ވިޔަފާރި

އިންޑިޔާ ސަރުކާރާ ގުޅިގެން ރާއްޖެ އިޝްތިހާރު ކުރަން ފަށަނީ

Oct 16, 2016
1

އިންޑިޔާ ސަރުކާރާ ގުޅިގެން ރާއްޖެ އިޝްތިހާރު ކުރަން ހާއްސަ މަސައްކަތްތަކެއް ފެށުމަށް، މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ފަށައިފި އެވެ.

އެއް މިލިއަން ވަނަ ޓޫރިސްޓު ރާއްޖެއަށް ޒިޔާރަތް ކުރުން ފާހަގަ ކުރުމަށް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ގައި ބޭއްވި ރަސްމިއްޔާތުގައި މެނޭޖިން ޑިރެކްޓަރު އަބްދުލް ހާރިސު ވިދާޅުވީ އިންޑިޔާ ސަފީރު އަކިލޭޝް މިޝްރާއާ ބައްދަލުކޮށް ވާހަކަ ދައްކާފައިވާ ކަމަށާއި، މިއާއެކު ރާއްޖެ އިޝްތިހާރު ކުރުމަށް ހާއްސަ މަސައްކަތް ތަކެއް ފެށުމަށް ތައްޔާރުވާން ފަށާފައިވާ ކަމަށެވެ. އަދި އިންޑިޔާއަކީ މުހިންމު މާކެޓެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އިންޑިޔާ އެމްބަސީއާއެކު އިށީންނަށް ތައްޔާރު މިވަނީ ރަސްމީކޮށް، ރާއްޖެ އިންޑިޔާގައި ޕްރޮމޯޓްކޮށް، ރާއްޖޭގެ ވިިޒިބިލިޓީ އިންޑިޔާގައި ގެންދެވޭނީ ކޮން ގޮތަކަށް ތޯ ބަލައި، އިންޑިޔާގެ ޓުއާ އޮޕަރޭޓަރުންނާއި އިންޑިޔާގެ މާކެޓިން އެޖެންސީތަކާއެކު ވާހަކަ ދައްކައި، ކޮލަބްރޭޓިވް ޕްލެޓްފޯމްއެއްގައި މަސައްކަތް ކުރެވޭނެ ގޮތަކީ ބަލަން،" ހާރިސް ވިދާޅުވި އެވެ.

މި ރަސްމިއްޔާތަށްފަހު، ބޭއްވި ނިއުސް ކޮންފަރެންސުގައި އިންޑިޔާގެ ސަފީރު އަކިލޭޝް މިޝްރާ ވިދާޅުވީ އިންޑިޔާއިން ރާއްޖެ އަންނަ ޓޫރިސްޓުން އިތުރު ކުރުމަށް މަސައްކަތް ކޮށްދޭނެ ކަމަށެވެ.

އިންޑިޔާއަކީ ރާއްޖޭގެ ޓޫރިޒަމްގެ އެންމެ ވަރުގަދަ 10 ގައުމުގެ ތެރޭގައި ހިމެނޭ އެއް ގައުމެކެވެ. އެ ގައުމުން މި އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް 39،059 ޓޫރިސްޓުން ޒިޔާރަތް ކޮށްފައިވެ އެވެ. މިއީ މިދިޔަ އަހަރު ރާއްޖެއަށް ޒިޔާރަތް ކުރި 32،181 ޓޫރިސްޓުންނާ އަޅާ ބަލާއިރު، 21.4 ޕަސެންޓް އިތުރު އަދަދެކެވެ.