ހަބަރު

މާލެހިޔާ ޕީޕީއެމް ޖަގަހަ ހޯމާގައި ހުޅުވަނީ، ވެސްޓްޕާކްގައި ވެސް ޖަގަހެއް

މާލެ ހިޔާގައި ހުރި ހުސްބިމުގައި ހަދާ ޕީޕިއެމްގެ ޖަގަހަ އަންނަ ހޯމަ ދުވަހު ހުޅުވާނެ ކަމަށާއި އޭގެ އިތުރުން ވެސްޓް ޕާކު ސަރަހައްދުގައި ވެސް ޖަގަހައެއް ހުޅުވާނެ ކަމަށް ޕީޕީއެމް އިން ބުނެފި އެވެ.

ޕީޕީއެމް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެ ޕާޓީގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއް ރަހީމް އަބްދުﷲ ވިދާޅުވީ މާލެ ހިޔާ ގޯތި ތެރޭގައި ޕީޕީއެމްގެ ޖަގަހަ ހަދަނީ ހައުސިން މިނިސްޓްރީ ރެސްޓޫރަންޓެއް ހެދުމަށް ހުޅުވާލި ބިޑެއް ކާމިޔާބު ކުރި ފަރާތަކާއި ޕީޕިއެމްއާ ދެމެދު އެއްބަސްވުމެއް ގާއިމްކޮށްގެން ކަމަށެވެ. އަދި އެއީ ކޮރޮޕްޝަނަށް މަގުފަހިވާ ގޮތަށް ކުރާ ކެމެއް ނޫން ކަމަށާއި އެތަން އަންނަ ހޯމަ ދުވަހުގެ ރޭ ރައީސް އަބްދުﷲ ޔާމީން ހުޅުވާދެއްވާނެ ކަމަށް އަބްދުއް ރަހީމް ވިދާޅުވި އެވެ.

"ސަރުކާރުގެ ބިމެއް އެހެން މީހަކު ނަގާފައި އޮއްވާ އޭނަ އަތުން އަޅުގަނޑުމެންނަށް ކުއްޔަށް ނަގައިގެން އެގްރީމަންޓެއްގެ ދަށުން އެކަން ކުރާކަށް އެއްވެސް ގާނޫނެއް މަނައެއް ނުކުރާނެ، މީގެ ކުރީ ސަރުކާރުތަކުގައި ވެސް އެބަހުރި މިކަންކޮށްފައި، ޑީއާރްޕީގެ އޮފީސް ހިންގީ ސިނަމާލެ ތިނެއްގެ ތިރީގައި، އެމްޑީޕީން ހަރުގެ ހެދީ ޓީވީއެމްއާ ދިމާލަށް އޮތް ސަރުކާރު ބިމެއްގައި، މިއީ ޕީޕީއެމްއިން އަލަށް ކުރާ ކަމެއް ނޫން،" އަބްދުއް ރަހިމް ވިދާޅުވި އެވެ.

އަބްދުއް ރަހީމް އިތުރަށް ވިދާޅުވީ އެ ޖަގަހާގެ އިތުރުން ވެސް މާލޭގައި ގިނަ ޖަގަހަތަކެއް ހުޅުވާނެ ކަމަށެވެ. އެގޮތުން ކުރީގެ ވެސްޓްޕާކް ހުރި ސަރަހައްދުގައި ޕީޕީއެމްގެ ޖަގަހައެއް ހަތަރު ބުރިއަށް ނަގަމުންދާ ކަމަށް އަބްދުއް ރަހީމް ވިދާޅުވި އެވެ.

މާލޭހިޔާގައި އޮތް ހުސް ބިމަކީ މީގެ ކުރިން ފުރުގާނު މިސްކިތް ތަޅާލުމަށްފަހު އެ މިސްކިތް ހުޅުވަންދެން ވަގުތީ މިސްކިތެއް ވެސް އެޅި ބިމެކެވެ. އެތަނުގައި ޕީޕީއެމްގެ ޖަގަހަ ހަދަމުން ދަނިކޮށް ހައުސިން މިނިސްޓްރީން މިއަދު ނެރުން ބަޔާނުގައި ބުނެފައި ވަނީ އެ ބިން ދޫކޮށްފައި ވަނީ އެއްވެސް ސިޔާސީ ޕާޓީއެއްގެ ޖަގަހައެއް ހަދާކަށް ނޫން ކަމަށެވެ.