ޕީޕީއެމް

ރައީސް ޔާމީންގެ ރިޔާސަތުގައި މިރޭ ޕީޕީއެމްގެ ކައުންސިލް ބާއްވަނީ

ޕީޕީއެމްގެ މުސްތަޝާރު އަދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ބެއްލެވުމުގެ ދަށުން ކުރިޔަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ޕާޓީގެ ކައުންސިލްގެ ބައްދަލުވުމެއް ބާއްވަން ސިވިލް ކޯޓުން މިއަދު ކުރި އަމުރާ އެއްގޮތަށް އެ ޕާޓީގެ ކައުންސިލް ބައްދަލުވުމެއް ރައީސް އަބްދުﷲ ޔާމީންގެ ބެއްލެވުމުގެ ދަށުން މިރޭ ބާއްވަން ނިންމައި އެކަމަށް ތައްޔާރުވާން ފަށައިފި އެވެ.

މިއަދު ސިވިލް ކޯޓުން ހުކުމް ކޮށްފައިވަނީ ޕީޕީއެމް އެ ޕާޓީގެ މުސްތަޝާރާ ހަވާލު ކޮށް، ކުރިޔަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ޕާޓީގެ ކައުންސިލްގެ ބައްދަލުވުމެއް މުސްތަޝާރުގެ ބެއްލެވުމުގެ ދަށުން ބޭއްވުމަށެވެ. ޕީޕީއެމްގެ މުސްތަޝާރަކީ ރައީސް އަބްދުﷲ ޔާމީނެވެ.

ޕީޕީއެމްގެ އިސް މަގާމްތަކުގައި ތިއްބެވި ރައީސް ޔާމީނަށް ތާއީދު ކުރައްވާ ބޭފުޅުން މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އެ ޕާޓީގެ ފޮނަދޫ ދާއިރާގެ މަޖިލިސް މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މިރޭ 9:00 ޖަހާއިރު ރައީސް ޔާމީންގެ ރިޔާސާތު ބަލަހައްޓަވާ ގޮތަށް ކައުންސިލް ބައްވަން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެ ބައްދަލުވުމުގައި ކައުންސިލްގެ މެމްބަރުންނަށް ބައިވެރިވެވަޑައިގެންނެވޭނެ ކަމަށާއި ރައީސް މައުމޫނަށް ވެސް އެފުރުސަތު އޮންނާނެ ކަމަށެވެ. ނަމަވެސް ރައީސް މައުމޫން ޕާޓީގެ ގަވައިދާ ހިލާފަށް ކައުންސިލަށް އައްޔަން ކުރި ފަރާތްތަކާއި އަދި ޕީޕީއެމުން ވަކިކޮށްފައިވާ އަހުމަދު ފާރިސް މައުމޫނާއި އާމިނަތު ނާދިރާއަށް ބައިވެރިވެވަޑައި ނުގެންނެވޭނެ ކަމަށެވެ.

"ކައުންސިލް ބައްދަލުވުމަށް ފާރިސް މައުމޫނާއި އާމިނަތު ނާދިރާ އަދި އުމަރަކަށް ބައިވެރި ނުވެވޭނެ. އެއީ އަސާސީ ގަވައިދާ ހިލާފަށް އައްޔަން ކުރައްވާފައިވާ ތިބި ފަރާތްތައް. އެހެން ހުރިހާ ފަރާތްތަކަށް ދައުވަތު އަރުވަން،" އަބްދުއް ރަހީމް ވިދާޅުވި އެވެ. "ފުރަތަމަ ބައްދަލުވުމުގައި ކައުންސިލް އިންތިހާބު ކުރިޔަށް ގެންދާނެ ގޮތް ރާވާ އެ މަސައްކަތް ކުރާނެ އަދި މާދަމާއިން ފެށިގެން އަތޮޅުތަކުގައި އުޅޭ ޕާޓީގެ މެންބަރުން އަމަލު ކުރަން ޖެހޭ ގޮތް އަނގަވަމުން ދާނަން،" އަބްދުއް ރަހީމް ވިދާޅުވި އެވެ.

އަބްދުއް ރަހީމް ވިދާޅުވީ ރައީސް މައުމޫން ވަކި ކުރުމުގެ މަސައްކަތެއް އެ ކައުންސިލް ބައްދަލުވުމުގައި ނުކުރައްވާނެ ކަމަށެވެ. އަދި ކައުންސިލްގައި މިރޭ މަސައްކަތް ކުރާނީ ޕާޓީގެ ކުރި މަގުގައި ކަންތައްތައް ކުރާނެ ގޮތަކާއި ކައުންސިލް އިންތިހާބުގެ މަސައްކަތާއި، ޕާޓީއަށް ސެކެޓަރީ ޖެނަރަލް އެއް އައްޔަން ކުރުމުގެ މަސައްކަތް ކަމަށެވެ.

ސިވިލް ކޯޓުން ކުރި ހުކުމާ ގުޅިގެން ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ކޯޓުގެ މަރުހަލާއަށް ގޮސްގެން ކައުންސިލް ބައްދަލުވުން ބާއްވާގެން މިކަންތައް ހައްލު ކުރުމަކީ އެޕާޓީއިން އެއްވެސް އިރެއްގައި ބޭނުންވި ކަމެއް ނޫން ކަމަށެވެ. ނަމަވެސް އެކަން އެގޮތަށް ކުރައްވަން ޖެހުނީ ކައުންސިލް އިންތިހާބު ގާތް ވެފައި އޮތުމުން އިތުރަށް އިންތިޒާރު ނުކުރެވޭނެތީ ކަމަށެވެ.

"ކޯޓުގެ މަރުހަލާއަށް ގޮސްގެން ކައުންސިލް ބައްދަލުވުން ބާއްވާގެން މިކަންތައް ހައްލު ކުރުމަކީ އަޅުގަނޑުމެން އެއްވެސް އިރެއްގައި ކުރަން ބޭނުންވި ކަމެއް ނޫން. ނަމަވެސް އަޅުގަނޑުމެންނަށް ހުރި މަސައްކަތްތައް ހިފެހެއްޓިފައިވެސް ބެހެއްޓޭނީ ވަކިވަރަކަށް. ކުރިޔަށް ކައުންސިލް އިންތިހާބުތަކާއެއްޗެހި ހުރިއިރު އިތުރަށް އިންތިޒާރު ނުކުރެވޭނެތީ ކޯޓު މެދުވެރިކޮށް ހައްލެއް ހޯދަން ޖެހުނީ. ކޮންމެއަކަސް ޕާޓީއާ އެކު ކުރިޔަށް ދާން ކުރިން ހުރި މައްސަލަތަކުގެ ހައްލުތައް މިހާރު މިއޮތީ ލިބިފައި. ކައުންސިލް އިންތިހާބު ކާމިޔާބު ކުރެއްވުމަށްޓަކައި މަސައްކަތްކޮށް އެ އިންތިހާބު ކާމިޔާބު ކުރައްވާނެ،" ޒަމީރު ވިދާޅުވި އެވެ.