ހަބަރު

އިންތިހާބަކާ ނުލާވެސް 2018 ކާމިޔާބުވެދާނެ: އަބްދުއްރަހީމް

ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ކުރިއަށް އޮތް 2018ގައި އިންތިހާބަކާއި ނުލާވެސް ކާމިޔާބު ކުރެވިދާނެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ "ރުމާލު 2" ޖަގަަހަ ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން 2018 އަށް ނެރޭނެ ކެނޑިޑޭޓެއް ނުފެންނަ ކަމަށާއި އެހެންކަމުން ފަހަރެއްގައި އިންތިހާބަކާއި ނުލާވެސް 2018 ކާމިޔާބުކޮށް ރައީސް ޔާމީނަށް އިތުރު ދައުރެއްގައި ވެރިކަން ކުރެއްވޭނެ ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ ޕީޕީއެމުން މިހާރު ކުރިއަށް ގެންދާ ހަރަކާތްތަކުން ރައްޔިތުން މި ސަރުކާރަށް ކުރާ ތާއީދު ފެނިގެންދާ ކަމަށެވެ. އަދި ރައީސް ޔާމީން އެކި ދާއިރާތަކުން ރާއްޖެއަށް ގެންނަމުންދާ ތަރައްގީތައް 2018 އާ ހިސާބުން ނިންމާލެވެން ނެތް ކަމަށް ރައްޔިތުން ބުނަމުން އަންނަ ކަމަށެވެ.

"އަޅުގަނޑުމެން އެންމެންގެ މަސައްކަތާއެކީ ކާމިޔާބުކޮށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މި ގައުމުގެ ރިޔާސަތަށް ދެވަނަ ފަހަރަށް ގެންނާނަން، އެއީ އަޅުގަނޑުމެންނަށް ލިބުނު މެސެޖަކީ، އަޅުގަނޑުމެންގެ ވާދަވެރިން ބުނާގޮތަށް ދިވެހި ރައްޔިތުންގެ ސަޕޯޓު ނެތްކަމެއް ނޫން ފެނިގެން ދިޔައީ، އިދިކޮޅު ފަރާތްތަކުން ކުރަން ބޭނުންވި އެއްވެސް ކަމެއް އޮގަސްޓް 12، 13 ގައި ނުކުރެވި ދިޔަތަން ފެނިގެން ދިޔައީ، ރައްޔިތުން މި ސަރުކާރު ބަލައިގަނެފައިވާ މިންވަރު ފެނިގެން ދިޔައީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ކުރިއަށް އޮތްތަނުގައި ޕީޕީއެމްގެ ހަރަކާތްތައް މަޑުކަމެއް ނާންނާނެ ކަމަށާއި އެ ޕާޓީން ހިންދެމިލާނީ 2018 ރައީސް ޔާމީނަށް ކާމިޔާބުކޮށްދީފައި ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވި އެވެ. ޕީޕީއެމުން ބޭނުންވަނީ ކަންނުވެ ނަންވާން ނޫން ކަމަށާއި ކަން ކުރަން ކަމަށާއި ކަންކޮށްފައި ރައްޔިތުންނަށް ދައްކާނެ ކަމަށްވެސް ވިދާޅުވި އެވެ.

އަބްދުއްރަހީމްގެ ވާހަކައިގައި އިތުރަށް ވިދާޅުވީ ވަށައިގެން ފެންނަމުންދަނީ ސަރުކާރުން ކުރިއަށް ތަރައްގީގެ މަސައްކަތްތައް ކަމަށާއި އެކަންކަން ރައްޔިތުން ބަލައިގްންނަމުންދާ ކަމަށެވެ. އަދި މީގެ އިތުރުން އޭނާ ވަނީ ޕީޕީއެމުން ގިނަ ހަރަކާތްތަކެއް ރާވާފައިވާ ކަމަށް ވިދާޅުވެފަ އެވެ.