ހަބަރު

ޕީޕީއެމްގެ ނައިބު ރައީސަކީ އަދިވެސް އަބްދުއް ރަހީމް: ނިހާން

ޕީޕީއެމްގެ ނައިބު ރައީސް ކަމުން ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއް ރަހީމް އަބްދުﷲ ވަކިކުރީ ޕާޓީގެ އަސާސީ ގަވައިދާ ހިލާފަށް ކަމަށާއި އެެއީ ބާތިލް ނިންމުމެއް ކަމަށް، ޕީޕީއެމްގެ އިސް މަގާމްތަކުގައި ތިއްބެވި ރައީސް ޔާމީނަށް ތާއީދު ކުރައްވާ ބޭފުޅުން ވިދާޅުވެއްޖެ އެވެ.

މެންބަރުން މިހެން ވިދާޅުވީ އަބްދުއް ރަހީމްގެ އެހީތެރިކަމެއް ޕާޓީގެ ރައީސް މައުމޫނަށް ނުލިބޭތީ ނައިބު ރައީސްކަމުން ވަކިކުރަން ނިންމާފައިވާ ކަމަށާއި އޭގެ އިތުރުން ޕީޕީއެމްގެ ޒުވާނުން ގޮފީގެ ރައީސްކަން ކުރައްވަމުން ގެންދަވާ އިބްރާހިމް ޔޫސުފް އާއި މެންބަރު ޒާހިދު ރަމީޒު ވެސް ވަކި ކުރެއްވި ކަމަށް ބުނެ އިއްޔެ ފޮނުއްވި ސިޓީއަކާ ގުޅިގެން ނޫސްވެރިންނާ ބައްދަލު ކުރައްވާ ވާހަކަ ދައްކަވަމުންނެވެ.

އެ މައްސަލާގައި ޕީޕީއެމްގެ ޕީޖީ ގްރޫޕް ލީޑަރު އަހުމަދު ނިހާން ހުސެން މަނިކު ވިދާޅުވީ ރައީސް މައުމޫން ފެނިވަޑައިގަންނަވާ ގޮތަކަށް ޕާޓީ ހިންގުމުގެ ބާރު ލިބިފައި ނުވާނެ ކަމަށާއި އެކަން ކުރައްވަން ޖެހޭނީ އަސާސީ ގަވައިދާ އެއްގޮތަށް މަޝްވަރާ ކުރައްވައިގެން ކަމަށެވެ. އަދި އިއްޔެ ރައީސް މައުމޫން ނިންމެވި ނިންމުންތަކަކީ ބާތިލް ނިންމުމެއް ކަމަށާއި ޕާޓީގެ ނައިބު ރައީސްއަކީ މިހާރުވެސް އަބްދު ރަހީމް ކަމަށެވެ.

"އަބްދުއް ރަހީމް ޕާޓީގެ ނައިބު ރައީސްކަމަށް އައްޔަން ކުރަން ރުހުން ދިނީ ޕާޓީގެ ކައުންސިލުން. އަދި އަބްދުއް ރަހީމް ވަކި ކުރެވޭ ކަމަށް ވަނީނަމަ އެކަންވެސް ކުރަން ޖެހޭ އުސޫލެއް ހިންގާ ގަވައިދާ އަސާސީ ގަވައިދުގައި ނެތިއްޖެ ނަމަ އެކަން ނިންމަވަން ޖެހޭނީ ކައުންސިލްގެ މަޝްވަރާއާއި އިރުޝާދުގެ މަތިން. މިހާ ސާފުކޮށް ލިޔެފައި އޮއްވާ ކުއްލިއަކަށް މެންބަރުން ވަކި ކުރުމުން އެކަން ގަބޫލެއް ނުކުރެވޭނެ،" ނިހާން ވިދާޅުވި އެވެ.

ޕީޕީއެމް ޒުވާނުންގެ ގޮފީގެ ރައީސަށް 31 އަހަރު ފުރުމާއި ގުޅިގެން ވަކި ކުރި މައްސަލައަށް އިޝާރަތްކޮށް ނިހާން ވިދާޅުވީ ޒުވާނުންގެ ގޮފީގެ ރައީސްކަމަށް އިބްރާހިމް ކުރިމަތި ލެއްވި އިރު އުމުރަކީ 28 ކަމަށާއި އަދި ފަސް ދެ އަހަރުން ދެއަހަރުން އިންތިހާބު ކުރަން ޖެހޭ އިރު ކުއްލިއަކަށް އިއްޔެ އެކަން ފެނިވަޑައިގަތުގަމީ މައްސަލައެއް ކަމަށެވެ. އަދި އެކަންވެސް ކުރައްވާފައިވަނީ ކައުސިލްގެ މަޝްވަރާ އަކާ ނުލާ ކަމަށާއި އެހެންކަމުން އެ ނިންމެވުންވެސް ބާތިލުވާނެ ކަމަށެވެ.

ޕީޕީއެމްގައި ހިމެނޭ ރައީސް ޔާމިންއަށް ތާއީދު ކުރައްވާ ބޭފުޅުން މިހެން ވިދާޅުވީ ނަމަވެސް ރައީސް މައުމޫން ވިދާޅުވަނީ އެ ބޭފުޅުންގެ ނިންމެވުންތައް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި ޕާޓީގެ އެންމެ އިސް ބާރަކީ ރައީސް ކަމަށާއި އެހެންކަމުން ސިވިލް ކޯޓުން މިއަދު ކުރި ހުކުމްވެސް ގަބޫލު ނުކުރައްވާ ކަމަށް މައުމޫން ވިދާޅުވި އެވެ.