ހަބަރު

އޭސީސީއަށް އެންމެ ގިނައިން ހުށަހެޅީ ޕްރޮކިޔުމެންޓްގެ މައްސަލަތައް

މިދިޔަ އަހަރު އެންމެ ގިނައިން ރަޖިސްޓްރީ ކޮށްފައިވަނީ ޕްރޮކިޔުމެންޓާ ގުޅޭ މައްސަލަތައް ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން މިއަދު ބުނެފި އެވެ.

އޭސީސީއިން މިއަދު އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުގައި ނިމުނު 2016 ވަނަ އަހަރު ޕްރޮކިޔުމެންޓާ ގުޅޭ 320 މައްސަލައެއް އެ ކޮމިޝަނުގައި ވަނީ ރަޖިސްޓްރީ ކޮށްފަ އެވެ. އެއީ، 2015 ވަނަ އަހަރު ރަޖިސްޓްރީ ކުރި އެފަދަ މައްސަލަތަކުގެ މިންވަރާ އަޅާބަލާއިރު 11.5 ޕަސެންޓްގެ އިތުރުވުމެކެވެ. ދެހާސްފަނަރަ ވަނަ އަހަރުގެ ތެރޭގައި ރަޖިސްޓްރީ ކުރީ ޕްރޮކިއުމަންޓާ ގުޅޭ 287 މައްސަލައެވެ.

މިދިޔަ އަހަރު ދެވަނައަށް އެންމެ ގިނައިން އޭސީސީގައި ރަޖިސްޓްރީ ކުރީ ވަޒީފާއާ ގުޅޭ މައްސަލަތަކެވެ. އޭގެތެރޭގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ވަޒީފާދިނުމާއި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަޒީފާއިން ވަކިކުރުމާއި، އުސޫލުތަކުގެ ބޭރުން ޕްރޮމޯޝަން ދިނުން ފަދަ ކަންކަމަށް ތުހުމަތުކޮށް ހުށަހެޅި މައްސަލަތައް ހިމެނެ އެވެ.

ވަޒީފާއާ ގުޅޭ 105 މައްސަލައެއް 2016 ވަނަ އަހަރު އެ ކޮމިޝަންގައި ރަޖިސްޓްރީ ކޮށްވާއިރު 2015 ވަނަ އަހަރު ވަޒީފާއާއި ގުޅޭ 156 މައްސަލަ ކޮމިޝަނުގައި ރަޖިސްޓްރީ ކުރި އެވެ.

މީގެ އިތުރުން 2016 ވަނަ އަހަރު ގޯތިގެދޮރާއި، ކުއްޔަށް ދޫކުރެވޭ ބިމާއި، ރަށްތަކާއި ގުޅޭ ޖުމްލަ 141 މައްސަލައެއް ރަޖިސްޓްރީ ކޮށްފައިވާ ކަމަށް ތަފާސް ހިސާބުތައް ދައްކަ އެވެ. އަދި އެހެނިހެން ތަފާތު ބާވަތްތަކުގެ 354 މައްސަލައެއް މިދިޔަ އަހަރު އެ ކޮމިޝަނުގައި ރަޖިސްޓްރީ ކޮށްފައިވެއެވެ.