ހަބަރު

ރައީސް ޔާމީން ވެރިކަމުން ބާލަން މައުމޫން އޮތީ މާކުރިން ރާވާފަ: މުންދު

ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް ވެރިކަމުން ބާލައި، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ބޭނުންފުޅުވާ ބޭފުޅެއް ވެރިކަމަށް ގެނައުމަށް މާކުރިން ވެސް ރާވައި ސައްލާ ކޮށްފައިވާ ކަމަށް ޕީޕީއެމްގެ ކައުންސިލް މެންބަރު އަދި ރާއްޖޭގެ ފަރާތުން ޖަޕާނަށް ކަނޑައަޅާފައި ހުންނަ ސަފީރު މުހައްމަދު ހުސައިން ޝަރީފު (މުންދު) ތުހުމަތުކުރައްވައި ވާހަކަ ދައްކަވައިފި އެވެ.

ޓީވީއެމްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި މުންދު ވިދާޅުވީ ރައީސް ޔާމީން، މައުމޫންއާމެދު ކަންތައް ކުރެއްވީ ޕާޓިގެ ވެރިއަކާމެދު އަދި އެއްބަނޑު އެއްބަފާ ބޭބެއަކާއި މެދު ކަންތައް ކުރަންވީ ގޮތަށް ވުރެވެސް މާ ރަނގަޅަށް ކަމަށާއި އެމަނިކުފާނު [މައުމޫން] އާއި މެދު ކަންތައްް ކުރެއްވީ އިހުތިރާމު ކުރައްވާ ބޭފުޅެއްގެ ހައިސިއްޔަތުން ކަމަށެވެ. އަދި ބޭނުންފުޅުވި ކޮންމެ ކަމެއް ބޭނުންފުޅުވި ކޮންމެ ވަގުތެއްގައި ކޮށްދީފައިވާ ކަމަށާއި ގާނޫނުގެ އިމުގެ ތެރެއިން ކޮށްދެވެން ހުރި ކޮންމެ ކަމެއް ރައީސް ޔާމީން ކޮށްދީފައިވާނެ ކަމަށް މުންދު ވިދާޅުވި އެވެ.

މުންދު ވިދާޅުވީ މައުމޫން، ރައީސް ޔާމީން އާއި ދެކޮޅަށް ވިސްނުން ބަދަލުވާންވީ އެއްވެސް ސަބަބެއް ނުފެނުނު ކަމަށާއި ހުއްޖަތެއް ނެތި ކުއްލި އަކަށް ވިސްނުން ބަދަލުވެފައި އެވަނީ ރައީސް ޔާމީން ވެރިކަމަށް އައުމުގެ މާ ކުރިން ސައްލާ ކުރެވިފައިވާ ރޭވުމަކަށްވާތީ ކަމަށެވެ. އަދި ވަކި މީހަކު ވެރިކަމަށް ގެނައުމަށް މާކުރިންވެސް ރޭވިފައިވާ ކަމަށާއި ނަމަވެސް އެކަން އެގޮތަށް ނުވުމުން މައުމޫންގެ ހިޔާލު ބަދަލުވީ ކަމަށެވެ.

"ރައީސް ޔާމީން ރައީސް މައުމޫނާމެދު ކަންތައްތައް ކުރީ ވަރަށް ރަނގަޅަށް. ޕާޓިގެ ވެރިއަކާމެދު ކަންތައް ކުރަންވީ ގޮތާއި އެއްބަނޑު އެއްބަފާ ބޭބެއަކާއި މެދު ކަންތައް ކުރަންވީ ގޮތަށް ވުރެވެސް މައްޗަށް، އަދި އިހުތިރާމު ކުރައްވަ ބޭފުޅެއްގެ ހައިސިއްޔަތުން. ފޯމާ ޕްރެސީޑެންޓެއްގެ ހައިސިއްޔަތަކުންނެއް ނޫން. ބޭނުންފުޅުވި ކޮންމެ ގޮތެއްގައި ބޭނުންފުޅުވި ކޮންމެ ވަގުތެއްގައި ކޮށްދީފައިވޭ. ގާނޫނީ އިމުގެ ތެރެއިން" މުންދު ވިދާޅުވި އެވެ.

މުންދު ވިދާޅުވީ ރައީސް މައުމޫނުގެ ވެރިިކަމުގައި ބައެއް ކަންކަން ފެއިލްވެފައިވާ ކަމަށާއި މި ވެރިކަމުގައި އެކަންކަން ވަނީ ރަނގަޅުކޮށްފައި ކަމަށެވެ. އަދި ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތީ ރައީސް މައުމޫނުގެ ވެރިކަމުގައި ކުރެވުނު ތަޖުރިބާއިން ކަމަށާއި އެންމެ ބޮޑަށް ފަހުރުވެރިވާން ޖެހޭނެ ބޭފުޅަކީވެސް ރައީސް މައުމޫނު ކަމަށް މުންދު ވިދާޅުވި އެވެ.

"ރައީސް ޔާމީންގެ ވެރިކަމުގެ ކުރީ ކޮޅު ޕްރޮސެކިއުޓާއެއް އައްޔަނު ކުރަން ނިންމެވި ނިންމެވުމަށް މައުމޫނު ވަނީ ދެކޮޅު ހަދާފައި. އެކަމަށް ޕާޓީގެ އިސްވެރިއަކަށް ކޮން ކަމެއްތޯ. އެކަމުން ޕާޓީއަށް އަސަރެއް ނުކުރާނެ ދެއްތޯ. އެކަމުން އަސަރު ކުރާނީ ގައުމަށް. ގާނޫނުތަކާއި އެއްގޮތަށް ވެރިކަމުގެ ކަންކަން ނިންމާއިރު ޕާޓީގެ ނުފޫޒު އެކަމަށް ފޯރައިގެން ނުވާނެ." މުންދު ވިދާޅުވި އެވެ.