ހަބަރު

"ހަވަރު އެއްކުރުމަށް" ނޫނެކޭ ބުނެފި، ސަރުކާރަށް އޮތް ތާއީދު ހާމަވެއްޖެ: ޕީޕީއެމް

Jul 27, 2017
14

ހަވަރު އެއްކުރުމަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން މިނިވަން ދުވަހުގެ ހަރަކާތްތަކަށް ހުރަސް އެޅުމަށް ކުރި މަސައްކަތަށް ރައްޔިތުން އިޖާބަ ދީފައިނުވުމަކީ ރައްޔިތުން "އިހުގެ ޕޮލިޓިކްސް" ދޫކޮށް ގާނޫނަށް ބޯލަނބައި، ސަރުކާރަަށް އޮތް ތައީދު ހާމަވެގެން ދިޔަ ކަމެއް ކަމަށް ޕީޕީއެމް އިން ބުނެފި އެވެ.

ޕީޕީއެމުން މިއަދު ނެރުނު ބަޔާނުގައި ބުނީ، ޕާކިސްތާނުގެ ބޮޑުވަޒީރު މިނިވަން ދުވަހުގެ ކުޅިވަރުތައް ބަލާލުމަށް ގަލޮޅު ދަނޑަށް ވަޑައިގެން ވަނިކޮށް، ދަނޑު ހިމެނޭ ސަރަހައްދާއި މާލޭގެ އެކި ހިސާބުތަކުގައި އިދިކޮޅު މަދު ބަޔަކު ނިކުމެ ހަމަނުޖެހުން އުފައްދައި "ހަވަރު އެއްކުރުމަށް' ގޮވާލަައި އިދިކޮޅުން ކުރަން އުޅުނު މުޒާހަރާއަށް ރައްޔިތުން އިޖާބަ ދީފައި ނުވާ ކަމަށެވެ. އަދި އެ ރޭވުންތަކަށް ރައްޔިތުން އިޖާބަ ނުދިނުމުން އެނގިގެެންދާ ކަމަކީ ސަރުކާރުން ގައުމިއްޔަތު ދިރުވުމަށްޓަކައި ކުރަމުންގެންދާ މަސައްކަތައް ރައްޔިތުން ތާއީދު ކުރާ މިންވަރު ހާމަވެގެންދާ ކަމެއް ކަމަށް ޕީޕީއެމުން ބުންޏެވެ.

ޕީޕީއެމުން ބުނީ އިދިކޮޅުގެ އިސް ސަފުގައި މިއަދު ތިބީ 35 އަހަރު މި ގައުމުގެ ޕޮލިޓިކްސްގައި މަސައްކަތް ކުރި މީހުން ކަމަށާއި އެމީހުން ގޮވާލި ގޮވާލުމަށް އިޖާބަ ނުދިނުމުން ދޭހަވާ ކަމަކީ ރައްޔިތުން ވަނީ ކުރީގެ ޕޮލިޓިކްސް އަށް ނޫނެކެބުނެ ސަރުކާރުން ގެނެސްދޭން އުޅެ ޑިމޮކުރަސީއަށް ތާއީދުކުރާ މިންވަރު ހާމަ ކޮށްދިން ކަމެއް ކަމަށެވެ.

"ހަގީގަތުގައި އިދިކޮޅު ފަރާތްތަކުން "ހަވަރު އެއްކުރުމަށް" ގޮވާލާ މުޒާހަރާކުރުމަށް ރޭވިރޭވުމަކީ ރާއްޖޭގެ ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ނެއްކަން ޕާކިސްތާނުގެ ބޮޑު ވަޒީރު މުހައްމަދު ނަވާޒް ޝަރީފަށް ދެއްކުމަށްޓަކައި ރާވާފައިވާ އޮއްޓަރެއްނެއް ދަށުދަރަޖައިގެ ރޭވުމެއް. ނަމަވެސް ތަގުދީރު ނިޔާކުރެއްވީ އެއަށްވުރެ މާ މޮޅަށް" ޕީޕީއެމުން ބުންޏެވެ.

އިދިކޮޅު ފަރާތްތަކުން ރޭ "ހަވަރު އެއްކުރުމަށް" ގޮވާލައި މުޒާހަރާއަށް އެމްޑީޕީ ހަރުގެ ކައިރިއަށް ދިއުމުން ފުލުހުން ވަނީ ބާރުގެ ބޭނުން ކޮށް އެއްވުން ރޫޅާލައި އެއްވި މީހުންގެ ގަޔަށް ޕޭޕާ ސުޕްރޭ ޖަހާފަ އެވެ. އަދި އެއްވި މީހުންގެ ތެރެއިން ބައެއް މީހުން ވަނީ ހައްޔަރުވެސް ކޮށްފަ އެވެ. އޭގެ ތެރޭގައި ނޫސް ވެރިންވެސް ހިމެނެ އެވެ. ނަމަވެސް ނޫސް ވެރިންވަނީ ރޭ ދޫކޮށްލާފަ އެވެ.