އެއްވެސް ސަބަބަކާ ހުރެ ރާއްޖޭގައި މަރުގެ އަދަބު ތަންފީޒުކުރަން ފެށުމަކީ ފެންނަ ކަމެއް ނޫން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައީސް މައުމޫން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެއްވެސް ސަބަބަކާ ހުރެ ރާއްޖޭގައި މަރުގެ އަދަބު ދިނުމަކީ ފެނިވަޑައިގަންނަވާ ކަމެއް ނޫން ކަމަށެވެ.
"އަދި އާންމުންގެ ތާއީދު ހޯދުމަށް ތިޔަ ވާހަކަ ދެއްކުމަކީ ތައުލީމީ މީހަކު ކޮށްގެންވާނެ ކަމެއްވެސް ނޫން،" މައުމޫނު ވިދާޅުވި އެވެ.
ރާއްޖޭގައި މަރުގެ އަދަބު ތަންފީޒުކުރަން މީގެކުރިންވެސް ރައީސް މައުމޫން ދެކޮޅު ހައްދަވާފައިވެ އެވެ.
ރާއްޖޭގައި މަރުގެ އަދަބު ތަންފީޒު ކުރުމާ ދެކޮޅަށް ރައީސް މައުމޫން ވާހަކަދައްކަވާފައި މިވަނީ މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވަމުން ގެންދަވާ ކެންޑިޑޭޓުންގެ މެދުގައި ޓީވީއެމް އިން ރޭ ކުރިއަށް ގެންދިޔަ ބަހުސްގައި ޕީޕީއެމް ޕީއެންސީގެ ކެންޑިޑޭޓް އަދި ކުރީގެ ބަންޑާރަނައިބް އައިޝަތު އާޒިމާ ޝަކުރޫ މަރުގެ ހުކުމް ތަންފީޒުކުރުމަށް ތާއީދުކުރައްވާ ވާހަކަދައްކަވާފައި ވަނިކޮށެވެ.
ރައީސް މައުމޫންގެ ވެރިކަމުގައި ބައެއް މީހުންނަށް މަރުގެ ހުކުމް އިއްވި ނަމަވެސް އެމަނިކުފާނުގެ ވެރިކަމުގައި އެ ހުކުމް ތަންފީޒުނުކޮށް ބައެއް މީހުންނަށް މައާފް ދެއްވާފައިވެ އެވެ.
ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރަން މިސަރުކާރުން ނިންމާފައިވާ ކަމަށް މިދިޔަ މަހުގެ 20 ވަނަ ދުވަހު މިނިސްޓާ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ އަލީ އިހްސާން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމަނިކުފާނު ވިދާޅުވި އެވެ. އެކަން ކުރާނީ ބަލަންޖެހޭ ކަންކަން ބަލާފައި ރާއްޖޭގެ ގާނޫނުތަކާއި ގަވައިދުތަކުގެ އިމުގެ ތެރެއިން ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
ރާއްޖޭގައި މަރުގެ ހުކުމް އެންމެ ފަހުން ތަންފީޒުކޮށްފައިވަނީ މީގެ 69 އަހަރު ކުރިން 1954 ވަނަ އަހަރު އެވެ.
ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރާނެ ކަމަށް ވިދާޅުވެ އެކަމާ ގުޅޭ މަސައްކަތްތަކެއް މިހާތަނަށް އެންމެ ފާޅުކަން ބޮޑު ގޮތެއްގައި ކުރައްވާފައިވަނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ގައެވެ. އެގޮތުން މަރުގެ ހުކުމް ތަންފީޒުކުރުމާ ގުޅޭ ގަވައިދެއް ހަދައި ލީތަލް އިންޖެކްޝަނެއް ޖަހައިގެން މަރުގެ ހުކުމް ތަންފީޒުކުރަން ޔާމީންގެ ސަރުކާރުން ނިންމި އެވެ. އަދި މަރުގެ ހުކުމް ތަންފީޒުކުރަން ހާއްސަ ތަނެއް ހެދުމުގެ މަސައްކަތްވެސް އޭރު ކުރި އެވެ.
ނަމަވެސް ނިމިދިޔަ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ސަރުކާރުން ނިންމާފައި އޮތީ މަރުގެ ހުކުމް ތަންފީޒު ނުކުރަމަށެވެ. ރާއްޖޭގައި ޝަރުއީ ހުރިހާ މަރުހަލާއެއް ނިމި މަރުގެ ހުކުމް ތަންފީޒުކުރަން ޖެހިފައިވާ ހަތަރު މީހަކު ޖަލުގައި އެބަތިއްބެވެ.