެވެ. ފުރަތަމަ ލަނޑު ހަންނަ ކާމިޔާބު ކުރިއިރު އެ ލަނޑުގައިގައިވެސް ނާއމްގެ ހިއްސާ ބޮޑެވެ. މެޗުގެ ނުވަ ވަނަ މިނެޓްގައި ތިމްޕޫގެ އޭރިއާަގެ ބޭރުން ނާއިމް ބޯޅަ ނައިދިނީ، އީގަލްސްގެ ޔަމަންގެ މިޑްފީލްޑާ އުސާމާ މުހައްމަދު އޭރިއާގެ ތެރޭގައި ހުރުމުންނެވެ. އުސާމާގެ ފަޔަށް ރަނގަޅަށް އެ ބޯޅަ ނޭރުމުން އޭނާ އެ ބޯޅަ ޖަހަން ފުރުސަތު ދިނީ ގޯލް ކުރިމަތީގައި ހުރި ހަންނަ އަށެވެ. އޭނާ ވަނީ ގޯލްގެ މަތީ ދާގަނޑަށް އަމޒުކޮށް ބޯޅަ ފޮނުވާލާފަ އެވެ.
ތިމްޕޫގެ ޓީމަށް ލަނޑު ޖަހާނެ އެންމެ ރަނގަޅު ފުރުސަތުތައް ލިބުނީ މެޗުގެ ދެ ވަނަ ހާފުގަ އެވެ. މެޗުގެ 67 ވަނަ މިނެޓްގައި އެ ޓީމުން ނެގި ކޯނަރަކުން ތަނަވަސްވި ބޯޅައިން ޝެރިން ޑޯޖީ ބޮލުން ފޮނުވާލި ނުރައްކާ ބޯޅަ އީގަލްސްގެ ލުބުނާންގެ ކީޕަރު ތޯހާ އަތުން ދިފާއު ކުރި އެވެ.
އޭގެ ފަހުން 76 ވަނަ މިނެޓްގައި އަނެއްކާވެސް ކޯނަރަކުން މެޗުގައި ތިމްޕޫއަށް ލިބުނު އެންމެ ރަނގަޅު ފުރުސަތު ލިބުނެވެ. ތިމްޕޫއިން ނެގި ކޯނަރު ގޯލް ދަނޑި ކައިރީގައި ހުރި ނޮބްރޫ ޓެންޑެން ބޮލުން ފޮނުވާލި ބޯޅަ އެރީ ގޯލް ދަނޑި މައްޗަށެވެ. އޭނާ ބޭނުން ގޮތަކަށް ފޮނުވާލަން ގޯލް އޮތީ މުޅިން ހިސްކޮށެވެ.
ދެ ވަނަ ހާފުގައި، ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި އަސްހަދު އަލީ (އަޑޭ) ކުޅެން ނުކުތެވެ. އޭނާ މެޗަކަށް ކުޅެން ނުކުތީ މިދިޔަ ސީޒަންގައި އެއްވެސް މެޗެއް ނުކުޅެ ހުރުމަށް ފަހު އެވެ. ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މިދިޔަ ސީޒަން ހޭދަ ކުރީ އަނިޔާގަ އެވެ.
އީގަލްސްގެ ދެވަނަ ލަނޑު ނާއިމް 89 ވަނަ މިނެޓްގައި ކާމިޔާބު ކުރީ އޭރިއާގެ ބޭރުން އޭރއާ އަރިމަތިން ލިބުނު ހިލޭ ޖެހުން ސީދާ ގޯލަށް ފޮނުވާލައިގެންނެވެ. ތިމްޕޫގެ އިސްކޮޅުން ކުރު ކީޕަރު ނަގަވަންގް އަށް އެ ބޯޅަ ދިފާއު ކުރުމަށްޓަކައި ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ.