ހަބަރު

ކިތަންމެ ވަރަކަށް ފާޑުކިޔަސް އަސަރެއް ނުކުރާނެ: މައުމޫން

ބައެއް ފަރާތްތަކުން ވަޒީފާގެ ބިރުވެތިކަމާއި ފައިދާއަށް ފާޑު ވިދާޅުވަމުންދާ ކަމަށާއި އެކަމަކުން އެއްވެސް އަސަރެއް ނުކުރާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބުދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައީސް މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ ބައެއް ބޭފުޅުން ވަޒީފާގެ ބިރުވެތިކަމަށް އެމަނިކުފާނަށް ފާޑު ވިދާޅުވަމުންދާ ކަމަށާއި އެކަން ކުރަން ބޭނުންވާ މީހުން އެކަން ކުރަމުން ގެންދިއުމަކުން މައްސަލައެއް ނެތް ކަމަށެވެ. އަދި އެމަނިކުފާނު ހުންނެވީ ސާބިތު ކަމާއެކު ގައުމަށް ހިދުމަތް ކުރެއްވުމަށާއި ގައުމަށް ހެވާ ލާބަ ހޯދައި ދެއްވުމުގައި ކަމަށެވެ. މައުމޫން ވިދާޅުވީ އެއްވެސް މީހަށް ކުރިމަގުގައި ލިބެންހުރި ފުރުސަތުތަކަށް ހުރަށް އެޅުމުގެ އެއްވެސް ނިޔަތެއްނެތް ކަމަށެވެ.

މައުމޫން ކުރެއްވި ޓްވީޓްގައި ވަކި ފަރާތެއްގެ ނަން ހާމަކޮށްފައި ނުވި ނަމަވެސް ކުރިން މައުމޫންގެ ވަރަށް އަރިސް ބޭފުޅެއްގެ ގޮތުގައި އުޅުއްވި ޕީޕީއެމްގެ ކައުންސިލް މެންބަރު އަދި ރާއްޖޭގެ ފަރާތުން ޖަޕާނަށް ކަނޑައަޅާފައި ހުންނަ ސަފީރު މުހައްމަދު ހުސައިން ޝަރީފު (މުންދު) ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ޓީވީއެމްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ރައީސް މައުމޫނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ. މުންދު ވިދާޅުވީ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް ވެރިކަމުން ބާލައި، ރައީސް މައުމޫން ބޭނުންފުޅުވާ ބޭފުޅެއް ވެރިކަމަށް ގެނައުމަށް މާކުރިން ވެސް ރާވައި ސައްލާ ކޮށްފައިވާ ކަމަށެވެ.

މުންދު ވިދާޅުވީ ރައީސް ޔާމީން އާއި ދެކޮޅަށް ވިސްނުން ބަދަލުވާންވީ އެއްވެސް ސަބަބެއް ނުފެނުނު ކަމަށާއި ހުއްޖަތެއް ނެތި ކުއްލި އަކަށް ވިސްނުން ބަދަލުވެފައި އެވަނީ ރައީސް ޔާމީން ވެރިކަމަށް އައުމުގެ މާ ކުރިން ސައްލާ ކުރެވިފައިވާ ރޭވުމަކަށްވާތީ ކަމަށެވެ ރައީސް މައުމޫނުގެ ވެރިިކަމުގައި ބައެއް ކަންކަން ފެއިލްވެފައިވާ ކަމަށާއި މި ވެރިކަމުގައި އެކަންކަން ރަނގަޅުކޮށްފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރަށް، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ ވެސް ރައީސް މައުމޫންއަށް ފާޑުވިދާޅުވެފައިވެ އެވެ.