ރައީސް މައުމޫން އަބްދުލްގައްޔޫމް

ޕީޕީއެމްގެ ރައީސްކަމުން މައުމޫން ވަކިކުރަން ހުށަހެޅި މައްސަލަ ނަގައިފި

ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އެ މަގާމުން ވަކިކޮށް، ޕާޓީ ހިންގަން އެހެން ފަރާތަކާ ހަވާލުކުރަން އެ ޕާޓީގެ ދެ މެންބަރަކު ހުށަހެޅި މައްސަލަ އަނބުރާ ނަގައިފި އެވެ.

މި އަމުރު ނެރެ ދިނުމަށް އެދިފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމާއި ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދެވެ. އަދި ދައުވާ އަނބުރާ ނަގާފައިވާ ކަމަށް މެންބަރު ޝިޔާމް "އަވަސް" އަށް ކަށަވަރުކޮށްދި ނެވެ. ޝިޔާމް ވިދާޅުވީ އެ މައްސަލަ އަނބުރާ ނަގާފައި ވަނީ ޕީޕީއެމްގެ ހިންގުން ރައީސް އަބްދުﷲ ޔާމީންއާ ހަވާލު ކުރުމަށް ސިވިލް ކޯޓުން މިއަދު އަމުރު ކުރުމާ ގުޅިގެން ކަމަށެވެ.

ސިވިލް ކޯޓުން މިއަދު ކުރި ހުކުމާ ގުޅިގެން މިރޭ 9:00 ހާއިރު ކައުންސިލްގެ ބައްދަލުވުމެއް ބާއްވަން އެ ޕާޓީއިން ވަނީ ނިންމައިފައެވެ. އަދި އެ ބައްދަލުވުމުގައި ދެން ޕާޓީގެ މަސައްކަތްތައް ކުރިޔަށް ގެންދާނެ ގޮތް ރާވާނެ ކަމަށް އެ ޕާޓީގެ މެންބަރުން ވަނީ ވިދާޅުވެފައެވެ.

ނަމަވެސް ނޫސްވެރިންނާ ބައްދަލުކުރައްވާ ރައީސް މައުމޫން މިއަދު ވިދާޅުވީ ސިވިލް ކޯޓުން ކުރެއްވި ހުކުމް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި އެމަނިކުފާންވަނީ އެ މައްސަލަ އިސްތިއުނާފު ކުރައްވަން ނިންމަވައި އެކަމަށް މަސައްކަތް ފައްޓަވާފަ އެވެ.