ރައީސް އަބްދުﷲ ޔާމީން

"މައުމޫނަކީ ލޯބިވާ ބޭބެ، ރައްދު ދޭކަށް ނެތިން"

ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ވަރަށް ބޮޑަށް އިހްތިރާމްކުރައްވާ ކަމަށާއި އެމަނިކުފާނާ ގުޅޭ ގޮތުން އެއްވެސް ވާހަކައެއް ދައްކައި، ރައްދު ދެއްވަން ބޭނުންފުޅުވެ ވަޑައި ނުގަންނަވާ ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

މިރޭ ޕީޕީއެމްއިން ދަރުބާރުގޭގައި ބޭއްވި ހާއްސަ އިވެންޓެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ޓީވީތަކުގައި އެކިއެކި ބޭފުޅުން އެމަނިކުފާނާ ގުޅޭ ގޮތުން ސާބިތު ނުހިފޭ ވާހަކަތައް ދައްކަވަމުންދާ ކަމަށެވެ. އެ ބޭފުޅުން ދައްކަވައި ވާހަކަތަކުގައި އެއްވެސް އަސާސެއް ނެތް ކަމަށެވެ. އެހެންނަމަވެސް ރައީސް މައުމޫން ދައްކަވައި ވާހަކަފުޅަކާ ބެހޭ ގޮތުން ނުވަތަ އެމަނިކުފާނާ ގުޅޭ ގޮތުން ވެސް އެއްވެސް ވާހަކައެއް ދައްކަން ބޭނުންނުވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"ޕީޕީއެމްގެ ރައީސްއަކީ އަޅުގަނޑުގެ ލޯބިވާ ބޭބެ، އަޅުގަނޑަކަށް ނެތް އެމަނިކުފާނާ ގުޅޭ ގޮތުން ވާހަކަ ދެއްކޭކަށް، އެއީ އަޅުގަނޑު ކުރާނެ ކަމެއް ވެސް ނޫން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ރައީސް މައުމޫނާއި އެމަނިކުފާނު އެކުގައި އެއް މޭޒެއްގެ ދޮށަށް ދިޔުމަކީ ދަތި ކަމަކަށްވެފައިވުމަކީ މަންދޫބުން މަޝްވަރާ ނުކުރަންވީ ސަބަބެއް ނޫން ކަމަށެވެ. ޕާޓީ ތެރޭގެ މައްސަލަތައް ހައްލުވާނީ މަޝްވަރާކޮށްގެން ކަމަށެވެ.

"ތިބޭފުޅުންނަށް ފެންނާނެ އަޅުގަނޑުގެ ޒައާމަތުގައި އެކި ފަހަރު މަތިން ރައީސް މައުމޫން އަޅުގަނޑާ ބައްދަލުކުރެއްވި މަންޒަރު، އަޅުގަނޑުވެސް ހުންނާނެ ރައީސް މައުމޫންގެ އޮފީހަށް ގޮސް ބައްދަލުކޮށްފައި ހުންނާނެ، ދައުލަތުގެ ބައެއް މުހިންމު ކަންކަމަށް މަޝްވަރާ ކުރެއްވުމަށް،" ރައީސް ވިދާޅުވި އެވެ.

އެއް ބަފާ ދެ ބޭފުޅުންގެ ދެމެދު ގުޅުމަށް ބުރު އަރައި، ބައްދަލުކުރުންތައް މެދުކެނޑިގެން ދިޔަ ސަބަބުގެ ތަފްސީލު ހިއްސާކުރަން ބޭނުންފުޅު ނުވާ ކަމަށް މިރޭ ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ޕާޓީގެ އެންމެ ޝަރަފުވެރި ބޭފުޅަކީ ޕާޓީގެ ރައީސް މައުމޫން ކަމަށާއި އެމަނިކުފާނަށް އެއްބާރުލުން ދެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ. އަދި، ޕާޓީގެ އަސާސީ ގަވައިދާ އެއްގޮތަށް ހުރިހާ ގުނަވަނަކަށް ވެސް ހަރަކާތްތެރިވެވޭނެ ގޮތް ހައްދަވައިދެއްވުމަށް ރައީސް މައުމޫންއަށް އިލްތިމާސްކުރައްވާ ކަމަށެވެ.

"އަދިވެސް ހައްލު ހޯދޭނެ، އެންމެ ޝަރަފުވެރި އަދި އިއްޒަތްތެރި މެންބަރަކީ އަޅުގަނޑުމެންގެ ޕާޓީގެ ރައީސް، އެހެންވީމަ ޕާޓީގެ ރައީސްއަށް އިހުތިރާމް އަދާކުރައްވަމުން ހަމަ އިލްތިމާސްކޮށްލައްވަން ބޭނުން ވަނީ ޕާޓީ ހަމަ މަގަށް އެޅުވުމަށް އުސޫލުތަކާ އެއްގޮތަށް އަދި މަސްލަހަތު ނިޔާ ކުރާ ގޮތަށް ޕާޓީގެ ގުނަވަންތަކުގެ ބޭނުން ހިއްޕަވާށޭ، އަޅުގަނޑުމެން މިތިބީ އެއްބާރުލުން ދޭން، އަޅުގަނޑުމެން މިތިބީ ވާހަކަ ނުދެއްކޭ ހިސާބެއްގައެއް ވެސް ނޫން،" ރައީސް ވިދާޅުވި އެވެ.