ހަބަރު

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ކުރާ މައްސަލައެއްގައި ސުވާލުކުރަން ބޭނުންވާތީ އެކަމަށް ޓަކައި އެ ކޮމިޝަނަށް ހާޒިރުވެ ވަޑައިގަންނަވަން ބޭނުންފުޅުވާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެފައިވާތީ، އެކަމާ ގުޅޭ ގޮތުން ގޮތެއް ނިންމުމަށް އޭސީސީއިން ނިންމައި، އެކަން އަންގައިފި އެވެ. އޭސީސީން ބުނެފައިވަނީ އެއީ އެ ކޮމިޝަނުގެ އުސޫލާ ހިލާފު ކަމެއް ކަމަށެވެ.

ރައީސް މައުމޫނަށް އޭސީސީއިން ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައިވަނީ ކުރީގެ ރައީސެއްގެ މައްސަލަ ބަލަންޖެހިއްޖެނަމަ އެ ފަރާތެއް ކޮމިޝަނަށް ހާޒިރުކުރުމުގެ ބަދަލުގައި އެ ފަރާތެއް ދިރިއުޅޭ ގެއަށް ނުވަތަ މަސައްކަތް ކުރައްވާ އޮފީހަށް އޭސީސީގެ ތަހުގީގު ޓީމުން ދިޔުމަކީ އެ ކޮމިޝަނުން އަމަލުކުރާ އުސޫލުގައި ބަޔާން ކޮށްފައިވާ ގޮތް ކަމަށެވެ.

އެހެންކަމުން ރައީސް މައުމޫން ކޮމިޝަނަށް ހާޒިރުވެވަޑައިގަތުމަށް ބޭނުންފުޅުވާ ކަމަށް ވިދާޅުވެފައިވާތީ އެކަމަކީ އެ ކޮމިޝަނުގެ ތަހުގީގު ކުރުމުގައި އަމަލުކުރާ އުސޫލާ ތައާރަޒުވާ ކަމެއް ކަމަށް ސިޓީގައިވެ އެވެ. ރައީސް މައުމޫންގެ އެދިވަޑައިގަތުމާމެދު ކޮމިޝަންގެ މެންބަރުން މަޝްވަރާކުރުމަށްފަހު ގޮތެއް ނިންމާނެ ކަމަށް ސިޓީގައި ރައީސް މައުމޫނަށް ވަނީ އަންގަވާފަ އެވެ.

އޭސީސީއިން ތަހުގީގުކުރަމުން ދަނީ 2007 އަދި 2008 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައި ފާހަގަ ކޮށްފައިވާ ކަންކަމާ ގުޅުންހުރި މައްސަލައެކެވެ.

ކުރީގެ އޮޑިޓް ރިޕޯޓްތަކުގައިވާ ގޮތުގައި ރައީސްގެ ރަސްމީގެކޮޅު ތީމުގެ އާއި ރައީސް އޮފީހުން ގާނޫނާއި ގަވާއިދާ ހިލާފަށް އެތައް މިލިއަން ރުފިޔާއެއް ރައީސް މައުމޫންގެ ދުވަސްވަރު އެމަނިކުފާނުގެ އާއިލާގެ ބޭފުޅުންނަށާއި ކެބިނެޓްގެ މިނިސްޓަރުންނަށް ހޭދަކޮށްފައިވެ އެވެ. އޭގެ ތެރޭގައި އަގު ބޮޑެތި ތަކެތި އާއިލާގެ ބޭފުޅުންނަށް ބައްލަވައިގަތުމާއި ކެބިނެޓްގެ މިނިސްޓަރުންނަށް އެކި ގޮތްގޮތުން ކުރައްވާފައި ހުރި ބޮޑެތި ހަރަދުތަކުގެ މައްސަލަތައް އެ ރިޕޯޓްތަކުގައި ފާހަގަކޮށްފައިވެ އެވެ. އެ މައްސަލަތައް ތަހުގީގު ކުރުމަށް އޮޑިޓް ރިޕޯޓްތަކުގައި ލަފާދީފައިވެ އެވެ. އެ މައްސަލަތައް ބެލުމަށް ރައީސް ނަޝީދުގެ ސަރުކާރުގައި ހާއްސަ ރިޔާސީ ކޮމިޝަނެއް ވެސް ހެދި އެވެ.