މިއަދަކީ ރާއްޖޭގެ ރިޔާސީ ނިޒަމަށް އައި ކަޅު ދުވަހަށް އައި ކަޅު ދުވަހެއް ކަމަށާއި ހުދުމުހުތާރު ވެރިކަން ފެއިލް ވާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ ރައްޔިތުން މަޖިލީސް މެންބަރުން ޕާޓީ ބަދަލުވެއްޖެ ނަމަ ނުވަތަ ޕާޓީއިން ވަކިކޮށްފި ނަމަ ނޫނީ ވަކިވެއްޖެ ނަމަ އެ މެންބަރަކު މަޖިލީހުގައި ތަމްސީލު ކުރާ ދާއިރާގެ ގޮނޑި ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމް ކުރުމާ ގުޅިގެންނެވެ.
އެކަމާ ގުޅިގެން މައުމޫން ދާދި ދެންމެެއަކު ކުރެއްވި ޓްވީޓެއްގައި ބުނެފައި ވަނީޕ މިއަދަކީ ރާއްޖޭގެ ޑިމޮކްރަސީއަށް އައި ކަޅު ދުވަހެއް ކަމަށެވެ. ނަމަވެސް އެކަމާ ކަންބޮޑުވެވަޑައި ނުގަތުމަށް އެދޭ ކަމަށާއި ކާމިޔާބު ލިބޭނީ ރައްޔިތުންނަށް ކަމަށް މައުމޫން ވިދާޅުވި އެވެ. އަދި ހުދުމުހުތާރު ވެރިކަންތައް އަބަދުވެސް ފެއިލް ވާނެ ކަމަށް ވެސް އެމަނިކްފާނު ވިދާޅުވި އެވެ.
އެޓާނީ ޖެނަރަލް މުހައްމަދު އަނިލް ހުށަހެޅި ދުސްތޫރީ މައްސަލައަކާ ގުޅިގެން ސުޕްރީމް ކޯޓުން އެގޮތަށް ހުކުމް ކުރި އިރު ރާއްޖޭގެ ގާނޫނީ ދާއިރާގެ އިސް ބޭފުޅުންނާއި ގާނޫން އަސާސީ ހެދުމުގައި ޝާމިލްވީ ފަރާތްތައް ވެސް ވަނީ އެ މައްސަލައާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި އެ މައްސަލާގައި ތަދައްހުލުވުމަށް 30 އަށް ވުރެ ގިނަ މެންބަރުންނާއި އެއް ލޯފާމުން ވެސް ވަނީ ހުށަހަޅާފަ އެވެ. ނަމަވެސް ސުޕްރީމް ކޯޓުން ހުކުމް ކުރަން މިއަދު ބޭއްވި ޝަރިއްޔަތުގައި އެއިން އެއްވެސް ފަރާތަކަށް ފުރުސަތު ދީފައެއް ނުވެ އެވެ.
ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ އެ ހުކުމުގެ އުސޫލުތައް ކަނޑައެޅުމަށް "އެންޓި ޑިފެކްޝަން ގާނޫނެއް" ވުޖޫދަށް ގެންނަން ޖެހޭ ކަމަށާއި އޭގެ ކުރިން ޕާޓީ ބަދަލު ކުރާ ނުވަތަ ވަކިވާ ކޮންމެ މެންބަރެއްގެ ވެސް ގޮނޑި ގެއްލޭނެ ކަމަށެވެ. އަދި އެ ދާއިރާތަކުގައި ބައި އިލެކްޝަނެއް ވެސް ބާއްވަން ޖެހޭނެ ކަމަށް އެ ހުކުމުގައި ވެއެވެ.