ހަބަރު

އިސްލާހު ކުރަން ޖެހޭ ކަންކަމަށް އޭސީސީގެ ލަފާ ރެކޯޑް އަދަދަކަށް

ދައުލަތުގެ އިދާރާތަކުން ކުރަމުން އަންނަ މަސައްކަތަކުގެ ތެރޭގައި ކޮރޮޕްޝަނަށް މަގުފަހިވާ ގޮތަށް ހުރި ގިނަ ކަންކަން ފާހަގަ ކުރެވިގެން އެކަންކަން އިސްލާހު ކުރަން މިދިޔަ އަހަރުގެ ތެރޭގައި ރެކޯޑު އަދަދަކަށް ރެކޮމެންޑޭޝަންތައް އިދާރާތަކަށް ދީފައިވާ ކަމަށް ކަމަށް އެންޓި ކޮރޮޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.

އޭސީސީގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓު ނެރުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެ ކޮމިޝަންގެ ނައިބު ރައީސް މުއައްވިޒު ރަޝީދު ވިދާޅުވީ ސަރުކާރުގެ އިދާރާތަކުން ރާއްޖޭގައި ހެދިފައި ހުރި ގާނޫނުތަކާއި ގަވައިދުތަކަށް އަމަލު ކުރުމުގައި ބައެއް ފަހަރު އިހުމާލުވުން ނުވަތަ ފަރުވާކުޑަކޮށްލުން ފަދަ މައްސަލަތައް ގިނައިން ހުށަހެޅޭ ކަމަށެވެ. އެގޮތުން މިިދިޔަ އަހަރަކީ ވޭތުވެދިޔަ ފަސް އަހަރު ތެރޭގައި އެންމެ ގިނައިން ސަރުކާރުގެ އިދާރާތަކަށް އެކި ކަންކަން އިސްލާހު ކުރަން އެންގުނު އަހަރު ކަމަށާއި އެގޮތުން 332 ރެކޮމެންޑޭޝަނެއް ހުށަހަޅާފައިވާނެ ކަމަށް މުއައްވިޒު ވިދާޅުވި އެވެ.

"އެންމެ ގިނައިން ފާހަގަވެފައި ވަނީ ޕްރޮކިއުމަންޓް ނިޒާމްގެ މައްސަލަތަކާ ގުޅޭ ކަންކަން. އަދި ޕްރޮކިއުމަންޓް ސިސްޓަމްގައި ގާނޫނު ހެދިފައި ހުރި ގޮތުންވެސް ބައެއް ކަހަލަ ލޫޕް ހޯލްސްތައް އެބަހުރި. ދައުލަތުގެ މާލިޔަތު އާ ގަވައިދެއް ކުރިޔަށް ދަނީ. އޭގެ ތެރޭގައި ބައެއް އިސްލާހުތައް ގެންނަން ވެސް އިސްލާޙުތައް ގެންނަން ރެކޮމެންޑުކޮށްފައި ވާނެ. ދެން އިދާރާތަކުގައި ތިބޭ މުއައްޒިފުން ހޭލުންތެރި ނުވުމުގެ ސަބަބުން ބައެއް މައްސަލަތައް ދިމާވެފައިވޭ. އެގޮތުން އެ މުއައްޒިފުން ހޭލުންތެރި ކުރުން ވެސް ރެކޮމެންޑުކޮށްފައި ވާނެ،" މުއައްވިޒު ވިދާޅުވި އެވެ.

ވޭތުވެދިޔަ ފަސް އަހަރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު 2015 ވަނަ އަހަރު ސަރުކާރުގެ އިދާރާތަކަށް ހުށަހަޅާފައި ވަނީ 259 ރެކޮމެންޑޭޝަން އެވެ. އަދި 2014 ވަނަ އަހަރު 208 ރެކޮމެންޑޭޝަނެއް ހުށަހަޅާފައިވާ އިރު 2013 ވަނަ އަހަރު ހުށަހެޅީ 265 ރެކޮމެންޑޭޝަނެވެ. އަދި 2012 ވަނަ އަހަރު ހުށަހެޅުނީ 132 ރެކޮމެންޑޭޝަނެކެވެ.