މައްސަލަ ރައްދުވާ ބައެއް ފަރާތްތަކުގެ ބަޔާންތައް ނުލިބުނަސް، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ރިޕޯޓް އިތުރަށް ލަސްނުކޮށް މި މަހު ނެރޭނެ ކަމަށް އެ މައްސަލަ ތަހުގީގު ކުރާ، އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީ އިން މިއަދު ބުނެފި އެވެ. މީގެ ކުރިން އެ ރިޕޯޓް ނެރުމަށް އެކި ތާރީހުތައް އޭސީސީ އިން ވަނީ ދީފަ އެވެ.
ޕީއެސްއެމްގެ ޓީވީއެމްއަށް ދެއްވި އިންޓަވިއުއެއްގައި އޭސީސީގެ ރައީސް ހަސަން ލުތުފީ ވިދާޅުވީ، އޭސީސީގެ ހިޔާނާތާ ގުޅިގެން ސުވާލު ކުރަން ޖެހޭ ބައެއް މީހުން މިހާރު ދިރިއުޅެމުން ދަނީ ރާއްޖޭން ބޭރުގައި ކަމަށެވެ. އެކަމާ ގުޅިގެން އެ މީހުންގެ ބަޔާންތައް ތަހުގީގަށް ނެގުމަށް އެކި ގޮތްގޮތުން މަސައްކަތް ކުރި ނަމަވެސް އެ މީހުންގެ ބަޔާންތައް ލިބިފައި ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. އެ މީހުންގެ ބަޔާންތައް ނުލިބުނު ނަމަވެސް ކުރިން އިއުލާންކޮށްފައި އޮތް ގޮތަށް އެ ތަހުގީގު ރިޕޯޓް ލަސްނުކޮށް މި މަހު ނެރޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ތަހުގީގު ލަސްވެފައިވާ ކަމަށް ބުނެ ކޮމިޝަނަށް ކިޔާ ފާޑުކިޔުންތަކާ ގުޅޭ ގޮތުން، އެ އިންޓަވިއުގައި ލުތުފީ ވިދާޅުވީ އެ ތަހުގީގަށް މައުލޫމާތު ހޯދަން ފަސޭހަ ނޫން ކަމަށާއި އެއީ ވަރަށް ބޮޑު ތަހުގީގެއް ކަމަށެވެ. އަދި އެ ތަހުގީގު ކުރުމަށް ޓަކައި އެ މައްސަލައަށް ހާއްސަ ނުވަ އިންވެސްޓިގޭޓަރުންގެ ޓީމެއް ހަރަކާތްތެރިވަމުން އަންނަ ކަމަށް ވެސް ލުތުފީ ވަނީ ވިދާޅުވެފަ އެވެ.
"މައްސަލައިގެ ބާވަތުން މައުލޫމާތު ހޯދަން އުނދަގޫ. އެހެން ނަމަވެސް މައްސަލައިގެ ތަހުގީގުގެ ސްޕީޑް ހަމަ އަވަސް. ލަހެއް ނޫން،" ލުތުފީ ވަނީ ވިދާޅުވެފަ އެވެ.
އެ ހިޔާނާތާ ގުޅޭގޮތުން އޮޑިޓާ ޖެނެރަލް އެކުލަވާލެއްވި ހާއްސަ ރިޕޯޓުން ހާމަވެފައިވާ ގޮތުގައި އެ ހިޔާނާތުގެ ސަބަބުން އެމްއެމްޕީއާރުސީގެ ބަޖެޓުން 1.2 ބިލިއަން ރުފިޔާ ވަނީ ގެއްލިފަ އެވެ. އޭސީސީ އިން މީގެ ކުރިން ބުނެފައިވާ ގޮތުގައި ގެއްލުނު ފައިސާގެ އަދަދު އޮޑިޓް ރިޕޯޓްގައިވާ އަދަދާ ތަފާތެއް ނެތެވެ.
އޭސީސީ އިން ބުނެފައި ވަނީ އެ ރިޕޯޓްގައި މައްސަލައިގެ އެންމެ ފުންމިނަށް ގޮސް، ހިޔާނާތުގެ ފައިސާ ގޮސްފައިވާ ދިމާތަކާއި އެކަމުގެ ޝާމިލްވާ ހުރިހާ ފަރާތްތަކެއް ހާމަވާނެ ކަމަށް އޭސީސީ އިން ވަނީ މީގެ ކުރިން ބުނެފަ އެވެ. އަދި އެ ފައިސާ ރިކަވާ ކުރުމަށް ކުރުމަށް ފިޔަވަޅުތައް އެޅުމަށް އިދާރާތަކަށް ރިޕޯޓާ އެކު ހުށަހަޅާނެ ކަމަށް ވެސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.
އެގޮތުން އެންމެ ފަހުން ރިޕޯޓް ލަސްވީ މައްސަލައިގައި ބަޔާން ނަގަން ޖެހޭ ބައެއް ފަރާތްތަކުގެ ބަޔާން ނުލިބިގެން ކަމަށް އޭސީސީ އިން ބުނެފައިވެ އެވެ. ގާތްގަނޑަކަށް 600 ސޮފްހާގެ އެ ރިޕޯޓް ނެރެން ތައްޔާރުވެފައިވަނިކޮށް އެ ހިޔާނާތާ ގުޅޭ ގޮތުން އަލްޖަޒީރާ އިން އާންމު ކުރި ސްޓީލިން ޕެރަޑައިޒް ޑޮކިއުމަންޓްރީއާ ގުޅިގެން އިތުރު ކަންތައްތަކެއް އޭސީސީ އިން ވަނީ ބަލައިފަ އެވެ.