ހަބަރު

މާލޭހިޔާ ހުސްބިމުގައި ޕީޕީއެމްގެ ޖަގަހައެއް ހަދައިފި

މާލޭހިޔާ ފްލެޓްތަކުގެ ހުސް ބިމުގައި ކުރިން ވަގުތީ މިސްކިތެއް އަޅާފައިވާ ތަނުގައި ޕީޕީއެމްގެ ޖަގަހައެއް ހަދައިފި އެވެ.

ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ މިއަދު އެތަނުގެ ކުރިމަތީގައި ހުރެ ނަންގަވާފައިވާ ފޮޓޯއަކާ އެކު ކުރެއްވީ ޓްވީޓްގައި ވިދާޅުވީ ރައީސް އަބުދުﷲ ޔާމީންގެ 2018 ގެ ކެމްޕެއިން ޖަގަހަ ނިމެމުންދާ ކަމަށެވެ.

އެފޮޓޯ އިން ފެންނަ ގޮތުގައި އެ ޖަގަހަ ހަދާފައި ވަނީ ދެބުރިއަށެވެ. އެ ފޮޓޯގައި އަބުދުއްރަހީމްގެ އިތުރުން ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި އަދި ދާދި ފަހުން ޕީޕީއެމްއާ ގުޅިވަޑައިގަތް ރައްޔިތުން މަޖިލީހުގެ ނައިބް ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކު ވެސް ހުންނެވި އެވެ.

މާލޭހިޔާގައި އޮތް ހުސް ބިމަކީ މީގެ ކުރިން ފުރުގާނު މިސްކިތް ތަޅާލުމަށްފަހު އެ މިސްކިތް ހުޅުވަންދެން ވަގުތީ މިސްކިތެއް ވެސް އެޅި ބިމެކެވެ. އެ ޖަގަހަ އާއި ބެހޭގޮތުން ޕީޕީއެމުން ރަސްމީ ކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.