ހަބަރު

އޭސީސީން މިއަހަރު 550 މައްސަލައެއް ބަލާ ނިންމައިފި

މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހު 550 މައްސަލައެއް ބަލާ ނިންމާފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.

އޭސީސީން އިއްޔެ އާންމު ކުރި ތަފާސް ހިސާބުތަކުގައި ބުނެފައި ވަނީ މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި 550 މައްސަލައެއް ބަލާ ނިންމާފައިވާ ކަމަށާއި އޭގެ ތެރެއިން ދެވަނަ ކުއާޓާގައި 251 މައްސަލައެއް ބަލާ ނިންމާފައިވާ ކަމަށެވެ. އަދި އެއީ 2016 ވަނަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 30.73 ޕަސެންޓްގެ އިތުރުވުމެއް ކަމަށާއި މިދިޔަ އަހަރު ދެވަނަ ކުއާޓާގައި ބަލާ ނިންމާފައިވަނީ 192 މައްސަލައެއް ކަމަށެވެ.

އެ ކޮމިޝަނުން ބަލާ ނިންމި މައްސަލަތަކުގެ ތެރެއިން ޝަރީއަތައް ހުށަހެޅުމަށް ކޮމިޝަނަށް ފެންނަ އެއް މައްސަލައެއް މިއަހަރުގެ ދެވަނަ ކުއާޓާ ތެރޭގައި ނިންމާފާވާއިރު މިދިޔަ އަހަރު އެ މުއްދަތުގައި ތިން މައްސަލައެއް ވަނީ ޝަރީއަތައް ފޮނުވަން ނިންމާފަ އެވެ.

އަދި މިއަހަރުގެ ދެވަނަ ކުއާޓާ ތެރޭގައި ބަލާ ނިންމި މައްސަލަތަކާ ގުޅިގެން ދައުލަތުގެ 58 އަށް އިދާރާއަކަށް، އިސްލާހުކުރުމަށް 65 އެންގުން އަންގާފައިވާ ކަމަށާއި މިދިޔަ އަހަރުގެ އެ މުއްދަތުގެ ތެރޭގައި ދައުލަތުގެ އިދާރާތަކަށް އިސްލާހުކުރުމަށް އަންގާފައިވަނީ 36 އެންގުން ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ.