ރައްޔިތުން މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން އަށް ރިޝްވަތުގެ ތުހުމަތުކޮށް މައްސަލަ ބަލަނީ ވަރަށް ބޭއިންސާފު ގޮތަކަށް ކަމަށް އެ މަނިކްފާނުގެ ބައްޕާފުޅު، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރާއްޖެ ޓީވީއަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ރައީސް މައުމޫން ވިދާޅުވީ ރިޝްވަތު ދޭ ކަމަށް ތުހުމަތު ކުރެވޭ ކޮންމެ މައްސަލައެއް ވެސް ހުރިހާ މުއައްސަސަތަކުން އަމިއްލައަށް ބަލާ ތަހުގީގު ކުރަން ޖެހޭ ކަމަށެވެ. ނަމަވެސް ފާރިސްގެ މައްޗައް ބޮޑެތި ތުހުމަތުތަކެއް ކުރާ އިރު ފާޅުގައި ފައިސާ ގޯނި ބަހާ ކަމަށާއި މެންބަރުންނަށް ފައިސަ ދޭ ވާހަކަ އަދި ރިޝްވަތުގައި ހިފާ ވާހަކަ ދައްކާ ފަރާތްތަކާ މެދު އެއްވެސް ފިޔަވަޅެއް ނާޅުއްވާ ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ. އަދި އެއީ ވަރަށް ބޭއިންސާފުން ކުރައްވާ ކަމެއް ކަމަށް އެ މަނިކްފާނު ވިދާޅުވި އެވެ.
"ރިޝްވަތުދޭ ކަހަލަ ހަބަރެއް އިވިއްޖެ ނަަމަ ކަމާ ބެހޭ ފަރާތްތަކުން ޖެހޭނެ ރަނގަޅު ތަހުގީގެއް ހިންގަން. މުއައްސަސާތަކުން އެކަމަށް ސަމަލުވެ މައްސަލަ ބަލާ ފިޔާވަޅު އަޅަން ޖެހޭނެ. ނަމަވެސް އަޅުއްވާފައެއް ނެތް. ފައިސާ ގޯނި ބެހި ކަމަށް ބުނީމަ ވެސް ކަމެއް ވިތޯ. ތިމަންނަގެ ފައިސާއޭ މެންބަރުންނަށް ބަހަނީ ބުނީމަ ވެސް ކަމެއްވިތޯ. އެ ފައިސާ ދިން ކަމަށް ބުނާ މީހާ ޖެހޭނެ ޒިންމާވާން،" ރައީސް މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ ފާރިސްގެ މައްޗަައް މިފަދަ ތުހުމަތުތައްކޮށް އުނދަގޫތައް ކުރިމަތި ކުރުވި ނަމަވެސް އޭނާގެ އަޒުމަށް އެއްވެސް ވަރެއްގެ ބަދަލެއް ނާންނާނެ ކަމަށެވެ. އަދި ފަރިސް ކުރައްވަނީ ގައުމަށާއި ރައްޔިތުންނަށްޓަކައި ކުރާ މަސައްކަތެއްކަން އޭނާއަށް އެނގިވަޑައިގަންނަވާނެ ކަމަށާއި އެހެންކަމުން އެކަމުގައި ކުރިޔަށް އޮތްތާނގަވެސް ސާބިތުކަމާ އެކު ހުންނަވާނެ ކަމަށް މައުމޫން ވިދާޅުވި އެވެ.
ރިޝްވަތު ދޭ ކަމުގެ ތުހުމަތުގައި ފުލުހުން ފާރިސްގެ ގެ ބަލާ ފާސް ކުރުމުގެ އޮޕަރޭޝަނެއް މިވަގުތު ކުރިޔަށްދާ އިރު މިއަދުގެ ވަގުތެއްގައި ފާރިސް ހައްޔަރު ކުރަން އުޅޭ ކަމުގެ އަޑުވެސް ވަނީ ފެތުރިފަ އެވެ.